ޚަބަރު

ރައީސް އިދިކޮޅަށް: މުޒާހަރާތައް ހުއްޓުވާކަށް ނެތިން، އެކަމު އުނދަގޫ ނުކުރޭ!

އިދިކޮޅުން ޕީޕީއެމް/ޕީއެންސީ އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރާ މުޒާހަރާތައް ނުހުއްޓުވާނެ ކަމަށާއި ނަމަވެސް މުޒާހަރާތައް ކުރާއިރު އެހެން މީހުންނަށް އުނދަގޫ ނުވާނެހެން އެކަން ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ސޯލިހު އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ވަޑައިގަތުމުން އެރަށްރަށުގައި އެމަނިކުފާނާއި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލައެވެ. ބައެއް ފަހަރު ރައީސް ވާހަކަފުޅުދައްކަވާ ގަޑީގައި ލައުޑް ސްޕީކަރުން ލަވަ ޖަހައި އަޑު ކަނޑުވައިލުމުގެ މަސައްކަތްވެސް ބައެއް ރަށްރަށުން ކުރެއެވެ.

ޕްރައިމަރީގެ ކެމްޕޭނަށް މިއަދު އއ. މާޅޮހަށް ވަޑައިގެން އެރަށުގެ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ހިޔާލުފާޅުކުރުމާއި ޝުއޫރުފާޅުކުރުމާއި އެއްވެ އުޅުމަކީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ބޮޑު ބިރެއްގެ ގޮތުގައި އޮތް ކަމެއް ކަމަށާއި ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެއްވެސް ހުރަހެއް ނެތި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ އިތުރުން އެއްވެ އުޅުމުގެ މިނިވަންކަން ދީފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، އެމީހަކު ފާޅުކުރާ ހިޔާލެއް ނުވަތަ އަޑެއްގެ ސަބަބުން އެއްވެސް ބަޔަކަށް އުނދަގުލެއް ވެގެން ނުވާނެ ކަމަށެވެ.

"ތިމާ ފާޅުކުރާ ހިޔާލެއް ނުވަތަ އުފުލާ އަޑެއްގެ ނަތީޖާއަކަށް ވެގެން ނުވާނެ ޖެހިގެން ހުންނަ މީހާގެ ކަންފަތު ތޫރި ފޫއަޅުވާލާ އެއްޗަކަށެއް. އެހިސާބަށް ގޮއްސިއްޔާ ދެން ޖެހޭނީ އެއާ ދޭތެރޭގައި ވެރިކަމުގައި ތިބި ބަޔަކު ވިސްނަން. މިއަދު އަޅުގަނޑުމެންނަށް ބައެއް ފަހަރު އެ މަންޒަރު އެބަ ފެނޭ،" ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ، އެއްވެ އުޅުން މަނާކުރުމާއި ހިޔާލުފާޅުކުރުން ހުއްޓުވާން ސަރުކާރުން މަސައްކަތެއް ނުކުރާނެ ކަމަށާއި ޝުއޫރު ފާޅުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އެހެންނަމަވެސް އެއީ ދެން ތިބި މީހުންނަށް ދުއްތުރާއަކަށްވެގެން ނުވާނެ. ކުރިއަށް ގެންދަވަންވީ އެބޭފުޅުންވެސް [އިދިކޮޅު މުޒާހާރާތައް] އަޅުގަނޑުމެންނަށް އަޑުއަހަން ކެރޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކީ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއެއް ނަމަވެސް، ޕްރައިމަރީގެ ތެރޭގައި އެހެން ކުލަތައް ޖެހެމުންދާ ކަމަށާއި ޕްރައިމަރީ ގަޑުބަޑުކުރަން އެހެން ބަޔަކު މަސައްކަތް ކުރާ ކަމަށެވެ.