ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހަދާ ފްލެޓްތަކުގެ ތެރެއިން މިހާރު ނިމިފައި ހުރި ފްލެޓްތައް ބަލާލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.
މި ސަރުކާރުގެ "ގެދޮރުވެރިޔާ" ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި ހަދަމުންދަނީ 4,000 ފްލެޓެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީއާއި އެންބީސީސީއާއެވެ. ކޮންމެ ކުންފުންޏަކާވެސް ހަވާލުކޮށްފައި ވަނީ 2,000 ފްލެޓްގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން 13 ޓަވަރެއްގެ މަސައްކަތް އެއްކޮށް ނިންމައި, އަންނަ އޮގަސްޓް މަހުގެ ތެރޭގައި އެ ތަނުގައި މީހުންނަށް ދިރިއުޅެވެން ފެށޭނެ ކަމަށް ފަހި ދިރިއުުޅުން ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެއީ 1,624 ފްލެޓެވެ.
އެ ކޯޕަރޭޝަނުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހަދާ ޓަވަރުތަކުގެ ތެރެއިން 12 ވަނަ ޓަވަރުގައި ހަދާފައިވާ ފްލެޓުތައް ބަލާލުމުގެ ފުރުސަތު މިއަދު އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.
އެ ފުރުސަތު އޮންނާނީ މިއަދު މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 4:00 އަށް އަދި މާދަމާ އިން ފެށިގެން މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށް ކަމަށް ބުންޏެވެ.
ގެދޮރުވެރިޔާ ޕްރޮޖެކްޓްގައި ހިމެނެނީ 17 އަދި 18 ބުރީގެ ޓަވަރުތަކެވެ. ދެ ކޮޓަރީގެ 1200 ހައުސިން ޔުނިޓާއި ތިން ކޮޓަރީގެ 2800 ހައުސިން ޔުނިޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ.
ޚަބަރު
ޚަބަރު