މެންޗެސްޓާ ސިޓީ

ގާޑިއޯލާ ބުނަނީ ޓެކްޓިކަލީ ވިސްނައި، ޑި ބްރޭނާވެސް ބެންޗް ކުރަން ޖެހޭ ކަމަށް

ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާވެސް ބައެއް މެޗުތަކުގައި ބެންޗް ކުރަން ޖެހޭ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އުމުރުން 31 އަހަރުގެ ޑި ބްރޭނާ، ސިޓީން ޓޮޓެންހަމްއާ ދެކޮޅަށް ލީގުގައި ކުޅުނު މެޗުގައި ފެނިފައެއް ނުވެއެވެ. މިދިޔަ ދެތިން ސީޒަނުގައިވެސް ޑި ބްރޭނާއަކީ ސިޓީގެ އެންމެ މުހިއްމު އަދި އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ހުރި އިރު، އޭނާ ބެންޗް ކުރި ސަބަބާމެދު ބައެއް ނޫސްވެރިން ވަނީ ގާޑިއޯލާއާ ސުވާލު އުފައްދައިފައެވެ. ނޫސްވެރިން އެ ސުވާލުކުރީ ޑި ބްރޭނާ އަނިޔާއެއްގައި ތޯ އަހައި، ސާފު ކުރުމަށެވެ.

އެ ސުވާލުގެ ޖަވާބުގައި ގާޑިއޯލާ ބުނީ ފޯވަޑް އާލިން ހާލަންޑް މި ސީޒަނަށް ޓީމާ ގުޅުމާއެކު ޓެކްޓިކަލީ ބަދަލުތަކެއް ގެނެސް ޓީމު އޭނާއަށް ހޭނެން ޖެހުނު ކަމަށާއި ކުޅުމުގެ ސްޓައިލަށް ގެނައި އެ ބަދަލާއެކު ބައެއް ފަހަރު ޑި ބްރޭނާ ބޭނުން ނުކުރާނެ ކަމަށެވެ.

"މިދިޔަ ހަތް އަހަރެއްހާ ދުވަހު އަހަންނަށް ޑި ބްރޭނާ ވަރަށް ރަނގަޅަށް ވަނީ ދަސްވެފައި. ކެވިން ބޭނުން ކުރާނެ ހާލަތްތަކާއި ބޭނުންކުރަން ނުޖެހޭ ހާލަތްތައްވެސް އަހަންނަށް ވަރަށް ސާފުކޮށް އެނގޭނެ. ބައެއް ފަހަރު ކެވިންގެ މަގާމަށް ތަފާތު ކުޅުންތެރިޔަކު ބޭނުންވޭ. އެއީ ކެވިންއަކީ އަބަދު އޭރިއާ ތެރެއަށް ވަދެ ކުޅޭނެ ކަހަލަ ކުޅުންތެރިޔަކަށް ނުވާތީއާވެސް އެކު،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ޑި ބްރޭނާ ފަދަ ކުޅުންތެރިންނަކީ އެސިސްޓް ކުރުމާއި އެޓޭކް އުފެއްދުމަށް ހާއްސަ ކުޅުންތެރިން ނަމަވެސް ސްކޮޑުގައި ގިނަ ކުޅުންތެރިންތަކެއް ބޭނުންކުރަން އޮތުމުން، އިތުރު ޓެކްޓިކަލް ވިސްނުންތަކުގައި ބައެއް ފަހަރު ޑިބްރޭނާވެސް ބެންޗް ކުރަން ޖެހޭނެ ކަމަށެވެ.

ޓޮޓެންހަމްއާ ދެކޮޅަށް ސިޓީން ކުޅުނު މެޗު ފަހަތުން އަރައި އެޓީމުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. އެ މެޗަށްފަހު، މި ހަފުތާ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީން 3-0 އިން މޮޅުވެފައިވާ އިރު، އެ މެޗުގެ ފުރަތަމަ 11 އަށް ޑި ބްރޭނާ ނުކުމެފައިވެއެވެ. އެ މެޗުގައި ގާޑިއޯލާ ވަނީ 77 ވަނަ މިނެޓުގައި ޑިބްރޭނާ ބާލައިފައެވެ.