ވިޔަފާރިވެރިންނަށް މިހާރަށްވުރެ ފަސޭހަ، ލުއި އިންތިޒާމްތަކެއް ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފިއެވެ.
ބީއެމްއެލަށް 40 އަހަރު ފުރުން ފާހަގަ ކުރުމަށް ކްރޮސްރޯޑްސްގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ އެންމެ އިސް ޒިންމާއަކަށް ވާންޖެހޭނީ، ރައްޔިތުންގެ ހިތުގައި ބޭންކާމެދު އިތުބާރާއި ޔަގީންކަން އުފައްދައި ދެމެހެއްޓުން ކަމަށް ރައީސް ވިދާޅުވިއެވެ.
ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ބުރަ މަސައްކަތުން ހޯދާ ފައިސާ ރައްކާކުރަން ބޭންކާ ހަވާލުކުރަނީ، ބޭންކާމެދު ވަރަށް ބޮޑަށް އިތުބާރު ކުރާތީ ކަމަށެވެ. އެ ފައިސާ އަމާނާތްތެރިކަމާއި ފަރުވާތެރިކަމާއެކު ރައްކާތެރިކޮށް ބެލެހެއްޓުމަކީ ބޭންކުގެ އެންމެ އިސް ޒިންމާ ކަމަށާއި އެ އަމާނާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް، މިހާރަށްވުރެ ވެސް ހަރުދަނާ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"40 އަހަރު ފުރިގެންދާއިރުގައި، ވިޔަފާރިވެރިންނަށް މިހާރަށްވުރެ ފަސޭހަ ލުއި ގޮތްތައް ހޯދައިދިނުމަށް ބޭންކުން މަސައްކަތް ކޮށްދެއްވާށޭ،" ރައީސް ވިދާޅުވިއެވެ.
"ދާދިފަހުން ތިޔަބޭފުޅުން އިއުލާނު ކުރެއްވި، ރާއްޖެއިން ބޭރުގައި ކިޔަވާ ސްޓޫޑެންޓުންނަށް ފޮނުވާ ޓީޓީ ލިމިޓް ކުރުމުގައި ކަންބޮޑުވުންތަކެއް ބެލެނިވެރިންގެ އެބައޮތް. އެހެންކަމުން ސެންޓްރަލް ބޭންކް، އެމްއެމްއޭ އާއި ބޭންކް އޮފް މޯލްޑިވްސް މިކަމާ ދޭތެރޭގައި ވިސްނަވައި، މި ދެންނެވި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަކީ ބޭންކުގެ ހިއްސާދާރުންނާއި ބޭންކުން ހިދުމަތް ހޯއްދަވާ ބޭފުޅުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބީއެމްއެލުން 40 އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއަށް ވަރަށް ގިނަ ގޮތްގޮތުން ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑު ދިރުމެއް ގެނެސްދީފި ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދުގެ މައި ދެ ތަނބަކީ ފަތުރުވެރިކަމާއި މަސްވެރިކަން ކަމަށެވެ. އެ ދެ ތަނބުގެ މަތީގައި ރާއްޖޭގެ އިގުތިސޯދު ހިފެހެއްޓި އޮންނަނީ ބީއެމްއެލްގެ ހަކަތަ އާއި ފަންވަރުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު