އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ކަޅުބިލަ މަހުގެ އަގު 25 ރުފިޔާއަށް މަތިކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޕެއިނަށް ގއ. ވިލިނގިއްޔަށް މިއަދު ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ކަނޑުމަހުގެ ނަފާ ލިބޭނީ ޕްރޮސެސްކޮށް، ބަންދުކޮށްގެން މަސް ބޭރުކުރެވިގެން ކަމަށާއި ރޮލާ މަސް ބޭރުކުރުމުން މަހުގެ އަގު ދަށްވާ ކަމަށެވެ.
ގޭދޮށު މަސް ފެކްޓަރީ އެޅުމަކީ އެމްޑީޕީންވި ވައުދެއްކަން ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ މި ސަރުކާރުން އެ ވައުދު ފުއްދާފައިނުވާ ކަމަށެވެ. އަދި އެ ވައުދު ސަރުކާރުން ފުއްދާފައިނުވަނީ އިއްތިހާދުގެ ސިޔާސަތަށް ތާއީދުކުރުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ދިނީވެސް އެމްޑީޕީން ކަމަށާއި އަދިވެސް އެކަން ކުރާނީ އެމްޑީޕީން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިއަހަރު ނޮވެމްބަރު މަހު އުފެދޭ އަޅުގަނޑުމެންގެ ސަރުކާރެއްގައި މަހުގެ އަގު 25 ރުފިޔާއަށް އުފުލައިދޭނަން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، މިއަދު ފެންނަނީ މަހުގެ އަގު ގަސްތުގައި ތިރިކޮށްފައިވާ މަންޒަރު ކަމަށާއި އެކަން އެގޮތަށް ކުރަނީ މަހަށް ފުރާ ޒުވާނުން މަދުކޮށް، އެ ޒުވާނުން ސަރުކާރުގެ އަޅުންގެ ގޮތުގައި ބޭތިއްބުމަށް ކަމަށެވެ.
"އެކުދިން ސަރުކާރު ހިއްސާވާ ކުންފުންޏަށް ވެއްދުން. ދެން ސަރުކާރު ބޭނުންވާ ގޮތަށް އެމީހުންގެ ވިސްނުން ބަށްޓަންކުރުމަށް ސަރުކާރުން މަސައްކަތް ކުރުމަށް. އަޅުވެތިކުރުމަށް، ނޯކިރީންގެ ގޮތުގައި މި ރާއްޖޭގެ ރައްޔިތުން ބޭތިއްބުމަށް. އެހެންނަމަވެސް މިއީ އެދުވަހެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، ތަކެތީގެ އަގު ބޮޑުވުމުގެ ގެއްލުން މުޅި ގައުމަށްވެސް ކުރާނެ ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި ޓެކްސް ކުޑަކޮށް ތަކެތީގެ އަގު ދަށް ކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު