ވަކީލަކު ހޯދުމަށް ދޭންޖެހޭ ފުރުސަތު ގެއްލިފައިވާތީ، އެއީ އަސާސީ ހައްގެއް ގެއްލިފައިވުން ކަމަަަށް ކަނޑައަޅައި، ޑްރަގު މައްސަލައެއްގައި ހައްޔަރުކުރި މީހަކު ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލުކުރުމުން، އެ މީހާ މިނިވަންވެއްޖެއެވެ.
މަސްތުވާތަކެތި ގެންގުޅެ އެ ތަކެތިގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގ.ސަންޑާސް/ އިޝްފާގު ވަހީދު ހައްޔަރުކުރީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އެއަށްފަހު ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން 30 ދުވަހުގެ މުއްދަތައް ބަންދުކުރުމަށް އަމުރުކުރިއެވެ.
މި މައްސަލައަކީ ކްރިމިނަލް ކޯޓުގެ އެ އަމުރާ މެދު ހިތްހަމަނުޖެހިގެން އިޝްފާގުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފީ ދެ ނުކުތާއެއް އިޝްފާގުގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ.
އެއް ނުކުތާއަކީ އޭނާ ބަންދުކުރަން އަމުރު ކޮށްފައިވަނީ، ހައްޔަރުކުރާ މީހާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވާ ކަމަށާއި ގާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުސަތު އެ މީހަކަށް ފަހިކޮށްދޭންވާނެ ކަމަށް ކަނޑައަޅާފައިވާ، ގާނޫނުއަސާސީގެ 48 ވަނަ މާއްދާ އާއި 53 ވަނަ މާއްދާއާ ހިލާފަށް ކަމަށް ހުށަހަޅާފައިފާ ނުކުތާއެވެ.
ދެވަނަ ނުކުތާގައި ބުނެފައިވަނީ އެ އަމުރަކީ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމި ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުގެ އަމުރަކީ އިޝްފާގަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ވަކީލެއްގެ ފުރުސަތު ދިނުމެއް ނެތި ބަންދާމެދު ގޮތެއް ނިންމާފައިވާ މައްސަލައެއް ކަމަށް ބުނެ އެ އަމުރު ބާތިލުކޮށްދިނުމަށް ހައިކޯޓުގައި އެދުނެވެ.
މި މައްސަަލައިގައި ހައިކޯޓުގެ ފަނޑިޔާރު ފާތިމަތު ފަރްހީސާއާއި ފަނޑިޔާރު މުހައްމަދު ސަލީމުގެ ތާއީދާއެކު، ފަނޑިޔާރު ހުސެއިން ޝަހީރު ކުރެއްވި ހުކުމުގައި ވަނީ، އިޖުރާއަތު ތަންފީޒުކުރާ ފަރާތަކުން ހަދާ ގޯހެއްގެ ސަބަބުން، ގާނޫނުއަސާސީގެ ދަށުން ލިބެންޖެހޭ އަސާސީ ހައްގެއް ގެއްލިގެން ނުދާނަމަ އަދި އެ ހިލާފުވި އިޖުރާއަތަކީ ރަނގަޅު ކުރެވުމުގެ ފުރުސަތު އޮތް އިޖުރާއަތެއް ނަމަ، އެކަމެއް ރަނގަޅުކުރުމާއެކު އެ މައްސަލައެއް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިވަނީ އިސްތިއުނާފު ކުރާ ފަރާތުގެ އަސާސީ ހައްގު ގެއްލިފައިވާތީ އެކަމުގެ ޝަކުވާ ކަމަށާއި މި ހައްގު ހޯދައި އަލުން އިޖުރާއަތު ރަނގަޅުކުރެވޭނެ ގޮތެއް ދައުލަތަށް ބަޔާންކޮށްދެވިފައި ނުވާ ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން އިޝްފާގު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅައި ހުކުމްކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު