ޕީއެސްޖީގެ އާޖެންޓީނާ ފޯވަޑް، ލިއޮނަލް މެސީ ގެންދަން ސައުދީ އަރަބިއާގެ އަލް ހިލާލުން ބޮޑު ބިޑެއް ކުރި ކަމަށް ދެކެވޭ ވާހަކަތައް ސްޕެއިން ފުޓުބޯޅައިގެ ތަޖުރިބާކާރު ގުލެމް ބަލާއު ދޮގުކޮށްފިއެވެ.
ވޯލްޑް ކަޕަށްފަހު މެސީގެ ވާދަވެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯ ޔޫރަޕްގެ ފުޓުބޯޅަ ދޫކޮށް ސައުދީ އަރަބިއާގެ އަލް ނަސްރަށް ސޮއިކޮށްފައިވާ އިރު، ރޮނާލްޑޯ ދިޔައީ ގާތް ގަނޑަކަށް ސީޒަނަކަށް 200 މިލިއަން ޕައުންޑް ޖެހޭނެ މުސާރައެއްގައެވެ.
ރޮނާލްޑޯގެ އެ ޓްރާންސްފާއާއެކު އަލް ނަސްރުގެ ވާދަވެރި އަލް ހިލާލުން މެސީ ގެންދަން އުޅޭ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ. ހަބަރުތައް ބުނީ މެސީ ގެންދާނީ 245 މިލިއަން ޕައުންޑްގެ އާންމުދަނީއެއް އަހަރަކު ޖެހޭނެ އެއްބަސްވުމެއްގައި ކަމަށެވެ.
މެސީ ޕީއެސްޖީއާއެކު މިހާރު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން މި ސީޒަނުގެ ނިޔަލަށް މުއްދަތު ހަމަވާނެއެވެ. ނަމަވެސް އިތުބާރު ނޫސްތައް އަދި ބަލާއުވެސް ބުނެފައިވާ ގޮތުން މެސީ މިހާރު ތައްޔާރު ވަމުންދަނީ ޕީއެސްޖީއާއެކު އެއްބަސްވުން އާކުރުމަށެވެ.
"ހިލާލަކުން އޮފާއެއް ކޮށްފައެއް ނުވޭ. ކުރިއަށް އޮތް ހަފުތާތަކުގައި މެސީއާއި ޕީއެސްޖީ ބައްދަލުވާން ވަނީ ރާވާފައި، އެއީ އެއްބަސްވުން އާކުރަން،" ބަލާއު ބުންޏެވެ.
ގަތަރު ވޯލްޑް ކަޕް 2022ގެ ޗެމްޕިއަންކަން މެސީއާއި އާޖެންޓީނާ ހޯދި އިރު، އޭނާއަކީ މިދިޔަ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. 1986 ވަނަ އަހަރަށްފަހު އާޖެންޓީނާއަށް ފުރަތަމަ ވޯލްޑް ކަޕް ކާމިޔާބު ކޮށްދޭން މެސީ މުހިންމު ރޯލެއް އަދާކޮށްފައިވާ އިރު، ބަލާއުގެ ނަޒަރުގައި މެސީގެ ފޯކަސް މި ވަގުތު ހުރީ ޔޫރަޕްގެ އިތުރު ކާމިޔާބީ ތަކަށެވެ.
ބަލާއު ބުނީ މެސީއަކީ ބެލޮންޑިއޯ ހޯދުން އެންމެ ގާތް ކުޅުންތެރިޔާ ކަމަށާއި މި ވަގުތު މެސީގެ ފޯކަސް ހުރީ ޕީއެސްޖީއާއެކު ޔޫރަޕްގެ އިތުރުން ޑޮމެސްޓިކް ކާމިޔާބީތަކަށް ކަމަށެވެ.
މެސީ 2021 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވީ ކެރިއަރު އެކުގައި ބާސެލޯނާގައި ހޭދަކޮށްފައެވެ. ޕީއެސްޖީއަށް ކުޅުނު 54 މެޗުން މެސީ ވަނީ 24 ގޯލު ޖަހައިދީފައެވެ.