ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގައި ދައުވާކުރި މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށް އޭނާ ދޫކޮށްލާފައި ވަނިކޮށް، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އުމުރު ދުވަހަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން ހައިކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ހައިކޯޓުން ހުކުމް ކޮށްފައިވަނީ، ގދ. ތިނަދޫ/ ޕެރިސް ގާޑަން، އިބްރާހިމް ފައިސަލްގެ މައްޗަށެވެ.

ފައިސަލްގެ މައްޗަށް ދައުލަތު ކެނަބިސް ޓްރެފިކު ކުރުމުގެ ދައުވާކުރީ އޭނާ 10 މާޗް 2014 ވަނަ ދުވަހު ނަފާ ބޯޓުން ތިނަދުއަށް ޑުރަގް ގެންދާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އޭނާ ތިނަދޫއަށް ބޭލި މައިލޯ ކޭސް ފޮށިގަނޑުގެ ތެރޭގައި އޮތް ފަޓުލޫނެއްގެ ޖީބު ތެރޭގައި އޮތް ނޫކުލައިގެ ކޮތަޅުގަނޑެއް އޮޅާފައި އޮތް ފިލްމުހުސްކުރި ދަޅުގައި ކެނެބިސް ހުރި ކަމަށް އޭގެ ތަހުލީލު ރިޕޯޓުން ދައްކާތީއެވެ.

މި މައްސަަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ، އެ ތަކެއްޗަކީ ކެނަބިސް ކަމަށް ތަހުލީލު ރިޕޯޓުން ދެއްކި ނަމަވެސް އެއީ ފައިސަލްގެ އެއްބަނޑު ބޭބެ ގ. ބެރުގެ/ އަބްދުالله މަހުދީގެ އެއްޗެއް ކަމަށް ބުނެ، ޝަރީއަތުގެ މަޖިލީހުގައި އެ ތަކެތީގެ ޒިންމާ މަހުދީ އަމިއްލައަށް ނަގާފައިވާތީއާއި ފޮށިގަނޑުގެ ތެރެއިން ފެނުނު އެއްވެސް އެއްޗަކުން ފައިސަލްގެ ފިންގަޕްރިންޓެއް ފެނިފައިނުވާތީއާއި ފެނުނު ތަކެއްޗަކީ ފައިސަލްއާ ގުޅުވާލެވޭނޭ ހަރުދަނާ ގަރީނާއެއް ދައުލަތުގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިނުވާތީ، މި މައްސަލާގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައި، ހުކުމްކުރިއެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުގެ ފަރާތުން، ޕްރޮސިކިއުޓާ ޖެނެރަލް މި މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.

މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން ބުނެފައި ވަނީ، އެއީ ގ.ބެރުގޭގައި އުޅުނުއިރު އޭނާ ބޭނުންކުރަން ގެންގުޅުނު މަސްތުވާތަކެތި ކަމަށާއި، އެތަކެތި ހުންނާނީ ހެދުންތަކާއި އެއްޗެހިތަކެއް އަޅާފައިހުރި ކަރުދާސް ފޮށިގަނޑެއްގެ ތެރޭގައިކަމަށް، ފައިސަލްގެ ދިފާއީ ހެއްކެއްގެ ގޮތުގައި އޭނާގެ ބޭބެ މަހުދީ ކޯޓުގައި ބުނި ނަމަވެސް ބަޔާންދިން އިރު ވެސް މަހުދީއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކުށް ސާބިތުވެފައިވާ މީހެއް ކަމަށެވެ. އެ މީހަކާ ގުޅުން އޮތް މީހަކު ހިމާޔަތްކުރުމުގެ ގޮތުން ޖިނާއީ އަދުލުގެ ނިޒާމު ހަލާކުކޮށްލުމަށްޓަކައި އެފަދަ މީހަކު އެފަދަ ކުށަކަށް އިއުތިރާފުވުމަކީ، ކޮށްފާނެ ކަމެއް ކަމަަށް ބެލެވޭތީ، އެ އިއުތިރާފަށް ބާރުދޭ އިތުރު ހެކި ނުދައްކައި، އެ އިއުތިރާފު ކޯޓުން ބަލައިނުގަތުމަށްވެސް ނިންމިއެވެ. ނަމަވެސް މަހުދީގެ އިއުތިރާފަށް ބާރު ލިއްބައިދޭ އިތުރު އެއްވެސް ހެއްކެއް ގަރީނާއެއް ހުށަހަޅާފައި ނުވާ ކަމަށް ކޯޓުން ބުނެފައިވެއެވެ.

މަސްތުވާ ތަކެއްޗަށް ދެވިހިފާފައި ނުވާ މީހެއްގެ އަތުގައި، 14 ގުރާމަށްވުރެ ގިނަ އަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗާ ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެ ކަމަށް މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށްވެސް ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ.

އެހެންކަމުން ކެނެބިސް ޓްރެފިކްކުރެވޭ ހާލަތްތަކުގެ ތެރެއިން މަސްތުވާތަކެއްޗަށް ދެވިހިފާފައި ނުވާ މީހަކު އެމީހެއްގެ ހިޔާޒަތުގެ ދަށުގައި 14 ގްރާމަށް ވުރެން ގިނަ އަދަދަކަށް ކެނެބިސް ހުރުމަކީ ކެނެބިސް ޓްރެފިކް ކުރުން ކަމުގައި ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ. އެ މައްސަލައިގެ ތަހުގިގީ ރިޕޯޓުން ދައްކާ ގޮތުގައި ފައިސަލްއަތުން ފެނުނީ 19.5 ގްރާމްގެ ކެނެބިސް އެވެ. އެހެން ކަމުން ފައިސަލްގެ މި އަ މަލަކީ ކެނަބިސް ޓްރެފިކް ކުރުމުގެ އަމަލެއްކަން އެނގޭ ކަމަށްވެސް ބުނެފައިވެއެވެ. މަނާކޮށްފައިވާ މަސްތުވާ އެއްޗެއް އަތުގައި ހުރުމުގެ ކުށް ސާބިތުކުރާނީ، އެމީހާގެ އަތުގައި ނުވަތަ އޭނާގެ ބެލެހެއްޓުންތެރިކަމުގެ ދަށުގައި އެ އެއްޗެއް ހުރިކަން އެނގިހުރެ އެ އެއްޗެއް އަތުގައި ހުރުން ނުވަތަ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ހުރިކަން ސާބިތުކޮށްގެންކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އަތުގައި ބަހައްޓާފައި ހުރި އެއްޗަކީ ނުވަތަ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ހުރި އެއްޗަކީ މަސްތުވާ ތަކެތިކަން އެ މީހަކަށް އެނގުން ލާޒިމެއް ނޫންކަމަށާއި، އެއީ އެކަން ސާބިތު ކުރުމަށް ގިނަ ގައުމުތަކުގައިވެސް ބަލާ މިންގަނޑު ކަމަށާއި ސުޕްރީމް ކޯޓުންވެސް އެގޮތަށް ބަޔާންކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ދިފާއު ވުމަށް ފައިސަލަށް ދިން ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފާފައިނުވާކަން ފާހަގަކޮށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ކަންހިގާފައިވާ ގޮތް ކިޔައިދީ ފެނުނު

މަސްތުވާތަކެތީގެ ހަގީގަތް އޮޅުން ފިލުވައި ދިނުމަށް ފުލުހުންގެ ތަހުގީގުގައި ފައިސަލަށް ލިބުނު ފުރުސަތުގައި ހަނުހުރެ، ފުރަތަމަ ދިފާއު ބި ނާކުރަން ލިބުނު ފުރުސަތުވެސް ނަގާލައި އެކަން

ސާފުކޮށްދީފައި ނުވާކަން އެނގެން އޮންނަ ކަމަށެވެ.

އެހެންކަމުން އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުމުން ބާތިލުކުރާ ކަމަށާއި، އަދި އެ މައްސަލަ ފައިސަލްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، އުމުރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.