އަންނަ ހުކުރު ދުވަހު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތް ވިލިމާލޭގައި ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އާރްޓީއެލް ބަހުގެ ހިދުމަތް ވިލިމާލެއަށް ދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ވިލިމާލޭގައި ބަހުގެ ހިދުމަތް ދިނުމުގައި ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި ހަ (އިލެކްޓްރޮނިކް ވެހިކަލް) އީވީ ބަސް ކަމަށެވެ. އެ ބަސްތަކުގައި 11 މީހުންނަށް އިށީންދެ ތިބެވޭ ގޮތަށް ސީޓު ހަރުކުރެވިފައި ހުންނާނެ ކަމަށާއި ހަތަރު މީހުންނަށް ކޮޅަށްތިބެވޭނެ ޖާގަ ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ މިހިނގާ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ވިލިމާލޭގައި ބަހުގެ ހިދުމަތް ފެށުންކަމުގައި އުފަލާއިއެކު ދަންނަވަމެވެ،" އެމްޓީސީސީން ބުންޏެވެ.
ވިލިމާލޭ ބަހުގެ ހިދުމަތާ ގުޅޭ ރޫޓް މެޕާއި ބަސް ދަތުރުގެ ޝެޑިއުލް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، ކުންފުނީގެ މަގުސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެމްޓީސީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު