ހަރުކަށި ފިކުރު ގަބޫލުކުރާ ފަރާތްތަކުން ޓެރަރިސްޓް ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓަށް ތާއީދުކޮށް، ދީނުގެ ނަމުގައި ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދީ، ގައުމީ ސަލާމަތަށް ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމުގެ ތުހުމަތުގައި ފުލުހުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ހިންގި މީހުން ދޫކޮށްލަން ގޮވާލައި، އިންޒާރު ދިން މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ވަނީ އައްޑޫގެ އިތުރުން ކ. ގުރައިދޫ އަދި މާލޭގައި ވެސް އެ އޮޕަރޭޝަނުގެ ބައެއް ކުރިއަށް ގެންގޮސްފައެވެ. ފުލުހުން ވަނީ އެ އޮޕަރޭޝަންގެ ތެރެއިން 14 މީހަކު ހައްޔަރުކޮށްފައެވެ.
އެ 14 މީހުން ދޫކޮށްލަން ގޮވާލައި އިސްލާމިކް ސްޓޭޓުގެ ލޯގާއާއެކު އައްޑޫގެ އެކިތަންތަނުގައި ތަތްކޮށްފައިވާ އިންޒާރުގެ ލިޔުންތައް މިއަދު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
"އައްޑޫ ސިއްސުވާލާނީ. ލޭ އޮހޮރުމަކަށް ނުގޮސް އަމާންދީ. އަދި އަހުންތައް ދޫކޮށްލާ. މީ ފަހުގެ އިންޒާރު،" ތަތްކޮށްފައިވާ ލިޔުންތަކުގައިވެއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާއިން "ވަން" އަށް މިއަދު ބުނީ މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދީ، ގައުމީ ސަލާމަތަށް ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން މަސައްކަތް ކުރަމުން ދިޔައީ ގޮވާ ތަކެތި ބޭނުން ކޮށްގެން ތަނެއް ގޮއްވާލުމަށް ކަމަށެވެ. އަދި އެ މީހުން މަސައްކަތް ކުރަމުން ދިޔައީ ގިނަ ބަޔަކު މަރުވާ ގޮތަށް ތަނެއް ގޮއްވާލަން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު