އިނގިރޭސި ޕްރިމިއާ ލީގު

ފަހުވަގުތު އެންކެޓިއާ ގޯލް ޖަހައި އާސެނަލުން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލުން މިރޭ ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.

އާސެނަލްގެ އެމިރޭޓްސް ދަނޑުގައި މިރޭ ކުޅުނު ފޯރިގަދަ މެޗު އާސެނަލުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފަހު ވަގުތުގައި އެޑްވާންޑް އެންކެޓިއާ ޖެހި ގޯލާއެކު ތިން ޕޮއިންޓް ޔަގީންކޮށް، އާސެނަލުން ވަނީ އެއްވަނައިގައި ލީޑު ދަމަހައްޓައިފައެވެ.

ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީން މިރޭ ކުޅުނު މެޗުން ވުލްވްސް އަތުން މޮޅުވި ނަމަވެސް، އާސެނަލް އަދިވެސް އޮތީ ފަސް ޕޮއިންޓްގެ ލީޑެއް ގައެވެ. މިވަގުތު އާސެނަލް އެއްވަނައިގައި އޮތީ 19 މެޗުން 50 ޕޮއިންޓް ހަމަކޮށްގެންނެވެ. ސިޓީން ދެވަނައިގައި އޮތީ 20 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ.

އާސެނަލް ވެފައި ވަނީ 38 މެޗުގެ ސީޒަނެއްގައި މެދާ ހަމައަށް ދިޔަ އިރު، 50 އަށްވުރެ ގިނައިން ޕޮއިންޓް ހޯދި ހަތަރުވަނަ ޓީމަށެވެ. މީގެ ކުރިން 2019-20 ވަނަ ސީޒަނުގައި ސިޓީން ސީޒަނުގެ މެދާ ހަމައަށް ދިޔަ އިރު، 55 ޕޮއިންޓް ހޯދާފައި އޮތް އިރު، 2005-06 ވަނަ އަހަރުގެ ސީޒަނުގައި ޗެލްސީން ވަނީ 52 ޕޮއިންޓް ހަމަކޮށްފައެވެ. އޭގެ އިތުރުން 2018-19 ވަނަ އަހަރުގެ ސީޒަނުގައި ލިވަޕޫލުން ވަނީ 19 މެޗުން 51 ޕޮއިންޓް ހަމަކޮށްފައެވެ.

ޔުނައިޓެޑުން އާސެނަލާ ދެކޮޅަށް މިރޭ ނުކުތީ ސަސްޕެންޝަނުގައި ހުރި އެޓީމުގެ މިޑްފީލްޑަރު ކަސެމީރޯ ނުލައެވެ. ކަސެމީރޯ ނެތްތައް ފޫބައްދަން ފުރަތަމަ 11 އަށް ނުކުރީ ސްކޮޓް މެކްޓޮމިނޭއެވެ.

ޔުނައިޓެޑުން 17 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. ބްރޫނޯ ފެނާންޑޭޒް ކުރިއަށް ދުއްވާލި ބޯޅައަށް އަރައި ރަޝްފޯޑު ޖެހި ގޯލާއެކު ޔުނައިޓެޑުން ލީޑު ނެގި ނަމަވެސް އާސެނަލުން ވަނީ މަޑު މަޑުން މެޗު ތެރެއަށް ވަދެ ހަމަލާތައް އުފައްދަން ފަށައިފައެވެ.

ބުކަޔޯ ސަކާ 21 ވަނަ މިނެޓުގައި ފޮނުވާލި ހަމަލާ މަތިން ދިޔަ އިރު، 24 ވަނަ މިނެޓުގައި އެންކެޓިއާ އާސެނަލަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ގްރަނިޓް ޖަކާގެ ހުރަސް އެންކެޓިއާ ގޯލަށް ވައްދާލީ ބޮލުން ގޯލަށް ޖަހައިގެންނެވެ.

ދެވަނަ ހާފަށް ނުކުމެވެސް ރަނގަޅަށް ކުޅެމުން ދިޔަ އާސެނަލުން 53 ވަނަ މިނެޓުގައި ވަނީ ލީޑު ނަގައިފައެވެ. އަރިމަތިން ކުރިއަށް ޖެހި އެތެރެއަށް ކަނޑާލައި، ސަކާ ޖެހި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ.

މެޗު އިތުރަށް ފޯރިގަދަވެގެން ދިޔައީ އޭގެ އިރުކޮޅެއް ފަހުން، 59 ވަނަ މިނެޓުގައި ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރުމުންނެވެ. ކްރިސްޓިއަން އެރިކްސަންގެ ކޯނަރުގައި އާސެނަލްގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލް އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނީ އާޖެންޓީނާގެ ޑިފެންޑަރު ލިސާންޑްރޯ މާޓިނޭޒްއެވެ.

އާސެނަލުން ގޯލަކަށް ނުރައްކާ ކުރަމުން ދިޔަ އިރު، އެންކެޓިއާގެ ނުރައްކާ ފާހަގަކޮށްލެވުނެވެ. މެޗުގެ 84 ވަނަ މިނެޓުގައި އޭނާގެ ބާރު ހަމަލާއެއް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރި އިރު، މެޗުން މޮޅުވި ގޯލް ޖެހީ 90 ވަނަ މިނެޓުގައެވެ. މާޓެން އޮޑިގާޑް މެދުތެރެއިން ތަނަވަސްކުރި ފުރުސަތެއްގައި އަރިމަތިން އެލެކްސެންޑްރާ ޒިންޗެންކޯ ނަގައިދިން ހުރަސް ގޯލަށް ވައްދާލީ އުމުރުން 23 އަހަރުގެ އިނގިރޭސި ފޯވަޑް އެންކެޓިއާއެވެ.

އެންކެޓިއާ ފޯމު ރަނގަޅުކޮށް ފެނިގެންދާ އިރު، އޭނާއަށް ފުރަތަމަ 11 އިން ފުރުސަތު ލިބެން ފަށާފައި ވަނީ ވޯލްޑް ކަޕްގައި އާސެނަލްގެ ބްރެޒިލް ފޯވަޑް ގެބްރިލިއަލް ޖީސަސްއަށް އަނިޔާވުމުގެ ސަބަބުންނެވެ. އެ ފުރުސަތުގެ ބޭނުން ހިފައި، އެންކެޓިއާ ދަނީ މިކޭލް އާޓެޓާއަށް ފެންވަރު ސާބިތުކޮށްދެމުންނެވެ.