އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށްފިއެވެ.

ޔުނައިޓެޑް ދަނޑުގައި ކުޅުނު މެންޗެސްޓާ ޑާބީ، އެ ޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ ނަތީޖާއާއެކު ޔުނައިޓެޑް ވަނީ ލީގު ތާވަލުގެ ދެވަނައިގައި އޮތް ސިޓީއާ ގާތަށް ޖެހިލައިފައެވެ. އެއްވަނައިގައި އޮތް އާސެނަލަށް 17 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި ސިޓީ އޮތީ 18 މެޗުން 39 ޕޮއިންޓާއެކުގައެވެ. ތިން ވަނައިގައި ޔުނައިޓެޑް އޮތީ 18 މެޗުން 38 ޕޮއިންޓާ އެކުގައެވެ. ހަތަރެއްގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް 18 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ.

މެޗު ފެށިގެން ފުރަތަމަ ކޮޅުގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، ފުރަތަމަ ހާފުގައި ޔުނައިޓެޑުން އެންމެ ނުރައްކާ ކުރީ ފޯމުގައި ހުރި މާކަސް ރަޝްފޯޑެވެ. އޭނާގެ ދެ ހަމަލާއެއް ބޭރަށް ދިޔައިރު، އިތުރު ހަމަލާއެއް ސިޓީގެ ބްރެޒިލް ގޯލްކީޕަރު އެޑަސަން މޮރާއެސް މަތަކުރިއެވެ.

ފުރަތަމަ ހާފުގައި ސިޓީގެ ނުރައްކާ ކުޑަކޮށް ފެނުނު އިރު، ދެވަނަ ހާފަށް ނުކުމެ، މެޗުގެ 60 ވަނަ މިނެޓުގައި ސިޓީން ލީޑު ނެގިއެވެ. ސިޓީގެ ގޯލު ޖެހީ ބަދަލަކަށް މެޗެއް ނުކުތް އިނގިރޭސި ވިންގާ ޖެކް ގްރީލިޝްއެވެ.

އެ ގޯލާއެކު ސިޓީން ތިން ޕޮއިންޓާ ދިމާލަށް މިސްރާބު ޖެހި ނަމަވެސް، ޔުނައިޓެޑުން ވަނީ މަސައްކަތުގެ ރޭޓް މަތިކޮށް، މެޗަށް އަނބުރާވަނުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން 78 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ޖެހި ގޯލުން ޔުނައިޓެޑްގެ ނަތީޖާ ހަމަހަމަ ކުރި އިރު، އެ ގޯލް ފެނިގެން ދިޔައީ ޑްރާމާ ބޮޑުކޮށެވެ.

ކަސެމީރޯގެ ޕާހަށް ރަޝްފޯޑާއި ފެނާންޑާޒް ކުރިއަށް ދުވެ، ފެނާންޑޭޒް ބޯޅަ ގޯލަށް ވައްދާލި އިރު، ލައިސްމަން އޮތީ އޮފްސައިޑް ކަމަށް ދިދަ ނަގައިފައެވެ. ނަމަވެސް އެއީ ގޯލެއް ކަމަށް ފަހުން ނިންމީ ރަޝްފޯޑު އޮފްސައިޑް މަގާމެއްގައި އޮތުމުންނެވެ. ރެފްރީ ނިންމީ ފެނާންޑޭޒް ސައިޑް ނުވާ ކަމަށެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ޔުނައިޓެޑް މޮޅުކޮށްދިން ގޯލް ޖެހީ ރަޝްފޯޑެވެ. ޔުނައިޓެޑްގެ އޭރިއާ ތެރެއިން އަލެހާންދްރޯ ގާނާޗޯ ނެގި ހުރަހަކަށް ހުސްކޮށް އަރައި، ރަޝްފޯޑް ޖެހި ގޯލާއެކު އޭނާ ވަނީ އެންމެފަހުން ޔުނައިޓެޑް ކުޅުނު ހަތް މެޗުގައިވެސް ގޯލު ޖަހައިފައެވެ.