އައްޑޫ ސިޓީން އެ މަނިކުފާނަށް ދެއްވާ ތާއީދަކީ ބޭކާރުވެގެންދާނެ އެއްޗެއް ނޫން ކަމަށާއި ދެވަނަ ދައުރެއް ލިބިއްޖެ ނަމަ އަލަށް އެކުލަވާލައި ސަރުކާރުގައި އައްޑޫގެ ހިއްސާ ބޮޑުކޮށް ފެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ސިޓީގެ ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންނާއެކު އުސްގަނޑު ސަރަހައްދުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އައްޑޫގެ ތަރައްގީއަށް އެންމެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދަނީ މި ސަރުކާރުން ކަމަށެވެ.

ރައީސް ވިދާޅުވީ، އައްޑޫގެ ތަރައްގީއަށް ފެއްޓެވި މަސައްކަތްތައް، ކުރިއަށްގެންދަން އެމްޑީީޕީ ވެރިކަމަށް ގެންނަންޖެހޭ ކަމަށާއި އެކަން ކުރެވޭނީ ޕްރައިމަރީގައި އައްޑޫގެ ތާއީދު އެ މަނިކުފާނަށް ލިބިވަޑައިގެން ކަމަށެވެ.

"އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ، މި ސިޓީން އަޅުގަނޑަށް ލިބޭ ތާއީދަކީ ބޭކާރުވެގެންދާނެ އެއްޗެއް ނޫން. އަދި އަޅުގަނޑުމެން އެކުލަވާ ސަރުކާރުގައި އައްޑޫގެ ހިއްސާ ބޮޑުކޮށް ފެނިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އައްޑުއަށް މި ސަރުކާރުން ގެނެސްދީފައި ވަނީ ވެރިކަން ބަދަލުވުމުން އުފުރާލައިގެން ގެންދެވޭނެ ތަރައްގީއެއް ނޫން ކަމަށާއި ކުރީ ސަރުކާރުން އައްޑުއަށް ގެނެސްދީފައި ހުރީ ވަގުތީ ހައްލުތަކެއް ކަމަށެވެ، އަދި މުޅި ރާއްޖެ ތެރައްގީކުރުމަށް އައްޑޫގެ ތާއީދު އެ މަނިކުފާނަށް ބޭނުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.