ފްރާންސް ލީގުގެ އެއްވަނައިގައި އޮތް ޕީއެސްޖީން ރޭ ކުޅުނު މެޗުގައި ރެން އަތުން ބަލިވެއްޖެއެވެ.

ރަށުން ބޭރުގައި ޕީއެސްޖީން ރޭ ކުޅުނު މެޗުގައި ރެން އަތުން ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. އެ ބައްޔަކީ ވޯލްޑް ކަޕަށްފަހު ޕީއެސްޖީއަށް އަވޭގައި ކުރިމަތިވި ދެވަނަ ބައްޔެވެ. މިއީ މިދިޔަ އަހަރު މާޗު މަހަށްފަހު، ޕީއެސްޖީން ޖެހިޖެހިގެން އަވޭ ދެ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

ޕީއެސްޖީން މި ވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 19 މެޗުން 47 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ލެންސްއިން މި ހަފުތާގައި، އައުޒެރޭ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބު ކޮށްފައިވާ އިރު، އެ ޓީމަށް ވަނީ 19 މެޗުން 44 ޕޮއިންޓް ލިބިފައެވެ.

ރެންއިން ރޭގެ މެޗުގައި ޖެހި ހަމައެކަނި ގޯލް، ދެވަނަ ހާފުގައި ޖަހައިދިނީ ކެޕްޓަން ހަމާރީ ޓްރައޯރޭއެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކުރުމުގައި އެޑްރިއަން ޓްރުފާޓްގެ މަސައްކަތް ފާހަގަކުރެވުނު އިރު، ކްރިސްޓޮފޭ ގަލްޓިއާގެ ޕީއެސްޖީން މެޗުގައި ހެދި ފުރަތަމަ ޝޮޓް ފެނިގެން ދިޔައީ 81 ވަނަ މިނެޓުގައެވެ. ޖުއާން ބަނެޓް ޖެހި ބާރު ބޯޅަ މަތަކޮށް ބޭރުކޮށްލީ ސްޓީވް މަންޑަންޑާއެވެ.

ޕީއެސްޖީގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ ރޭގެ މެޗުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުމެފައިވާ އިރު، އޭނާއަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ މާބޮޑަށްވެސް މަތިން ބޭރަށެވެ.