ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެންމެ ގަދަ އެއް ބާރު ފްރާންސުން މިރޭ ނުކުންނާނީ އެފްރިކާގެ އެންމެ ވަރުގަދަ އެއް ޓީމު ސެނެގާލާ ދެކޮޅަށެވެ. ފްރާންސަކީ ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމެވެ. 1998 އަދި 2018 ގައެވެ. އެ ދެ ކާމިޔާބީގައިވެސް މިހާރުގެ ކޯޗު، ޑިޑިއޭ ޑިޝޯމްގެ ހިއްސާ ބޮޑެވެ. އެއް ފަހަރު ކުޅުންތެރިއެއްގެ ގޮތުގައެވެ. އަނެއް ފަހަރު ކޯޗެއްގެ ގޮތުގައެވެ.
އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން) ގެ ޑްރާމާ ބޮޑު ފައިނަލުން ތަށި ލިބުނު ނަމަވެސް، ފަހުން ތަށި އަތުލެވިފައިވާ ސެނެގާލްގައިވެސް ހުރީ، ހަމަ އެކަހަލަ ތަޖުރިބާތަކެއް ކޮށްފައިވާ ކޯޗެކެވެ. ޕަޕް ޗައު ވަނީ 2001 އިން 2003 އަށް ގައުމީ ޓީމަށް 16 މެޗު ކުޅެފައެެވެ. އެއީ ކުޅުނު ޒަމާނުގެ ފޯވަޑެކެވެ.
ދެ ކޯޗުންނަށްވެސް ގައުމީ ޓީމުގެ ބެންޗު ހާއްސަވާނެއެވެ. ވޯލްޑް ކަޕްގެ ފޯރިގަދަ ކުރިމަތިލުމަކަށް ނުކުންނަ އިރު، ޕްރި މެޗުގައި ދެ ކޯޗުންވެސް ފާހަގަކުރި އެއް ވާހަކައެއް އެބައޮތެވެ. 2002 ވަނަ އަހަރު ވޯލްޑް ކަޕްގެ ވާހަކައެކެވެ.
ރޯޖާ ލެމެރޭގެ ފްރާންސް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނުކުތީ 1998 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި އޮވެގެންނެވެ. ދެކުނު ކޮރެއާ އާއި ޖަޕާނުގައި އޮތް 2002 ވަނަ އަހަރުގެ ވޯލްޑްގެ ފުރަތަމަ މެޗަށް ސެނެގާލާ ދެކޮޅަށް ފްރާންސް ނުކުތް އިރު، އެ މެޗަށް ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ޒައިނެދީން ޒިދާން ނުނިކުމެއެވެ. އެހެން ނަމަވެސް ތިއެރީ އޮންރީ އާއި ޕެޓްރިކް ވިއެރާ ފަދަ ކުޅުންތެރިން ތިބި ފްރާންސަށް ސެނެގާލް ކައިރިން 1-0 ގެ ބައްޔަކާ ކުރިމަތިވާނެ ކަމަށް އެއީ އަންދާޒާ ނުކުރެވި އޮތް ނަތީޖާއެކެވެ.
މެޗުގައި ސެނެގާލަށް ތާރީހީ ގޯލު ޖަހައިދިނީ ޕާޕާ ޑޫބާ ޑިއޮޕެވެ.
ކުރިން ފާހަގަކުރި ވާހަކައަކީ މި މެޗުގެ ވާހަކައެވެ. ޑިޝޯމްއަކީ އޭރު ގައުމީ ޓީމުން ރިޓަޔާކޮށްގެން މެޗު ބަލަން ހުރި މީހެކެވެ. 1998 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި ޑިޝޯމް 2001 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް، އަނެއްކޮޅުން ސެނެގާލް ގޮވައިގެން މިރޭ ނުކުންނަ ކޯޗަކީ އެމެޗުގެ ބައިވެރިއެކެވެ.
