ފަރަންސޭސިވިލާތާއި ނެދަލޭންޑްސް އަދި ފިލިޕީންސްގެ އާ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް މިއަދު އަރުވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހަފުލާގައި ރައީސަށް ފަތްކޮޅު އެރުވީ ފަރަންސޭސިވިލާތުގެ ސަފީރު ރެމީ ލަމްބާޓް އާއި ނެދަލޭންޑްސްގެ ސަފީރު ވީބޭ ޖޭކޮބް ޑި ބޯގެ އިތުރުން ފިލިޕީންސްގެ ސަފީރު ނީނާ ޕީ ކައިންގެޓެވެ.
މި ސަފީރުން ރައީސް އޮފީހަށް ވަޑައިގެންނެވީ ސަގާފީ ހަތްކޮޅުގައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބޭންޑާ އެކު ކުރިއަށް ދިޔަ ހާއްސަ ހިނގާލުމެއްގައެވެ. ރައީސް ވަނީ ކޮންމެ ސަފީރަކަށް މަރުހަބާ ވިދާޅުވެ، އެ ބޭފުޅުންނާ އެކު ބައްދަލުކުރައްވައިފައެވެ.
ފަރަންސޭސިވިލާތުގެ ސަފީރާ އެކު ބޭއްވި ބައްދަލުވުމުގައި، ރައީސް އާއި ސަފީރު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. ވަކިން ހާއްސަކޮށް ފަތުރުވެރިކަމާއި ކަނޑުގެ ދަތުރުފަތުރާއި ކަނޑުތައް ހިމާޔަތްކުރުމާއި މޫސުމީ ބަދަލުތަކުގެ އިތުރުން ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާ މެދު ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ރާއްޖެއާ ފަރަންސޭސިވިލާތާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވަނީ 1969 ވަނަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުއެވެ.
ނެދަލޭންޑްސްގެ ސަފީރާ އެކު ބޭއްވި މަޝްވަރާތަކުގައި، ރައީސް ވަނީ އުމްރާނީ ތަރައްގީ އާއި މޫސުމީ ބަދަލުތަކަށް ހޭނުމާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ނެދަލޭންޑްސްއިން ލިބޭ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ 1979 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.
ފިލިޕީންސްގެ ސަފީރު ނީނާ ޕީ ކައިންގެޓާ އެކު ބޭއްވި ބައްދަލުވުމުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. މި ބައްދަލުވުމުގައި ސަފީރު ވަނީ ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސްގެ ރައްޔިތުންނަށް ރާއްޖެއިން ދެމުން އަންނަ މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައިފައެވެ.
ރާއްޖެއާއި ފިލިޕީންސާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ 1974 ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު