ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލާގައި އޭނާގެ ގާތިލް ކ. ކާށިދޫ/ ސުވާސާގެ، މުހައްމަދު ސަމާހު މަރަން ކުރި ހުކުމް، އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ސަމާހުގެ ދިފާއީ ވަކީލުކަމުން ވަކީލު ޖައުފަރު ރަޝީދު ވަކިކޮށްފިއެވެ.
ކ. ކާށިދޫގައި ޑިއުޓީއަށް ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ އާދަމް ހަލީމް މަރާލާފައިވަނީ 22 ޖުލައި 2012 ގައެވެ. އެ މައްސަލައިގައި ހަލީމު މަރާލި ކަމަށް ކުށް ސާބިތުވެ ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 25 ޖެނުއަރީ 2013 ގައެވެ. އަދި 30 ސެޕްޓެމްބަރު 2020 ގައި އެ ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސަމާހުގެ އެދުމަކަށް އެޓާނީ ޖެނެރަލްގެ އޮފީހުން އޭނާގެ ދިފާއީ ވަކީލެއްގެ ގޮތުގައި ހަމަޖައްސައިދިން ވަކީލު ޖައުފަރު ރަޝީދެވެ.
މިއަދު ބޭއްވި އެ މައްސަލާގެ އަޑުއެހުމުގައި، ސަމާހުގެ މައްޗަަށް ކުރި ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަަޅައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް ދިނުމަށް އެދި އިސްތިއުނާފީ ނުކުތާތަކެއް ވަކީލު ޖައުފަރު ހުށަހެޅުއްވިއެވެ.
އެއަށްފަހު މައްސަލަ ކުރިއަށް ގެންދަވާ ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑީޔާރު ހުސްނުއްސުއޫދު ސަމާހަށް ފުރުސަތު ދެއްވިއެވެ.
ސަމާހު ބުނީ، ހައިކޯޓުގައި ކުރިއަށްދިޔަ މި މައްސަލައިގެ އަޑުއެހުންތަކުގައި ދިފާއީ ވަކީލެއްގެ ގޮތުގައި އޭޖީ އޮފީހުން އޭނާއަށް ހަމަޖައްސައިދިނީ ވަކީލު ޝާފިއު ކަމަށެވެ. ހައިކޯޓް މަރުހަލާ ނިމުމުން ސުޕްރީމް ކޯޓުގެ މަރުހަލާއަށްވެސް ވަކީލު ޝަފީއު އައްޔަންކުރަން އޭޖީ އޮފީހަށް ހުށަހެޅުމަށް ވަކީލު އޭނާ ގާތު ބުނި ކަމަށާއި ނަމަވެސް އެ މައްސަލައިގައި ވަކީލު ކޮށްފައިވާ ކުށަކާ ގުޅިގެން ޝަފީއު ނޫން ވަކީލަކު ހަމަޖައްސައި ދިނުމަށް އޭޖީ އޮފީހަށް ލިޔުނު ކަމަށްވެސް ބުންޏެވެ.
"އެބޭފުޅާ (ވަކީލު ޝަފީއު) ކޮށްފައިވާ ކުށަކީ ނިޔާވި މީހާގެ ވާރިސުންގެ ބަހާމެދުގައި އިލްމުވެރިން، އިމާމުން ބުނެފައިވާ ބަސްތަކެއް އަޅުގަނޑުގެ އާއިލާ މެދުވެރިކޮށް ވަކީލު ޝަފީއުއާ ހަވާލު ކުރުމުންވެސް ހައިކޯޓުން ދިން ފުރުސަތުގައި ޝަރީއަތުގެ މަޖިލީހަށް އެ ތަކެތި ގެންގޮސްފައި ނުވުން،" ސަމާހު ބުންޏެވެ.
އޭނާ ބުނީ މަރުވި މީހާގެ ވާރިސުންގެ ތެރޭގައި ކުޑަކުއްޖަކު ހުރެއްޖެނަމަ އޭނާ ބޮޑުވެ ތަސައްރަފު ފުދެންދެން ވާރިސުންގެ ބަސް ނުނަގައި މަޑުކުރަންޖެހޭނެ ކަމަށް ބައެއް އިމާމުން ބުނެފައިވާ ކަމަށެވެ. އެކަމާ ގުޅޭ ލިޔުންތައް ހައިކޯޓް މަރުހަލާގައި ވަކީލު ހުށަނޭޅުމުން ދިފާއީ ވަކީލެއްގެ ގޮތުގައި ޝަފީއު އިތުރަށް އައްޔަންކުރަން ނޭދުނީ ކަމަށްވެސް ބުންޏެވެ.
