އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް ކަނޑައެޅުމަށް ބާއްވާ، ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ވާދަ ކުރެއްވުމަށް ނުކުންނެވީ، ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ޕްރައިމަރީއަށް ނުނިކުންނެވުމުން ކަމަށް އެ ޕްރައިމަރީގައި ވާދަ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރ. ދުވާފަރަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެނޑިޑޭޓަކު ނެރުމަށް ކޯލިޝަން ޕާޓުނަރުންނާއެކު އެއްބަސްވި ނަމަވެސް، އެމަނިކުފާނުގެ ވިސްނުންފުޅުގައި ދެ ބޭފުޅެއްގެ ނަން އޮތް ކަމަށެވެ. އެއީ އަބުދުﷲ ޝާހިދުގެ އިތުރުން އޭރުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހެވެ.

"އަޅުގަނޑު ވިސްނީ އެމްޑީޕީގެ ކެނޑިޑޭޓުގެ ގޮތުގައި ދެބޭފުޅަކު ފާހަގަވެއޭ، އެއިރު އެއީ ފޮރިން މިނިސްޓަރު ޝާހިދާއި ހިންނަވަރު ދާިއރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު، ދެން އަޅުގަނޑު ބޮޑަށް ބެލީ ތިބޭފުޅުންނާއި، އެމްޑީޕީގެ އަބަދުވެސް މެންބަރެއްގެ ގޮތުގައި ހުރި މީހަކު އެމްޑީޕީއަށް ފަސޭހަ ވާނެއޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ޝާހިދަށް ތާއީދުކޮށްދެވެން ނެތް ވާހަކަ އޭރު ޝާހިދަށް ދެންނެވި ކަމަށާއި ނަމަވެސް މިފަހަރު ޕްރައިމަރީއަށް ނުކުތުމުގެ ކުރިން، ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ޝާހިދަށް ދެންނެވި ކަމަށް ވެސް ވިދާޅުވިއެވެ.

"މިފަހަރު ނުކުތުމުގެ ކުރީގައި އަނެއްކާ ފަހުންވެސް ޝާހިދަށް ދެންނެވިން ޝާހިދު ބޭނުންވެ ވަޑައިގަންނަވަންޏާ ނުކުންނަވަންޏާ އަޅުގަނޑު މިކަން ކުރާކަށް ނޫޅޭނަމޭ. ދެން އަޅުގަނޑަކަށް ނުފެނޭ އެ ބޭފުޅުންނަކީ ނުކުމެ ވާދަ ކުރައްވާ ބާވަތުގެ ބޭފުޅުން ކަމެއް އެހެންވީމާ ނުކުރެއްވީ. އަޅުގަނޑަކީ ނުކުމެ ވާދަކުރާ ކަހަލަ މީހެއް، އެހެންވީމާ އަޅުގަނޑު މިހުރީ ނުކުމެ ވާދަކުރަން ކާމިޔާބުވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.