ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހަދާ 13 ޓަވަރެއްގައި މި އަހަރުގެ އޮގަސްޓް މަހު މީހުންނަށް ދިރިއުޅެން ފެށޭވަރުވާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ.

މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ދެއްވަމުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއާޒް މެނޭޖަރު އަހުމަދު ޝަމޫލް އަބްދުالله މިއަދު "ވަން" އަށް ވިދާޅުވީ, 13 ޓަވަރެއްގެ މަސައްކަތް އެއްކޮށް ނިންމައި, އޮގަސްޓް މަހުގެ ތެރޭގައި އެ ތަނުގައި މީހުންނަށް ދިރިއުޅެވެން ފެށޭނެ ކަމަށެވެ. އެއީ 1,624 ފްލެޓް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުގެ "ގެދޮރުވެރިޔާ" ޕްރޮޖެކްޓުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި ހަދަމުންދަނީ 4,000 ފްލެޓެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ އާއި އެންބީސީސީއާއެވެ. ކޮންމެ ކުންފުންޏަކާވެސް ހަވާލުކޮށްފައިވަނީ 2,000 ފްލެޓްގެ މަސައްކަތެވެ.

މި ޕްރޮޖެކްޓްގައި ހިމެނެނީ 17 އަދި 18 ބުރީގެ ޓަވަރުތަކެވެ. ދެ ކޮޓަރީގެ 1200 ހައުސިން ޔުނިޓާއި ތިން ކޮޓަރީގެ 2800 ހައުސިން ޔުނިޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ.

ޝަމޫލް ވިދާޅުވި ގޮތުގައި, ހުރިހާ ފްލެޓެއްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ 2024 ވަނަ އަހަރެވެ.