ނަމަވެސް ސުޕްރީމް ކޯޓު މަރުހަލާއަށް ވަކީލަކު ހަމަޖައްސައިދިނުމަށް އެދުމުން ވަކީލު އިސްމާއީލް މުހައްމަދު އޭޖީ އޮފީހުން ހަމަޖައްސައިދިން ކަމަށާއި އިސްތިއުނާފު ކުރުމުގެ ކަންތައްތަކުގައި އޭނާއަށް އެއްބާރުލުން ދީގެން ވަކީލު އުޅުއްވި ކަމަށްވެސް ބުންޏެވެ.
ސަމާހު ބުނި ގޮތުގައި، ހުރިހާ ލިޔެކިޔުމަކާއެކު މާފުށީ ޖަލުން އޭނާއާ ބައްދަލުކުރާނެ ކަމަށް ވަކީލު ވިދާޅުވި ނަމަވެސް ފަހުން ވަކީލުގެ ހަބަރެއް ނުވި ކަމަށެވެ. އެހެންވެ، ޖަލުން ފޯނު ކުރުމުގެ ހުއްދަ ހޯދައިގެން ވަކީލާ ގުޅައި ސުވާލުކުރުމުން، އޭނާ އޭރު ހުރީ ސަމާހުއަށް ދައުލަތުން ހަމަޖެއްސި ދިފާއީ ވަކީލުގެ ގޮތުގައި ނޫން ކަމަށާއި އޭޖީ އޮފީހާއެކު އޭނާ ހެދި ކޮންޓްރެކްޓް ހަމަވެފައިވާ ކަމަށް ވަކީލު ބުނި ކަމަސް ސަމާހް ކަމަށެވެ.
އޭގެފަހުން އަނެއްކާ ވަކީލަކު ހަމަޖައްސައި ދިނުމަށް، އޭޖީ އޮފީހަަށް އެތައް ދުވަހެއް ވަންދެން އެތައް ސިޓީއަކުން އެދުމުން ވަކީލު ޖައުފަރު ރަޝީދު ހަމަޖައްސައިދިން ކަމަށް ސަމާހު ބުންޏެވެ. އެއީ 3 އޭޕްރީލް 2022 ގައެވެ.
ސަމާހު ބުނީ، ޖައުފަރު ރަޝީދުގެ ހަބަރެއް ނުވެ ގިނަ ދުވަސްތަކެއް ވުމުން، އެކި ދުވަސް މަތިން ހަ ސިޓީއަކުން އެ ވާހަކަ އޭޖީ އޮފީހަށް ހުށަހެޅި ކަމަށާއި އެ ޝަކުވާތަކާ ގުޅިގެން ފުރަތަމަ ޖަލަށް އައިސް ވަކީލު ޖައުފަރު ރަޝީދު އޭނާއާ ބައްދަލުކުރީ 6 އޯގަސްޓް 2022 ގައި ކަމަށެވެ.
އެ ބައްދަލުމުގައި ސުޕްރީމް ކޯޓުގައި ކުރިއަށްދާނީ އެ މައްސަލައިގެ ފަހު މަރުހަލާ ކަމުން ލިޔުންތަކާއެކު އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭނެ ކަމަށް ވަކީލަށް ބުނި ކަމަށާއި ނަމަވެސް ލިޔުންތަކާއެކު ޖަލަށް އައިސް އޭނާއާ ބައްދަލުކުރާނެ ކަމަށް ބުނި ފަހުން ވަކީލުގެ އެއްބާރުލުމެއްވެސް ނުލިބޭ ކަމަށް ސަމާހު ބުންޏެވެ.
ސަމާހު ބުނީ، ވަކީލުގެ ހަބަރެއްނުވެ މަހަކާ ކައިރިވެފައި ވަނިކޮށް، 3 ސެޕްޓެމްބަރު 2022ގައި ދެވަނަ ފަހަރަށް ވަކީލު އޭނާ ކައިރިއަށް ޖަލަށް ޒިޔާރަތް ކުރި ކަމަށާއި ނަމަވެސް މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް އެ ދުވަހު ނުގެންނަ ކަމަށެވެ. އަދި އެއަށްފަހު މިއަދު ޝަރީއަތުގެ އަޑުއެހުން ބޭއްވުމާ ހަމައަށްވެސް ވަކީލުގެ ހަބަރެއް ނުވާ ކަމަށާއި މައްސަލަ މިއަދަށް ތާވަލު ކޮށްފައިވާކަންވެސް އޭނާއަށް އެނގިފައިނުވާ ކަމަށް ސަމާހު ބުންޏެވެ.
