ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ތެރެއަށް އާއިލާ ވައްދައި، މަގުމަތިން އަނބިދަރިންނާ ދިމާކުރުން ބަލައެއްނުގަނެވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭނުގެ ފޯރިގަދަވެ އެ ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުުގެ ރައީސްއާއި ދެ ބޭފުޅުންގެ ސަޕޯޓަރުން ގެންދަނީ ސޯޝަލްމީޑިއާއާއި އެހެން ގޮތް ގޮތުންވެސް ބަހުގެ ހަމަލާތައް އަމާޒުކުރަމުންނެވެ.
ފައްޔާޒް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މީޑިއާއާއި އެހެން ގޮތްގޮތުންވެސް އޭނާއާ ދިމާކުރެވިދާނެ ކަމަށެވެ. ނަމަވެސް އަނބިދަރިންނާ ދިމާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
އެ ކަންބޮޑުވުން ފާޅުކުރެއްވުމުން އެމްޑީޕީގެ ގުރޫޕްތަކަށް ފޮނުއްވި މެސެޖުގައި ރައީސް ނަޝީދު ވަނީ ޒާތީކޮށް ފައްޔާޒާއި
އޭނާގެ އާއިލާއާ ދިމާނުކުރަން ކެމްޕޭން ޓީމަށް އިލްތިމާސް ކުރައްވައިފައެވެ. އަދި އެކަމަށް އިލްތިމާސް ކުރެއްވީތީ ފައްޔާޒް ވަނީ އެ މަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ.
މި މަހުގެ 28 ގައި ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭންގައި އަމަލީ ގޮތުން ފައްޔާޒް ނޫޅުއްވައެވެ. އެއީ ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން އެ ޕްރައިމަރީގެ ކަންކަން ހިންގާ ހާއްސަ ކޮމިޓީގެ ކަންކަން ބައްލަވައި، ޕްރައިމަރީ ރާވައި ހިންގުމަކީ އޭނާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކަށްވާތީ، ވަކި ކެންޑިޑޭޓަކަށް ކެމްޕޭން ނުކުރެއްވޭނެތީއެވެ.