ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތް މާލޭ ސަރަހައްދުގައި ބޭނުންކުރާ ދަތުރުވެރިންނަށް ކޮންޓެކްޓްލެސް މާސްޓާ ކާޑް އާއި ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޓިކެޓަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، މާސްޓާކާޑް އަދި ވިސާ ބްރޭންޑްގެ ކޮންޓެކްޓްލެސް ކާޑު މެދުވެރިކޮށް ޓިކެޓަށް ފައިސާ ދެއްކުމަށް ބޭނުންވާ ވެލިޑޭޓާ މާލެ ސިޓީގެ ހުރިހާ އާރްޓީއެލް ބަހެއްގައި ހަރުކޮށްފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނީ، ކޮންޓެކްޓްލެސް ކާޑުން ފައިސާ ދެއްކުމުގެ ހިދުމަތް މިވަގުތު ލިބޭނީ މާލޭ ސަރަހައްދުގެ އާރްޓީއެލް ބަސްތަކަށް ކަމަށެވެ. އަދި ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކުނު ނަމަވެސް އޮންލައިން ކޮށް (ކިޔުއާރް ޓިކެޓް) މެދުވެރިކޮށްގެންނާއި ކަރުދާސް ޓިކެޓުގެ ހިދުމަތްވެސް ލިބޭނެ ކަމަށެވެ.
ކޮންޓެކްޓްލެސް ކާޑުން މާލޭ ސަރަހައްދުގެ ބަސްތަކަށް ފައިސާ ދައްކަން ފެށުމުގެ ގޮތުން ކާނިވާ ސަރަހައްދުގައި ހުންނަ އާރްޓީއެލް ބަސް ސްޓޮޕްގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ކޮންޓެކްޓްލެސް ކާޑުން އާރްޓީއެލްގެ ބަަސްތަކުގެ ޓިކެޓަށް ފައިސާ ދެއްކޭނެ ގޮތް ހަމަ ޖެހުނީ ބީއެމްއެލް އާއި މާސްޓާކާޑުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކުގައި ކަމަށެވެ.
"އަވަސް މުސްތަގުބަލެއްގައި އެހެނިހެން އަތޮޅުތަކުގައި މި ކުންފުނިން ދެމުން އަންނަ އާރްޓީއެލްގެ ބަހުގެ ހިދުމަތަށްވެސް ކޮންޓެކްޓްލެސް ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ގިނަ މީހުންނަކީ އަތުގައި ނަގުދު ފައިސާ ގެންގުޅޭ މީހުން ނޫން ކަމަށާއި އެހެންކަމުން މިއަދު ތައާރަފުކުރެވުނު ހިދުމަތާއެކު ކަސްޓަމަރުންނަށް ބޮޑު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ، އެމްޓީސީސީން ރައްޔިތުނަށް އަވަސް އަދި ފުރިހަމަ ބަހުގެ ހިދުމަތެއް ދިނުމަށް މަސައްކަތްކުރާ އިރު، މިދުވަސްވަރު މާލޭގެ ބައެއް ސަރަހައްދުތަކުގައި ހިންގާ ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ބަސް ދަތުރުތަކަށް ބުރޫ އަރާ ކަމަށެވެ. އެހެންވެ، ހަރަކާތްތައް ކުރިއަށްގެންދާ އިރު، ބަސް ދަތުރުތަކަށް އުނދަގޫ ނުވާނެހެން އެކަން ކުރުމަށް އާޒިމް އިލްތިމާސްކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު