ޚަބަރު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި

މުހައްމަދު އިޝާން

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ހަނީމާދޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ފައްޓަވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު އަދި ޖޭއެމްސީ ކުންފުނީގެ ނައިބު ރައީސް ކޭއެމް އެސް ރެޑީއެވެ.

އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރުގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެއެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމު ކުރާނެ ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފުލައިޓްތައް ހަނިމާދުއަށް އޮޕަރޭޓްކުރުމުގެ ގާބިލުކަން ވެސް ލިބިގެންދާނެއެވެ.

ސަރުކާރުން ބުނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގޮންޖެހުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން އުފުލާ ޑައިރެކްޓް ފުލައިޓުތައް އެ ސަރަހައްދަށް އޮޕަރޭޓް ކުރެވޭނެ ގޮތެއް ނެތުމާއި އެ ސަރަހައްދަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ކުރަންޖެހޭ ދަތުރުފަތުރުގެ އަގުބޮޑުވުމުން ކަމަށެވެ.

އެ މަޝްރޫއުގެ ސަބަބުން އުތުރުގެ އަތޮޅުތަކުގައި ވިޔަފާރި އާއި ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށާއި އެގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމި، ހިދުމަތްދެވެން ފެށުމުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެތައް ހާސް ބަޔަކަށް ވަޒީފާ ލިބިގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.

އުތުރުގެ ރަށްރަށުގެ ވިޔާފަރި އާއި އިގުތިސޯދަށް އާރޯކަން ލިބި ހަނިމާދޫގައި ރަނގަޅު ފެންވަރުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ތަރައްގީކުރެވުމަކީ ވެސް މަސް ގަނެ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތާޒާކަމާއެކު މަސް އެކްސްޕޯޓް ކުރާ ކުންފުނިތަކަށް، ހާއްސަކޮށް ބޮޑު ކަންނެލި އެކްސްޕޯޓު ކުރާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު މަސް އެކްސްޕޯޓު ކުރުމަށް ހުޅުވާލެވޭ ދޮރެއް ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރައީސް ސޯލިހުގެ ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު އެއް މަޝްރޫއެވެ. އެ މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގުތިސޯދީ މައި ހަބެއް ގާއިމްކޮށް އެ ސަރަހައްދުގައި ވިޔަފާރި އާއި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.