ސާބިތު ދަރަންޏެއް އޮތް ނަމަވެސް ޕާސްޕޯޓް ކެންސަލް ނުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމައިފިއެވެ.
ހައިކޯޓުން މިގޮތަށް ނިންމާފައި ވަނީ، ސިވިލް ކޯޓުގައި ހިނގަމުން ދިޔަ ސާބިތު ދަރަނީގެ މައްސަލަތަކަކާ ގުޅިގެން ޕާސްޕޯޓުތަކެއް ކެންސަލް ކުރަން އެ ކޯޓުން ނެރުނު އަމުރުތަކެއްގެ މައްސަލަ އެކޯޓަށް ހުށަހެޅުމުން އެއަމުރުތައް ބާތިލު ކުރުމަށް މިދިޔަ އާދިއްތަ ދުވަހު އެ ކޯޓުން ކުރި ހުކުމުންނެވެ.
މިއީ ކޯޓުން ފަސް މީހެއްގެ ޕާސްޕޯޓު ކެންސަލް ކުރަން އިމިގްރޭޝަނުގެ މައްޗަށް އަމުރު ކުރި މައްސަލައެކެވެ. އެއީ އެ ކޯޓުގައި ސާބިތުވެފައިވާ ދަރަނިތަކުގެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގެ ތެރެއިން ކުރި އަމުރެކެވެ. ނަމަވެސް އެ ފަސް މީހުންނަކީ އަމުރުތައް ނެރުނު އިރު، ރާއްޖެއިން ބޭރަށް ގޮސްފައިވާ ބައެކެވެ.
- ސައިފް އިބްރާހިމް، މއ. ކޮރޮނެޓްޕީކް
- މުހައްމަދު ބާގިރު، ވ. ރާހި
- މުހްތާރު އާދަމް، ދަފްތަރު ނަންބަރު 8882
- އިސްމާއިލް ވަހީދު، މއ. ބިންމާވިލާ
- އަހުމަދު ޝަފާޒް، ފ. ނިލަންދޫ/އަސަރީގެ
އެމީހުންގެ ޕާސްޕޯޓް ކެންސަލްކުރަން ނެރުނު އަމުރަކީ، ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުއާމަލާތްތަކުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދާ ހިލާފަށް ނެރެފައިވާ އަމުރުތަކެއް ކަމަށް ބުނެ އިމިގްރޭޝަނުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުޒެއިފާ މުހައްމަދު ރައުޔުގައި، ޕާސްޕޯޓް ހިފެހެއްޓުމާއި ޕާސްޕޯޓު ކެންސަލް ކުރުމާ އެއް ހަމަ ކަމެއްގެ ގޮތުގައި ބެލެވޭކަށް ނެތް ކަމަށް ވިދާޅުވިއެވެ. ސަބަބެއް ކަމަށް ފަނޑިޔާރު ވިދާޅުވީ، ދިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދުގެ ދަށުން، ޕާސްޕޯޓް ހިފެހެއްޓުމާއި ޕާސްޕޯޓް ކެންސަލްކުރުމުގެ ހަމަތައް ބަޔާންކުރަނީ ތަފާތު ދެ މާއްދާއެއްގައި ކަމަށް ވާތީއެވެ.
ފަނޑިޔާރު ހުޒެއިފާ ފާހަގަކުރެއްވީ މި މައްސަލައިގައި ސިވިލް ކޯޓުން ގާނޫނު މާނަކުރުމުގައި، ގަވާއިދުގައި ނުހިމެނޭ ކަމެއް އިތުރުކުރުމަކީ ގާނޫނުން ނުވަތަ ގަވާއިދުގެ މާއްދާގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުން ކަމަށެވެ.
މި މައްސަލައިގައި ފާހަގަކުރެވުނު ކަންތައްތަކަށް ބައްލަވައި، ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ، ޕާސްޕޯޓު ހިފެހެއްޓުމަށް ސިވިލްކޯޓުން ކުރި ފަސް އަމުރަކީ ބާތިލް ކޯޓު އަމުރުތަކެއް ކަމަށް ހުކުމްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު