އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން އިނގިރޭސީން ޝައުގުވެރިވާ ކަމަށާއި އެވާހަކަ އަބަދުވެސް އަހާ ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އިއްޔެ އައްޑޫ ސިޓީ މަރަދޫއަށް ވަޑައިގެން ރޭ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ނަޝީދު ވަނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ހިއްސާ ކައުންސިލަށް ބަދަލުކުރައްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އެ އެެއާޕޯޓު ތަރައްގީކުރުމުގެ ވާހަކައަކީ އެތަކެއް ޒަމާނެއްވެފައިވާ ވާހަކައެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. ރާއްޖޭގެ އެންމެ ޒަމާންވީ އިންޓަނޭޝަނަލް އެއާޕޯޓަކީ ގަން އެއާޕޯޓު ކަމަށާއި ނަމަވެސް މިއަދާ ހަމައަށްވެސް އެ އެއާޕޯޓުގެ ބޭނުން އެންމެ ރަނގަޅަށް ހިފިފައި ނުވާކަމަށްވެސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ދެން އުފެދޭ އެ މަނިކުފާނުގެ ވެރިކަމެއްގައި ގަން އެއާޕޯޓުގެ ހިއްސާ ކައުންސިލަށާއި އާންމުންނަށް ލިބޭ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ.

އައްޑޫ އެއާޕޯޓުގެ 65 ޕަސަންޓަށްވުރެ ބޮޑުކޮށް އޮތް ހިއްސާ އަދިވެސް އޮތީ ސަރުކާރުގަ. އަޅުގަނޑު އިރާދަކުރެއްވިއްޔާ ދެން އުފެދޭ އެމްޑީޕީ ސަރުކާރެއްގަ އެ ހިއްސާ އައްޑޫ ސިޓީ ކައުންސިލަށާ އަދި ޕަބްލިކަށް، އާންމުންނަށް ބަދަލުކުރެވޭނޭ ގޮތަކަށް އަޅުގަނޑުމެންގެ ސިޔާސަތު ކުރިއަށް ގެންދާނަން. ހާއްސަ ގޮތެއްގައި ސިޓީ ކައުންސިލަށް، ފިނޭންސް މިނިސްޓްރީގައި އޮތް ހިއްސާގެ ބޮޑުބައެއް ސިޓީ ކައުންސިލަށް ފުރޮޅާލުމަކީ އަޅުގަނޑަށް ފެންނަ ގޮތުގާ މި އެއާޕޯޓު ހަދައި ކުރިއަށް ގެންދަން އޮތް އެންމެ ފަސޭހަ މަގު" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެކިއެކި ވެރިކަންތަކުގައި ގަން އެއާޕޯޓު ތަރައްގީކުރުމުގެ ޕްލޭނެއް ގެންގުޅުއްވާ ކަމަށާއި ނަމަވެސް ގަން އެއާޕޯޓް ތަރައްގީ ކުރެވެނީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕެއްގެ ދަށުން ކަމަށާއި އުމްރާނީ ތަރައްގީގައި އެމްޑީޕީގެ ސިޔާސަތަކީ އެގޮތްކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ފައިސާހުރި އަދި އެއާޕޯޓު ހިންގުމުގެ ތަޖުރިބާހުރި ބައިނަލްއަގުވާމީ ބޭފުޅުންނާއެކު ގަން އެއާޕޯޓު ހިންގޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ގިނަ ކުންފުނިތަކަންނާއި އެގައުމުގައި ތިބި އެކުވެރި ވިޔަފާރިވެރިންނާއި މިނިސްޓަރުންނާ އެ މަނިކުފާނު ބައްދަލުކުރައްވާއިރު އަބަދުވެސް ގަން އެއާޕޯޓު ވިޔަފާރީގެ އުސޫލުން ހިންގަން ޝައުގުވެރިވާކަން ފާޅުކުރައްވައި އައްޑޫއާ ބެެހޭގޮތުން މައުލޫމާތު ސާފުކުރައްވާކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕެއްގެ ދަށުން ގަން އެއާޕޯޓް ތަރައްގީކުރަން ޓެންޑާ ކުރުމާއެކު ގަން އެއާޕޯޓު ހިންގައިދޭނެ ބޭރުގެ ތަޖުރިބާކާރުން ވަރަށް ފަސޭހައިން ލިބިގެންދާނެ ކަމަށެވެ.

ރަށު ބަންދުގައި ރައްޔިތުން ތިބެން ޖެހިގެން ނުވާނެ ކަމަށާއި ވަކި ބަޔަކު ރުހޭ ގޮތް ބަލަން ހަދައިގެން އުމްރާނީ ވަސީލަތްތަކުގެ ތަރައްގީ ހުއްޓިފައި ހުރުން ބަލައި ނުގަނެވޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.