ޚަބަރު

މާލެ ސިޓީ ކައުންސިލުން 20 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބިލު ނުދައްކައިގެން ކަރަންޓު ކަނޑަން ފަށައިފި

މުހައްމަދު ސިމާއު

މާލެ ސިޓީ ކައުންސިލުން ސްޓެލްކޯއަށް ދައްކަން ޖެހޭ 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކައިގެން ކައުންސިލުން ބަލަހައްޓާ ތަންތަނުން ކަރަންޓުގެ ހިދުމަތް ކަނޑާލައިފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މިއަދު "ވަން" އަށް ވިދާޅުވީ، އެ ކުންފުނިން ރައްޔިތުންނަށް ހިދުމަތް ދެނީ ކަރަންޓު ބިލަށް ލިބޭ ފައިސާ އިން ކަމަށެވެ.

ނަމަވެސް މާލެ ސިޓީ ކައުންސިލުން މިދިޔަ ދެ އަހަރުގެ ތެރޭގައި އެއްވެސް ވަރަކަށް ކަރަންޓު ބިލުތަކަށް ފައިސާ ދައްކާފައި ނުވާ ކަމަށާއި އެކަމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށް ބުނެ ތަކުރާރުކޮށް ސިޓީ ފޮނުވުމުންވެސް ޖަވާބެއްވެސް ދީފައިނުވާ ކަމަށެވެ.

"މާލެ ސިޓީ ކައުންސިލުން ބިލުތައް ނުދައްކާ މައްސަލާގައި ފައިސާ ދެއްކޭނެ ޕްލޭނެއް ހަދައިދިދޭށޭ، ޕޭވްމަންޓް ޕްލޭނެއް ހަދައިދޭށޭ ބުނެ އެތައް ފަހަރަކު ސިޓީ ފޮނުވައިގެންވެސް ޖަވާބެއް ނުދެއްވާ. ފަހުން އަޅުގަނޑުމެންނަށް ބައެއް ކަންކަމުގައި އުދަނގޫވެސް ކުރަނީ. ބައެއް ކަންކަމުގައި ހުއްދަވެސް ނުދެނީ. އެ ބޭފުޅުން އަޅުގަނޑުމެންނަށް ރެސްޕެކްޓެއް ނުކުރައްވާ،" ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ ތަންތަނުގެ ތެރެއިން ކަރަންޓު ކަނޑާނީ، އާންމުންނަށް އުދަނގޫ ނުވާ ތަންތަނުން ކަމަށެވެ. އޭގެ ތެރޭގައި މިސްކިތްތަކާއި ސަހަރާތަކާއި މާރުކޭޓް އަދި މަގުބައްތިތަކުން ކަރަންޓު ނުކަނޑާނެ ކަމަށް ވިދާޅުވިއެވެ.

ސްޓެލްކޯގެ މީޑިއާއިން "ވަން" އަށް ބުނީ، މިއަދުގެ މިހާތަނަށް އަށް ތަނަކުން ކަރަންޓު ކަނޑާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސަލްޓަން ޕާކާއި ވިލިނގިލި އަވަށު އޮފީހާއި ކާނިވާ ސަރަހައްދުގައި ހުންނަ ނާސަރީ ހިމެނޭ ކަމަށް ބުންޏެވެ.

މި މައްސަލާގައި މާލެ ސިޓީ ކައުންސިލުގެ ބަހެއް ހޯދުމަށް ގުޅުމުން އަދި ޖަވާބެއް ނުދެއެވެ.