ޕީއެސްޖީއަށް ކުޅެމުންދިޔަ ސްޕެއިންގެ ފޯވަޑް ޕަބްލޯ ސަރާބިއާ ގެންދަން ވުލްވްސްއިން އެއްބަސްވުމަކަށް އައިސްފިއެވެ.

އުމުރުން 30 އަހަރުގެ ސްޕެއިން ގައުމީ ޓީމުގެ ފޯވަޑް ސަރާބިއާ ވުލްވްސްއަށް ގެންދަން ދެ ކްލަބުން އެއްބަސްވެފައިވާ އަގަކީ 4.4 މިލިއަން ޕައުންޑެވެ. ސަރާބިއާ ވުލްވްސްގެ މެޑިކަލަށް ތައްޔާރުވެފައިވާ އިރު، އޭނާ ވުލްވްސްއަށް ދާނީ ދެ އަހަރާއި ބައިގެ މުއްދަތަކަށް އެއްބަސްވެގެންނެވެ.

ސްޕެއިން ގައުމީ ޓީމުގެ ކޯޗުކަމުގައި ކުރިން ހުރި ހުލެން ލޮޕެޓެގީ ވުލްވްސްއާ ހަވާލުވެ ކްލަބުގެ ސްކޮޑު ވަރުގަދަކުރަން މަސައްކަތް ކުރަމުން އަންނައިރު، ސަރާބިއާ ވެގެންދާނީ މި ޓްރާންސްފާ ސީޒަނުގައި އެޓީމުން ގެންދާ ތިންވަނަ ކުޅުންތެރިޔާއަށެވެ. މިހާތަނަށް ވުލްވްސްއިން ވަނީ ފްރާންސް ލީގުގެ ނީސްއަށް ކުޅެމުންދިޔަ ގެބޮންގެ މިޑްފީލްޑަރު މާރިއޯ ލެމިނާއާއި އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންދިޔަ ބްރެޒިލް ފޯވަޑް މަތެއުސް ކޫނިޔާ އެ ކްލަބަށް ގެންގޮސްފައެވެ.

ސްޕެއިނުން ވޯލްޑް ކަޕްގައި ކުޅުނު މެޗުތަކުގެ ތެރެއިން އެއް މެޗުގައި ސަރާބިއާ ފެނިގެން ގޮސްފައިވާ އިރު، އޭނާ ޕީއެސްޖީއަށް ސޮއިކުރީ 2019 ވަނަ އަހަރު ސެވިއްޔާއިންނެވެ. ފްރާންސް ލީގުގައި ސަރާބިއާ ކުޅުނު 35 މެޗުން 11 ގޯލް ޖަހައިފައިވާ އިރު، އޭނާ 2021-22 ވަނަ އަހަރު ލޯނެއްގައި ކުޅެފައިވަނީ ސްޕޯޓިން ލިސްބަންއަށެވެ.

ސަރާބިއާ ސްޕެއިން ގައުމީ ޓީމަށް 2019 ވަނަ އަހަރު ކުޅެން ފެށިފަހުން އޭނާ ވަނީ އެގައުމަށް 26 މެޗު ކުޅެދީ، ނުވަ ގޯލް ޖަހައިދީފައެވެ.