ކެނަބިސް ޓްރެފިކު ކުރި މައްސަލައެއްގައި އުމުރަށް ޖަލަށް ހުކުމްކޮށް، 100،000 ރުފިޔާއިން ޖޫރިމަނާކުރި މީހަކު ހައިކޯޓުގެ ހުކުމަކާ ގުޅިގެން މިނިވަން ވެއްޖެއެވެ.

މިއީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުގެރޭ، މާލެއިން ރަށަކަށް މަސްތުވާތަކެތި ފޮނުވަން، ބޮޑުތަކުރުފާނު މަގު ވިލާ ކޮލެޖާ ދިމާލުން މާލޭ ފަޅު ތެރޭގައި އޮތް ދޯންޏަކަށް ފޮށިގަނޑެއް އަރުވަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން އެތަނަށް ގޮސް ހިންގި އޮޕަރޭޝަނެއްގައި ވ. ކެޔޮދޫ ނަސީމީ ވިލާ މުހައްމަދު ނަސްވާނުގެ އިތުރުން މުހައްމަދު ފާރިޝް ހައްޔަރުކޮށް އޭނާގެ މައްޗަށް ކުރިމިނަލް ކޯޓުގައި ކުރި ދައުވާއެކެވެ.

އެ ފޮށިގަނޑުގެ ތެރޭގައި އޮތް ރަސިލީ ސުޕާރީ ފޮއްޓެއްގެ ތެރޭގައި 16.5 ގްރާމުގެ ކެނަބިސް އަޅާފައި ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ނަސްވާންގެ މައްޗަށް ދައުލަތުން ކުރި، ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ، އުމުރަށް ޖަލަށްލުމާ އެކު 100،000ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކުރިިމިނަލް ކޯޓުން ހުކުމް ކުރިއެވެ. އެއީ ނަސްވާން، ފާރިޝްގެ އަތަށް ފޮށިގަނޑު ދިން ކަމަށް ފުލުހަކު ދިން ހެކިބަހާއި ނަސްވާން ކުރިން ތަހުގީގުގައި ވެފައިވާ އިއުތިރާފާ ގުޅިގެންނެވެ.

ކުރިމިނަލް ކޯޓުގެ އެ ހުކުމާމެދު ހިތްހަމަނުޖެހިގެން ނަސްވާންގެ ފަރާތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

މި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރު ނިޔާޒާއި ފަނޑިޔާރު ހުސެއިން ޝަހީދުގެ އަގުލަބިއްޔަތުން މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ކުރި ހުކުމުގައި ވަނީ، ނަސްވާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ކުށް ސާބިތު ކުރުމުގައި އެކަށީގެންވާ ޝައްކުތަކެއް ހުއްޓައި އެކަންކަމަށް ބެލުމެއް ނެތި ކަމަށެވެ. އެހެންކަމުން ކުރިމިނަލްކޯޓުގެ އެ ހުކުމް ބާތިލުކުރާ ކަމަށްވެސް އެ ހުކުމުގައި ވެއެވެ.