އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބަލިވެވަޑައިގެންފައިވާ ކަމަށް ގަބޫލުކުރެއްވުމަށް އެ މަނިކުފާނުގެ ވާދަވެރިޔާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވަނީ، ރައީސް ސޯލިހު މި ފަހުން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެ ސިޓީން އެ މަނިކުފާނުގެ ކެމްޕޭންގައި ބައިވެރިވި މީހުން މަދުކަން ފާހަގަކުރައްވައި އެކަމަށް ޖޯކު ޖައްސަވައިފައެވެ. ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހު ދައްކަވާ ވާހަކަފުޅުތަކަށް ރައްދު ދެއްވަން ބޭނުންނުވާ ކަމަށާއި އެ ރައްދު އައްޑޫ ސިޓީގެ ރައްޔިތުން އެ މަނިކުފާނަށް ދެއްވަމުންދާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ދެބައިވެފައިވާއިރު ރައީސް ސޯލިހަށާއި އެ މަނިކުފާނުގެ ޓީމަށް ނަތީޖާ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން ބުއްދިވެރި ގޮތަކީ ބޮނދު ވައްޓަވާފައި ދެން އަލުން އަނބުރާ ކުޅިބައި އެތުރުން ކަމަށްވެސް ވިދާޅުވިއެވެ.
"ރީތިކޮށް ކުޅޭ މީހުން ކުރިއަށް ހުރި ތިންކުޅި، ހަތަރުކުޅި ފެނުނީމާ، ދެން ހުސް ބޮނދަށް ވާތަން ފެނުނީމާ، އަމިއްލައަށް ބޮނދު ވައްޓާލާނީ. އެއީ އަބަދުވެސް ރިވެތި އުސޫލު އަދި އެއީ ޑިމޮކްރެޓިކް އުސޫލަކީވެސް. އެހެންވީމާ އަޅުގަނޑު ދަންނަވާނީ ތިބޭފުޅުން (ރައީސް ސޯލިހާއި އެ މަނިކުފާނުގެ ޓީމު) މަޑުމަޑުން ބޮނދުގައި އަތްޖައްސަވަން،" ރާޒުވާ ގުޅިގަނޑެއްގެ މިސާލުން ރިޔާސީ ޕްރައިމަރީ ތެރޭގައި ހިނގާ ކަންކަމަށް މިސާލު ޖައްސަވައި ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީއަށް މިހާރު އޮތް އެންމެ ރަނގަޅު ގޮތަކީ މި އަހަރުގެ ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފުލް ޓީމު ރުކުރުވާލައި އެ މަނިކުފާނާއެކު ގޮސް އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ.