މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ތެރޭގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ފުވައްމުލަކު ސިޓީ، ޝިއާއު މުހައްމަދުގެ މަރުގެ މައްސަލައިގައި ކުށުގެ ވެށީން ހައްޔަރުކޮށްފައިވާ، ފ. ނިލަންދޫ ފިނިފެންމާގެ އަލީ ސާހިލް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސަން ކުރިމިނަލް ކޯޓުން ފުރުސަތު ދީފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް ޝަފީއު އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ، މިއަދު ހެނދުނު ސިއްރުކޮށްގެން ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި، ދައުލަތުގެ ހަރަދުގައި ސާހިލަށް ވަކީލަކު ހަމަޖައްސަން ކޯޓުން ފުރުސަތު ދީފައިވާ ކަމަށެވެ.
ގާނޫނު އަސާސީ ބުނާގޮތުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި އަމިއްލަ އަށް ވަކީލަކު ހޯދޭ ފަދަ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖައްސައިދޭން ޖެހޭނެއެވެ. މާލީ ތަނަވަސްކަން ހުރިތޯ ބަލަނީ އެޓާނީ ޖެނެރަލްގެ އޮފީހުން ކަނޑައަޅާފައި އޮންނަ އުސޫލެއްގެ ދަށުންނެވެ.
އާއްމު އުސޫލުގެ ދަށުން ވަކީލަކު ހަމަޖައްސަން ދެނީ ދިހަ ދުވަހެވެ. ނަމަވެސް ދައުލަތުން ވަކީލަކު ހަމަޖައްސައިދޭތީ ވަކި މުއްދަތެއް އެކަމަކަށް ނޯވެއެވެ.
ޝިއާއުގެ މަރުގެ މައްސަލައިގައި ސާހިލަށް ފަސް ދައުވާއެއް ކޮށްފައިވެއެވެ. ސާހިލްގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އިތުރު ހަތަރު ދައުވާ ހިމެނެއެވެ.
އޭގެ ތެރެއިން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި ކެނެބިސް ބޭނުން ކުރުމުގެ ދައުވާކޮށްފައިވާ ކަމަށް ބުނި ނަމަވެސް އިތުރަށް ކޮށްފައިވާ ދެ ދައުވާއާ ބެހޭ މައުލޫމާތު ޕީޖީ އޮފީހުން ދީފައެއް ނުވެއެވެ.
އެ ދައުވާތައް ހާމަ ނުކުރަން ނިންމީ ޝިއާއުގެ އާއިލާއަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް ޕީޖީން ބުނެފައިވެއެވެ.
ޝިއާއު މަރާލި މައްސަލައިގައި ފުލުހުން އަލީ ޝާހިލް ހައްޔަރުކޮށްފައި ވަނީ ޝިއާއު މަރާލާފައި އޮތް އެޕާޓްމަންޓްގެ ތެރެއިންނެވެ. ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުންގެ ތުހުމަތު އޮތީވެސް ހަމައެކަނި ޝާހިލްގެ މައްޗަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު