އިނގިރޭސި ޕްރިމިއާ ލީގު

ހާލަންޑްގެ ހަތަރުވަނަ ހެޓްރިކާއެކު ސިޓީ މޮޅުކޮށްދީފި

އާލަންޑް ބްރައުޓް ހާލަންޑް، މި ސީޒަނުގައި މެންޗެސްޓާ ސިޓީއަށް ހަދައިދިން ހަތަރުވަނަ ހެޓްރިކާއެކު އެޓީމުން ވުލްވްސް ބަލިކޮށްފިއެވެ.

މިރޭ ސިޓީން އަމިއްލަ ދަނޑުގައި ވުލްވްސް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުގައި ހާލަންޑް ޖެހި ތިން ގޯލާއެކު އޭނާ ސީޒަނުގައި ޖުމުލަ ޖެހި ގޯލްގެ އަދަދު ވަނީ 31 އަށް އަރައިފައެވެ. ޕްރިމިއާ ލީގުގައި މިސީޒަނުގައި ކުޅުނު 20 މެޗުން ހާލަންޑް މި ސީޒަނުގައި 25 ގޯލް ޖަހާފައިވާ އިރު، އޭގެ ތެރޭގައި ހަތަރު ހެޓްރިކް ހިމެނެއެވެ.

ހާލަންޑް މިރޭގެ މެޗަށް ނުކުތީ އެންމެ ފޯމު ރަނގަޅުކޮށް ހުރެގެން ނޫނެވެ. މިރޭގެ މެޗަށް ނުކުތުމުގެ ކުރިން އެންމެފަހުން ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލް ޖެހީ ތިން މެޗުގެ މެދުކެނޑުމަކަށްފަހުގައި ކަމަށްވުމުން، ހާލަންޑް ހުރީ ސީޒަނުގެ ފުރަތަމަ ކޮޅުގައި ހުރި ފޯމަށް އެޅުމަށް ކެތް މަދުވެފައެވެ.

ހާލަންޑް މިހާތަނަށް ޖެހި 25 ގޯލާއެކު 20 މެޗަށްފަހު އެންމެ ގިނަ ގޯލް ޖެހި ރެކޯޑުގައި އޭނާ ވަނީ އިތުރަށް ކުރިއަށް ޖެހިލައިފައެވެ. މީގެ ކުރިން 20 މެޗުން އެންމެ ގިނަ ގޯލް ޖަހާފައި އޮތީ 2013-14 ވަނަ އަހަރުގެ ސީޒަނުގައި ލިވަޕޫލަށް ކުޅުނު ލުއިސް ސުއަރޭޒެވެ. ސުއަރޭޒް އެ ސީޒަނުގައި 20 މެޗުން 20 ގޯލް ޖެހިއެވެ.

ސިޓީން ރަނގަޅަށް މެޗު ފަށައި، ކެވިން ޑި ބްރޭނާ ހުރަސްކޮށްލި ބޯޅައެއްގައި ހާލަންޑް ފުރަތަމަ ލީޑު ނެގީ 40 ވަނަ މިނެޓުގައެވެ.

ދެވަނަ ހާފަށް ނުކުމެ ޕެނަލްޓީއެއްގައި ހާލަންޑް ދެވަނަ ގޯލް ޖެހި އިރު، އެ ޕެނަލްޓީއަކީ އިލްކޭ ގުންޑޮގަންއަށް ވުލްވްސްގެ ރުބެން ނެވޭސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ހާލަންޑް އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ 54 މިނެޓުގައެވެ. އެ ހެޓްރިކާއެކު ހާލަންޑް ވަނީ އެއް ސީޒަނެއްގައި އެންމެ ގިނަ ހެޓްރިކް ހެދި އެލެން ޝިއެރާގެ ރެކޯޑާ ހަމަކުރުމާ ގާތަށް ޖެހިލައިފައެވެ. ޝިއެރާ ވަނީ އެއް ސީޒަނެއްގައި ފަސް ހެޓްރިކް ހަދައިފައެވެ.

މިރޭގެ މެޗުން ސިޓީ ހޯދި މޮޅާއެކު އެޓީމު ދެވަނައިގައި އޮތީ 20 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި އޮތް އާސެނަލުން 19 މެޗު ކުޅެ، 50 ޕޮއިންޓް ހޯދާފައިވާއިރު، މިރޭ އެޓީމުން ވަނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުންވެސް މޮޅުވެފައެވެ. އެ މެޗުން އާސެނަލް މޮޅުވީ 2-3 ގެ ނަތީޖާއަކުންނެވެ.

ވުލްވްސް އޮތީ 17 ވަނައިގައެވެ. އެއީ 20 މެޗުން 17 ޕޮއިންޓާއެކުގައެވެ.