އޭނާ ބުނީ، މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކަށް ބަދަލު ގެންނަން ބޭނުންވާތީ އެކަން ސުޕްރީމް ކޯޓަށް ސިޓީއަކުން އަންގާފައިވާނެ ކަމަށާއި އަދި މިހާރު ހުރި ދިފާއީ ވަކީލުގެ އެއްބާރުލުން ނުލިބޭތީ އާ ވަކީލަކު ހަމަޖައްސައި ދިނުމަށްވެސް ކޯޓަށް ސިޓީއެއް ލާން ނިންމާފައިވާ ކަމަށެވެ. އެންމެފަހުން އަމިއްލައަށް ވަކީލަކު ހަމަޖައްސަން އޭނާގެ ރަށްޓެހިންނާ ގުޅައިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
"ތަނަވަސްކަން ހުރި ރައްޓެހިންގެ ތެރެއިން ބޭފުޅުންނާ، ވަކީލެއް ހަމަޖައްސަން ވާހަކަދައްކަމުން އެބަދަން. އެހެންކަމުން އެއްބާރުލުން ނުދޭ ވަކީލަކާއެކު މިފަދަ ބޮޑު ޝަރީއަތުގެ މަޖިލީހެއް ކުރިއަށް ގެންދިއުމަކީ ބޭނުން ކަމެއް ނޫން، އަދި ގާނޫނީ ވަކީލަކު ނުލާ ޖަވާބުދާރީވާކަށް ބޭނުމެއްވެސް ނޫން، އެއީ ގާނޫނީ ގޮތުން އަޅުގަނޑަކީ އެހާ މޮޅު މީހަކަށްވެސް ނުވާތީ،" ސަމާހު ބުންޏެވެ.
އަމިއްލަ ދިފާއީ ވަކީލާ ގުޅޭ ގޮތުން ސަމާހު ދެއްކި ވާހަކަތަކާ ގުޅިގެން ޖަވާބުދާރީވާން ފަނޑިޔާރު ހުއްނުއްސުއޫދު، ވަކީލު ޖައުފަރަށް އެންގެވިއެވެ.
ޖައުފަރު ވިދާޅުވީ، ސަމާހުގެ ކަނބޮޑުވުންތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން އެގޮތުގައި ހުރި ކަމަށާއި އަދި އެކަންތައްތަކާމެދު ސަމާހުގެ ހިތްހަމަނުޖެހުން ހުރިކަން އެނގުމާ ހިސާބުން އޭޖީ އޮފީހާ މަޝްވަރާ ކުރި ކަމަށެވެ.
ސަމާހު ފާހަގަކުރި ސުލޫކީ މައްސަލަތަކާމެދު ބުނާނެ އެއްޗެއް އެބައޮތްތޯ ސުވާލު ކުރައްވައި އޭނާއާ ބައްދަލުކުރަން ނުދިޔަ ކަމަށް ބުނާ ވާހަކަތަކަށް ޖަވާބުދާރީވާން، ފަނޑިޔާރު ހުސްނުއްސުއޫދު އެންގެވުމުން ވަކީލު ވިދާޅުވީ، އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އޭޖީ އޮފީހުން ބައްދަލުވުން ހަމަޖައްސައި، ކަރެކްޝަނަށް އެންގުމުން ދަތުރު ހަމަޖައްސައި ދެނީ އެ ފަރާތުން ކަމަށެވެ. ނަމަވެސް ކަރެކްޝަންސްގެ ލޯންޗު ހަލާކުވެގެން ސަމާހާ ބައްދަލުކުރަން ޖަލަށް ދިއުމަށް ދަތިތަކެއް ދިމާވިކަންވެސް ވަކީލު ފާހަގަކުރެއްވިއެވެ.
ވަކީލުގެ އެ ވާހަކަތަކާ ގުޅިގެން ފަނޑިޔާރު ހުސްނުއްސުއޫދު ނިންމެވީ މި މައްސަލައިގެ ވަކީލުކަމުން ޖައުފަރު ރަޝީދު ވަކިކުރެއްވުމަށެވެ.
"ސަމާހު އަމިއްލަައަށް ވަކީލެއް އައްޔަންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވީމަ، ވަކީލެއް ހަމަޖައްސައިފަ އަންގަވާލަދެއްވުން އެދެން،" އެހެން ވިދާޅުވުމަށްފަހު ފަނޑިޔާރު ހުސްނުއްސުއޫދު މިއަދުގެ އަޑުއެހުން ނިންމަވާލެއްވިއެވެ.