ރިިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ފޯމިއުލާ އެބައޮތް ކަމަށާއި ރިޔާސީ ޕްރައިމަރީ ކާމިޔާބު ވެއްޖެނަމަ ދެވަނަ ބުރަކަށް ދާން ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އައްޑޫ ސިޓީގެ މީދުއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް މިއަދު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން އައްޑޫގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކަކީ އައްޑޫގެ ރައްޔިތުން ތައްޔާރުކޮށް އެމަނިކުފާނާ ހަވާލުކުރި މެނިފެސްޓޯއެއް ކަމަށެވެ. އަދި އައްޑޫގެ ރައްޔިތުން އެދުނު އެގޮތަށް އެމަނިކުފާނުގެ ސަރުކާރުން ދަނީ ތަރައްގީގެ މަޝްރޫއުތައް ހިންގަމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އައްޑޫގެ ހުރިހާ ރަށަކުން ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާ މަންޒަރު ފެންނަން ހުންނާނެ ކަމަށެވެ. އެމަނިކުފާނު ވެރިކަމަށް އައީ އެމްޑީޕީގެ މެނިފެސްޓޯއަކާއެކު ކަމަަށާއި މެނިފެސްޓޯއާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި މަޝްރޫއުތައް ހިނގަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކުރަން ޖެހިފައިވާ ކަންކަން ގިނަ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޑީޕީއަށް ވެރިކަން ނުލިބި، މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އިދިކޮޅު ޕީޕީއެމުން ކާމިޔާބުކޮށްފިނަމަ، އެމަނިކުފާނު ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގޮސް މަޑުޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ ތިޔަބޭފުޅުން މި ޕްރައިމަރީގައި ގޮތެއް ނިންމާ އިރުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދޭތެރޭގައި ފުންކޮށް ވިސްނަވަންވާނެ. އެ އިންތިހާބު ގެއްލިއްޖެނަމަ، އަޅުގަނޑުމެންނަށް ވެރިކަން ގެއްލިއްޖެނަމަ، އެނބުރި ވެރިކަމަށް ދެން ނަގާނީ ކިހާ ދުވަހެއްކަންވެސް އަޅުގަނޑުމެންނަކަށް ނޭނގެ. އެހެންވީމާ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ފޯމިއުލާއަކީ އެމްޑީޕީއާ އަދި އެމްޑީޕީއަށް ތާއިދުކުރާ ބަޔަކާ އެކީގައި އެކުލަވައިލެވޭ ސަރުކާރެއް އުފެދޭ ގޮތަށް އެކަން ކޮށްގެން. އަޅުގަނޑު މިއަންނަނީ އެކަން ހާމަކޮށްދެމުން. ޕްރައިމަރީގައި އަޅުގަނޑަށް ކާމިޔާބުކުރެވިއްޖެނަމަ، އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް މި ޕްރައިމަރީ އަޅުގަނޑުމެންނަށް ބޮޑުތަނުން ކާމިޔާބުވާނެ. އެއާއެކުގައި ސަރުކާރެއް އެއްބުރުން އެކުލަވާލާ ވަރުގެ ނަތީޖާއެއް ނެރެވޭ ފޯމިއުލާއެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަތުގައި އެބައޮތް. އަޅުގަނޑަށް ނުފެނޭ އަޅުގަނޑުމެންނަށް މި ޕްރައިމަރީ ކާމިޔާބުވެއްޖެއްޔާ ދެވަނަ ބުރަކަށް ރިޔާސީ އިންތިހާބުގައި ދާންޖެހޭ ސަބަބެއް. އެއްބުރުން މިކަން އަޅުގަނޑުމެންނަށް ނިންމާލެވޭނެ،" ރައީސް ވިދާޅުވިއެވެ.
އެއަށްފަހު ރައީސް ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ދެން ވާދަކުރައްވާ އެ ޕާޓީގެ ރައީސް، ކުރީގެ މުހައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވައިފައެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރާޅުގަނޑުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ މި ސަރުކާރުގެ ތަރައްގީގެ ސްލޯގަންއަކީ "އަންނަނީ އަންނަނީ" ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ މެމްބަރުން ބޭނުންވަނީ ބާރު ދުވެލީގެ ތަރައްގީ ކަމަށާއި ނަމަވެސް ސަރުކާރުގެ ތަރައްގީ އަދިވެސް އޮތީ "އަންނަނީ އަންނަނީ " ގައި ކަމަށެވެ.
އެ ވާހަކަތަކަށް ރައްދުދެއްވައި ރައީސް ވިދާޅުވީ "މީދޫ ދާއިރާ، ހުޅުމީދުއަށް ބެލިޔަސް އަޅުގަނޑުމެން ބުނަން އޮތް އެއްޗަކީ ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ" ކަމަށެވެ.
ރައީސް ވިދާޅުވީ، މީދޫއާއި ހުޅުދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ޓޫރިޒަމް ޒޯންގެ މަސައްކަތާއި ހުޅުމީދޫ ބޮޑު މަގުގެ މަސައްކަތާއި ބަނދަރުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ. އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށާއި އަދި އިޖުތިމާއީ މަރުކަޒުގެ މަސައްކަތް މިހާރު ޓެންޑާ ކޮށްފައިވާ ކަމަށެވެ.
"ދެން މިހެން ގޮސް ނިމިއްޖެ، ނިމއްޖެ ކިޔަން ވެއްޖެއްޔާ އަޅުގަނޑަށް މިތާ ހުރެ ދިގު ލިސްޓެއް ކީދާނެ. އަޅުގަނޑުމެން ވިސްނަންވީ ދެން ހުރި ކަންކަން އަނެއްކާވެސް ނިންމަން،" ރައީސް ވިދާޅުވިއެވެ.