ގަވާއިދާ ހިލާފަށް ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ބުނެ ޓާންސްޕޯޓް މިނިސްޓްރީން ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލު ކުރި މައްސަލާގައި އެ މިނިސްޓްރީގެ ނިންމުމަށް އަމަލުނުކުރަން ސިވިލް ކޯޓުން ކުރި އަމުރު މިނިސްޓްރީގެ ފަރާތުން ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބުނެ 87 ވެހިކަލެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލު ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ، ރަޖިސްޓްރީ ބާތިލުކުރި ވެހިކަލްތަކުގެ ވެރިންގެ ތެރެއިން ނުވަ މީހެކެވެ. އަދި މިނިސްޓްރީގެ އެ ނިންމުމަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށްވެސް އެ މީހުން ކޯޓުގައި އެދުނެވެ.

އެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުން މިދިޔަ އޮކްޓޯބަރު 17 ގައި އަމުރު ނެރުނީ މިނިސްޓްރީގެ ނިންމުމަށް އަމަލުކުރުން ހުއްޓުވުމަށެވެ.

އެ މައްސަލަ މިނިސްޓްރީގެ ފަރާތުން ހައިކޯޓުގެ އިސްތިއުނާފަށް ހުށަހެޅުމުން، އެކަމަށްޓަކައި އެ ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ދައުލަތް ތަމުސީލު ކުރައްވާ ސްޓޭޓް އެޓާނީ މުހައްމަދު ޒިޔާން އަބްދުﷲ އެވެ.

އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވައި ދެއްވުމަށްފަހު އޭނާ ވިދާޅުވީ، އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރުން ހުއްޓުވުމަށް ސިވިލް ކޯޓުން އަމުރު ނެރެފައިވަނީ ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި އެ އަމުރު ބާތިލުކޮށް، މި މައްސަލާގައި ވަގުތީ އަމުރެއް ނެރެދޭންޖެހޭ ޝަރުއީ އަދި ގާނޫނީ ހަމައެ މި ހިނދަށް ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައި ދެއްވުމަށް އެދޭ ކަމަށެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުން، އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރަން ނިންމީ ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައި ވަނިކޮށް އޮޅުވާލައިގެން ރަޖިސްޓްރީ ކޮށްފައިވުމުންނާއި ގަވާއިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާތީ ކަމަށެވެ.