އުރީދޫ 5ޖީ ހޯމް ބްރޯޑްބޭންޑް، އެއާފައިބާ ނަގާ ފަރާތްތަކަށް އެއާފައިބާ ޑިވައިސްއިން 50 ޕަސަންޓް ޑިސްކައުންޓް ދިނުމަށް ނިންމައިފިއެވެ.

އުރީދޫން މިއަދު ބުނީ، އެ ކުންފުނީގެ ތަސައްވަރާ އެއްގޮތަށް ހެޔޮ އަގުގައި އިންޓަނެޓް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖެއަށް މުޅިން އަލަށް އެ ކުންފުނިން ތައާރަފުކޮށްފައިވާ 5ޖީ ހޯމް ބްރޯޑްބޭންޑް، އެއަފައިބާ އަލަށް ނަގާ ކަސްޓަމަރުންގެ ތެރެއިން ޑިވައިސްގެ ފުލް ޕޭމަންޓް އެއްފަހަރާ ދައްކާ ފަރާތްތަކަށް މިއަދު ފެށިގެން 50 ޕަސަންޓް ޑިސްކައުންޓް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ 5ޖީ އެއާފައިބާއާ އެކު ހައިސްޕީޑް އިންޓަނެޓް ލިބުމުގެ އިތުރުން އިންޓަނެޓާ ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައްވެސް ކުޑަވެގެންދާނެ ކަމަށެވެ.

އޭގެއިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 5ޖީ އެއާފައިބާގެ ހިދުމަތް ދިނުމުގެ ގޮތުން 12 މަހުގެ ކޮންޓްރެކްޓްއަކާއެކު ޑިވައިސް ޕްލޭންއެއްވެސް އުރީދޫން ފޯރުކޮށްދޭނެއެވެ.

އުރީދޫން ބުނީ އެއާފައިބާއާއެކު ގޭގައި ތިބެގެން އޮންލައިން ކްލާސްތައް ކުރިއަށް ގެންދިއުމަށާއި މަސައްކަތްކުރުމަށް ފަސޭހަވެ، ފިލްމް އަދި ޝޯތައްވެސް ސިކުންތުކޮޅެއްގެ ތެރޭގައި ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. އަދި ހައިސްޕީޑް އިންޓަނެޓާއި ލޯ ލޭޓެންސީގެ ސަބަބުން އެއްވެސް ބުރޫ އެރުމެއްނެތި ގޭމް ސެޝަންތައް ނިންމާލެވޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

އުރީދޫ މިފަހުން ރާއްޖެއަށް ތައާރަފުކުރި 5ޖީ ނެޓްވޯކް ވަނީ މާލެ، ވިލިމާލެ ހުޅުމާލެ ފޭސް އެކެއް އަދި ހުޅުލެއަށް ފުޅާކޮށްފައެވެ.

އުރީދޫގެ 5ޖީ އެއާފައިބާ ޕްލޭންތަކުގެ ހިދުމަތް ހޯދުމަށާއި އެއާ ގުޅޭ މައުލޫމާތުތައް [އުރީދޫ ވެބްސައިޓުން](https://www.ooredoo.mv/request-for-airfibre) ލިބެން ހުންނާނެއެވެ.