އިނގިރޭސިވިލާތުގެ އެންމެ މުއްސަނދި ވިޔަފާރިވެރިޔާ، ބިލިއަނަރު ސާ ޖިމް ރެޓްކްލިފްގެ އިނެއޯސް ކުންފުނިން މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ވާ ގްލޭޒާސް އާއިލާއިން މެންޗެސްޓާ ޔުނައިޓެޑް ވިއްކާލަން ނިންމައިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެފަހަރު ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ކޯ ޗެއާމަނުން ކަމަށްވާ ޖޯލް ގްލޭޒާ އަދި އަވްރަމް ގްލޭޒާ ވިދާޅުވެފައި ވަނީ ކްލަބުގެ ހިންގުމަށް ވިޔަފާރީގެ ބަދަލުތަކަކަށް ތައްޔާރުވަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި އާ އިންވެސްޓަރުންނަށް ފުރުސަތު ފަހިކޮށް، ކްލަބު ވިއްކާލުމަށްވެސް ބަލަމުން އަންނަ ކަމަށެވެ.

އިނގިރޭސި ބައެއް ކްލަބުތައް ގަތުމަށް މީގެ ކުރިންވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ރެޓްކްލިފްގެ އިނެއޯސް ކުންފުނިން ބުނެފައި ވަނީ ޔުނައިޓެޑް ގަތުމުގެ ކަންކަމުގައި އޮތް ފުރުސަތުތައް ބަލައި، އެ ކްލަބު ގަތުމަށް ރަސްމީ ބިޑަކަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރެޓްކްލިފް ވަނީ ދާދިފަހުން ޗެލްސީ ގަތުމަށްވެސް 4.25 ބިލިއަން ޕައުންޑްގެ ބިޑެއް ކޮށްފައެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ވެފައި ނުވާ އިރު، އޭގެ ފަހުން ލިވަޕޫލްގެ ހިއްސާ ގަންނަންވެސް އޭނާ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ރެޓްކްލިފަކީ ގްރޭޓާ މެންޗެސްޓާއަށް އުފަން، ޔުނައިޓެޑްގެ ސަޕޯޓަރެކެވެ. އިނގިރޭސިވިލާތުގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި މިހާރު ހުރި ރެޓްކްލިފްގެ މިލްކިއްޔާތުގައި 11 ބިލިއަން ޕައުންޑް ހުރި ކަމަށް ފޯބްސްއިން ވަނީ އަންދާޒާ ކޮށްފައެވެ.

ރެޓްކްލިފްގެ ޕެޓްރޯ ކެމިކަލް ފާމްއެއް ކަމަށްވާ އިނެއޯސް ކުންފުނިން އަހަރަކު 50 ބިލިއަން ޕައުންޑްގެ ފައިދާއެއް ޖައްސަމުންދާ އިރު، އެ ކުންފުނީގައި 26،000 މީހުން ދަނީ ވަޒީފާ އަދާކުރަމުންނެވެ. އެއީ 29 ގައުމެއްގައި ހިންގަމުންދާ ވިޔަފާރިއެކެވެ.

ރެޓްކްލިފްގެ އިނެއޯސްއަކީ މިހާރުވެސް ފްރާންސް ލީގުގެ ނީސް އާއި ސްވިޒަލޭންޑްގެ ކްލަބު، ލައުސޭންގެ ވެރި ކުންފުންޏެވެ. އޭގެ އިތުރުން ސެއިލިން ޓީމަކާއި ޓީމް ސްކައިގެ ނަމުގައި ސައިކްލިން ޓީމެއްގެ ހިއްސާވެސް އިނެއޯސް އަތުގައި އޮވެގެއެވެ. އެއާއެކު ފޯމިއުލާ 1 މާސެޑޭސްއަކީވެސް އިނެއޯސްގެ ބޮޑު ހިއްސާއެއް އޮންނަ ޓީމެކެވެ.

ގްލޭޒާސްއިން ޔުނައިޓެޑް ގަނެފައި ވަނީ 2005 ވަނަ އަހަރުއެވެ. އެމެރިކާގެ ވިޔަފާރި އާއިލާއިން ޔުނައިޓެޑް ގަތީ 790 މިލިއަން ޕައުންޑަށެވެ. އެމެރިކާ ބޭސްބޯޅަ ލީގުގެ ޓަމްޕާ ބޭ ބަކަނިއާސްގެ ވެރިންގެ ގޮތުގައި 1995 ވަނަ އަހަރުން ފެށިގެން ތިބި ގްލޭޒާސްއިން ވަނީ ދާދިފަހުން ޑުބާއީ ޓީ20 ކްރިކެޓް ލީގު ޓީމެއްވެސް ގަނެފައެވެ.

މިހާރު ޔުނައިޓެޑްގެ ކޯ ޗެއާމަނުންގެ ގޮތުގައި ތިބި ޖޯލް އާއި އަވްރަން އެމަގާމާ ހަވާލުވެ ކްލަބު ހިންގަން ފެށީ 2006 ވަނަ އަހަރުއެވެ. އެއީ ދެމީހުންގެވެސް ބައްޕަ، މަލްކޮމްއަށް ސްޓްރޯކެއް ޖެހުމާއެކުގައެވެ. އެމެރިކާގެ ބިލިއަނަރު މަލްކޮމް 2014 ވަނަ އަހަރު މަރުވީ އުމުރުން 85 އަހަރުގައެވެ.

ގްލޭޒާސްއިން 2012 ވަނަ އަހަރު ޔުނައިޓެޑްގެ ހިއްސާގެ 10 ޕަސެންޓް ވިއްކާފައިވާ އިރު، އެ އާއިލާއިން ކްލަބު ހިންގާ ގޮތަށް ސަޕޯޓަރުން ވަނީ އެތައް ފަހަރަކު ފާޑު ކިޔައިފައެވެ. އެގޮތުން ސާ އެލެކްސް ފާގަސަންގެ ޒަމާނަށްފަހު ކްލަބުގެ ކާމިޔާބީތައް ވަރަށް ބޮޑަށް މަދުވެގެން ދިޔުމާއެކު ސަޕޯޓަރުން ވަނީ އެތައް ފަހަރެއްގެ މަތިން ހަޅުތާލުތައްވެސް ކޮށްފައެވެ. ހާއްސަކޮށް 2021 ވަނަ އަހަރު ސަޕޯޓަރުން ދަނޑަށް ވަދެ މުޒާހަރާ ކުރުމުގެ ސަބަބުން ޔުނައިޓެޑުން ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް މެޗެއްވެސް ކެންސަލް ކުރަން ޖެހިފައިވެއެވެ.

އޭގެ ފަހުން މިއަހަރުވެސް ކްރިސްޓިއާނޯ ރޮނާލްޑޯއާ ވެރިން މައްސަލަ ޖެހި، ބައެއް ސަޕޯޓަރުންވެސް ވަނީ ކްލަބަށް ނުރުހުން އަމާޒުކޮށްފައެވެ.