ޗައު އެމެޗުގައި ކުޅެން ނުނުކުތް ނަމަވެސް، އޭނާ އިނީ ބެންޗުގައެވެ. ސެނެގާލްގެ ތާރީހުގައިވެސް އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އެ ކާމިޔާބީއާއެކު އެގައުމުން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދިޔައެވެ. ތާރީހީ ކާމިޔާބީއެކެވެ. ވޯލްޑް ކަޕްގައި އެހިސާބަށް ދިޔަ އެފްރިކާގެ ދެވަނަ ގައުމެވެ.
ކޮންމެއަކަސް އެއީ ޑިޝޯމް ކުރިން ކުޅުނު ފްރާންސަށް އެންމެ މާޔޫސީ އެއް ވޯލްޑް ކަޕެވެ. ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔައީ އެންމެ ޕޮއިންޓަކާއެކުގައެވެ.
"އެއީ ތާރީހުގެ ވާހަކައެއް. އަހަންނަކަށް ހީއެއްނުވޭ އެންގޯލޯ ކާންޓޭވެސް އެމެޗު ބަލިހެނެއް. އަހަރެމެންގެ ތެރެއިން ގިނަ ކުޅުންތެރިން އޭރު އުފަންވެސް ނުވޭ. އަހަންނަށް އެނގޭ އެމެޗުގެ ބަދަލު ހިފާނެ ކަމަށް ބުނުވަން ބޭނުންވާނެކަން. އެކަމަކު ފުޓުބޯޅައިގައި ބަދަލު ހިފުމެއް ނޯންނާނެ،" ޑިޝޯމް ބުންޏެވެ.
ކަންދިމާކުރި ގޮތުން 2002 ވަނަ އަހަރު ވޯލްޑް ކަޕްގެ އެމެޗަކީ ދެޓީމުގެ އެންމެ ފަހު ކުރިމަތިލުމެވެ. ޑިޝޯމް އިތުރަށް ބުނީ އެއިރާއި މިހާރުގެ ހާލަތު ތަފާތު ނަމަވެސް އެ މެޗު އަދިވެސް ހަނދާން ހުންނަ ކަމަށެވެ.
އަނެއްކޮޅުން ޗައުއަށް އެމެޗުގެ ހަނދާން އަދި މާ ހާއްސައެވެ.
"އެމެޗުގައިވެސް އަހަރެން ހުރީ ބެންޗުގައި. މިފަަހަރުވެސް ހުންނަން ޖެހެނީ ބެންޗުގައި. އޭރު އަހަންނަށް ކުޅޭނެ ފުރުސަތު ނުލިބުނީ. މިއަދު އަހަރެން އަތުގައި ތަޅުދަނޑި މިއޮތީ،" ޗައު ބުންޏެވެ.
ޗައު އިތުރަށް ބުނީ މިހާރު އެފްރިކާގެ ފުޓުބޯޅަ ބަދަލުވެއްޖެ ކަމަށާއި، ސެނެގާލުން ފްރާންސް ބަލިކުރިޔަސް އެއީ ހައިރާން ކަމަކަށް ނުވާނެ ކަމަށެވެ.
ފްރާންސާއި ސެނެގާލަކީ އަޅުވެތިކަމުގެ ތާރީހެއްވެސް އޮތް ދެގައުމަށް ވާ އިރު، ޗައު ވަނީ ޕްރެސްގައި ހަމައެކަނި ކުޅިވަރުގެ ސުވާލު ކުރަން އެދިފައެވެ. އޭގެ އިތުރުން ސެނެގާލް ސަޕޯޓަރުންނަށް އެމެރިކާއިން ވިސާ ނުދިން ވާހަކައަށްވެސް ޗައު ދިނީ ފިނި ޖަވާބެކެވެ. އޭނާ ބުނީ ސަޕޯޓަރުން ގެންނަން ބޭނުން ނަމަވެސް، މިފަހަރު ފުއްދާލާނީ އެމެރިކާގައި ދިރިއުޅޭ ސަޕޯޓަރުންނާއެކުގައި ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް