ފްރާންސްގެ ކެޕްޓަންގެ ގޮތުގައި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް އުފުލާލި ގޯލްކީޕަރު، ހޫގޯ ލޮރިސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.
އުމުރުން 36 އަހަރުގެ ލޮރިސް ރިޓަޔާކުރިކަން ރޭ އިއުލާން ކޮށްފައިވާ އިރު، އޭނާއަކީ ގައުމީ ޓީމުގެ ތާރީހުގައި އެންމެ ގިނަ މެޗު ކުޅުފައި ކުޅުންތެރިޔާއެވެ. އެގޮތުން 145 މެޗު ގައުމީ ޖާޒީގައި ކުޅެފައިވާ އިރު، އެންމެފަހުން ގައުމީ ޓީމާއެކު ލޮރިސް ކުޅުނު މެޗަކީ އާޖެންޓީނާއާ ދެކޮޅަށް މިދިޔަ އަހަރު ގަތަރު ވޯލްޑް ކަޕް ފައިނަލްގައި ކުޅުނު މެޗެވެ.
ލޮރިސް ފްރާންސް ގައުމީ ޖާޒީގައި ކުޅުނު 121 މެޗެއްގައި އޭނާ ވަނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފައެވެ. ލޮރިސްއަކީ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑްގައި އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާވެސް މެއެވެ. މި ފަހަރު ވޯލްޑް ކަޕްގެ ފައިނަލް މެޗަކީ ލޮރިސް ވޯލްޑް ކަޕްގައި ފްރާންސް ޖާޒީގައި ކުޅުނު 20 ވަނަ މެޗެވެ. އެ މެޗަކާއެކު އޭނާ ވެފައި ވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަ މެޗު ކުޅުނު ގޯލްކީޕަރަށެވެ.
ރިޓަޔާކުރިކަން އިއުލާން ކުރަމުން ލޮރިސް ބުނީ، ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށާއި މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތު ކަމަށެވެ.
ލޮރިސް، ފްރާންސްގެ ގައުމީ ޓީމަށް ކުޅެން ފެށީ 2008 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރަކީ 21 އަހަރެވެ.
ލޮރިސް އިތުރަށް ބުނީ ގައުމީ ޓީމުގެ ގޯލް ބަލަހައްޓަން ހުނަރުވެރި ގޯލްކީޕަރުން އެބަތިބި ކަމަށާއި، އޭސީ މިލާނަށް ކުޅެމުންދާ މައިކް މައިނަންއަކީ އެކަމަށް އެކަށޭނެވެސް ގޯލްކީޕަރެއް ކަމަށެވެ. 14 އަހަރާއި ބައިގެ މުއްދަތަކަށް ގައުމީ ޓީމުގެ ގޯލް ބެލެހެއްޓުމަކީ ސިކުނޑިއަށް ވަރުބަލިކަން ގެނުވި ޒިންމާތަކެއް އަދާކުރަން ޖެހުނު މަސައްކަތެއް ކަމަށް ބުނަމުން ލޮރިސް ބުނީ އާއިލާއަށް ދޭން ޖެހޭ ވަގުތު އިތުރުކުރަން ޖެހިފައިވާ ކަށެވެ.