އިނގިރޭސި ޕްރިމިއާ ލީގު

އުނދަގޫ ހާލަތެއްގައި އޮތް ޗެލްސީއަށް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ މެދުތެރޭގައި އޮތް ޗެލްސީން މިރޭ ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސް ބަލިކޮށްފިއެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ޕްރެޝަރުގައި ހުރި ޗެލްސީގެ ކޯޗު، ގްރަހަމް ޕޮޓާއަށް ވަނީ ކޮންމެވެސްވަރެއްގެ ހަމަޖެހުމެއް ލިބިފައެވެ. މިރޭގެ މެޗަށް ޗެލްސީ ނުކުތީ އެންމެފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން އެންމެ މޮޅެއް ހޯދާފައި އޮވެގެންނެވެ. މިރޭގެ ކުރިން މިއަހަރު ޕްރިމިއާ ލީގުގައި ޗެލްސީން ކުޅުނު ދެ މެޗުންވެސް ބަލިވެފައި އޮތް އިރު، އެޓީމު އޮތީވެސް 10 ވަނައިގައެވެ.

މިރޭގެ މޮޅާއެކުވެސް ޗެލްސީ އަދި އޮތީ ލީގު ތާވަލުގެ 10 ވަނައިގައެވެ. އެއީ 19 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. ނުވަ ވަނައިގައި އޮތް ލިވަޕޫލަށްވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވާ އިރު، ލިވަޕޫލުން އަދި ކުޅެފައިވަނީ 18 މެޗެވެ.

އަނިޔާގެ މައްސަލަތައްވެސް ބޮޑުކޮށް އޮތް ޗެލްސީން ސްކޮޑު ވަރުގަދަކުރުމަށް މި ޖެނުއަރީގައިވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، މިރޭ މެޗު ފެށުމުގެ ކުރިން އަލަށް ސޮއިކުރި ޔުކްރެއިންގެ މައިހާލިއޯ މުޑްރީކް ޗެލްސީގެ ސަޕޯޓަރުންނަށް ދައްކާލައިފައިވެއެވެ. މި ޖެނުއަރީގައި އަލަށް ޗެލްސީއާ ގުޅުނު ފްރާންސްގެ ޑިފެންޑަރު ބެނޮއިޓް ބަޑިއަޝީލޭ މިރޭގެ މެޗުގެ ފުރަތަމަ 11 އަށް ނުކުމެފައިވާ އިރު، އޭނާގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއްވެސް ފެނިގެން ގޮސްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައިވެސް ދެޓީމަށް ފުރުސަތުތައް ލިބިގެން ގޮސްފައިވާ އިރު، ޕެލެސްގެ އޮމަރު ޑޮކޯރޭއާއި މައިކަލް އޮލީސޭ ޖެހި ބޯޅަތައް މަތަކުރީ ޗެލްސީގެ ސްޕެއިން ގޯލްކީޕަރު ކެޕާ އަރީޒާބަލާގާއެވެ. އަނެއްކޮޅުން ޗެލްސީގެ ހަކީމް ޒިޔަޗާއި ކައި ހަވާޓްސް ޖެހި ބޯޅަތައް ޕެލެސްގެ ވިސެންޓޭ ގުއައިޓާ ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފްގެ ކުރީކޮޅުގައިވެސް އޮލީސޭ ޖެހި ބޯޅަ މަތަކުރީ ޗެލްސީގެ ގޯލްކީޕަރު ކެޕާއެވެ. އަނެއްކޮޅުން ޗެލްސީއަށް ލިބުނު ފުރުސަތުގައި، މެޗުގެ 64 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. ހަކީމް ޒިޔެޗްގެ ހުރަސް ބޮލުން ގޯލަށް ވައްދާލީ ހަވާޓްސްއެވެ.

އޭގެ ފަހުންވެސް ހަމަހަމަ ފުރުސަތުތަކެއް ދެޓީމުން ތަނަވަސްކުރި އިރު، ޗެލްސީން ތިން ޕޮއިންޓް ކަށަވަރުކުރީ ފަހުވަގުތު ޓީމު އެއްކޮށް ފަހަތަށް ޖެހި ޑިފެންސް ކޮށްގެންނެވެ.

ޕްރިމިއާ ލީގުގައި މިރޭ ނިއުކާސަލުން ފުލްހަމްއާ ދެކޮޅަށް ކުޅުނު މެޗު، އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ނިއުކާސަލް ވަނީ އަނެއްކާވެސް ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. އެއީ 19 މެޗުން 38 ޕޮއިންޓާއެކުގައެވެ.