ވޯލްޑް ކަޕް 2026 ގައި ތަރިންގެ ފްރާންސްގެ ފުރަތަމަ މެޗުގައި ސެނެގާލް ބަލިކޮށްފިއެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ގައުމު ކަމަށްވާ ފްރާންސަކީ ހުނަރުވެރި ގިނަ ތަރިންތަކެއް ހިމެނޭ ވަރުގަދަ ޓީމެކެވެ. ފްރާންސުން ވަނީ ދެ ފަހަރެއްގެ މަތިން ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އެއީ 1998 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ. މީގެ އިތުރުން 2006 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ވާދަކުރިއެވެ. ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ޔޫރޯ ވެސް ފްރާންސުން ވަނީ ދެ ފަހަރު ކާމިޔާބުކޮށްފައެވެ. އެއީ 1984 އަދި 2000 ވަނަ އަހަރުއެވެ. އަދި 2021 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަންވެސް ހޯދާފައިވަނީ ފްރާންސުންނެވެ. މިއާއެކު، ފްރާންސް ވެފައިވަނީ ފީފާ އަދި ޔޫރަޕްގެ ހުރިހާ ބޮޑެތި މުބާރާތްތަކެއް ކާމިޔާބުކޮށްފައިވާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމަށެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ، އަދި ވާދަވެރިންނަށް އެންމެ ޗެލެންޖިން އެއް ޓީމަކަށް ވެގެންދާނީ ފްރާންސެވެ. ހާއްސަކޮށް ފްރާންސްގެ އެޓޭކިން ލައިނަކީ ގިނަ ތަރިންތަކެއް އެކުލެވޭ ޑިޕާޓްމަންޓަކަށްވުމުން، މިފަހަރު ފްރާންސްގެ ބެންޗު ވެސް ވެގެންދާނީ ތަރިންގެ މައްޗަށް އެކުލެވޭ ބެންޗަކަށެވެ. ދުނިޔޭގެ އެންމެ ނުރައްކާތެރި އެޓޭކިން ލައިނާއެކު ފްރާންސުން މިފަހަރު މަސައްކަތްކުރާނީ ގެއްލިގެންދިޔަ ވޯލްޑް ކަޕްގެ ތަށި އަލުން ހޯދުމަށެވެ.
ސެނެގާލް ގައުމީ ފުޓުބޯޅަ ޓީމަކީ އެފްރިކާ ބައްރުގައި އޮތް އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު އެއް ފުޓުބޯޅަ ބާރެވެ. ސެނެގާލް ޓީމަކީ، ފަހުގެ ތާރީހެއްގައި އެފްރިކާގެ ފުޓުބޯޅައިގެ އެންމެ ކުރީ ސަފުން ޖާގަ ހޯދާފައިވާ ޓީމެކެވެ. ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގައި ސެނެގާލުން ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން 2002، 2019 އަދި 2025 ގެ މުބާރާތުގެ ފައިނަލްގައި ކުޅެފައިވާ އިރު، އެ ޓީމުން ވަނީ 2021 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށް، އެ ޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެފްކޮންގެ ތަށި އުފުލާލައިފައެވެ.
މީގެ އިތުރުން، ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގައިވެސް ސެނެގާލުން ވަނީ އެ ޓީމުގެ ފެންވަރު ސާބިތުކޮށްދީފައެވެ. މިއީ ސެނެގާލުން ވާދަކުރާ ހަތަރު ވަނަ ވޯލްޑް ކަޕެވެ. އެ ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 2002 ވަނަ އަހަރުގެ މުބާރާތުގައި ޗެމްޕިއަނުންގެ ގޮތުގައި ނުކުތް ފްރާންސް ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ. އޭރު އެއީ އެފްރިކާގެ ޓީމަކަށް ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ. އެފަހަރު ކުއާޓާގައި ސެނެގާލް ބަލިވީ ގޯލްޑަން ގޯލުގައި ތުރުކީ އަތުންނެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2022 ގެ ވެސް ގަދަ 16 އަށް ސެނެގާލް ދަތުރުކޮށްފައިވާ އިރު، ގަދަ 16 ގައި ބަލިވީ އިންގްލެންޑް އަތުންނެވެ.
މިރޭގެ މެޗުގައި ފްރާންސްގެ ފުރަތަމަ 11 ވެސް ފާހަގަކޮށްލެވެނީ ތަރިންގެ ފުރަތަމަ 11 އެއްގެ ގޮތުގައެވެ. އެގޮތުން ކެޕްޓަން ކިލިއަން އެމްބާޕޭ އާއި އެންމެ ފަހުގެ ބެލޮންޑިއާ އެވޯޑު ކާމިޔާބުކުރި އުސްމާން ޑެމްބެލޭ، މައިކަލް އޮލީސޭ އަދި ޑިސައިރޭ ޑޫއޭ އެޓޭކުގައި ހިމެނެއެވެ. އޭގެ އިތުރުން މެދުތެރޭގައި އެޑްރިއެން ރަބިއޯ އަދި އޯރެލިއެން ޗުއަމެނީ ހިމެނޭ އިރު، ޑިފެންސްގައި ވިލިއަމް ސަލީމާއާއެކު ޑަޔޮޓް އުޕަމެކާނޯ އާއި ޖޫލްސް ކޫންޑޭ އަދި ތިއޯ ހެނޭންޑޭޒް ހިމެނެއެވެ. ގޯލްކީޕަރެއްގެ ގޮތުގައި ހިމެނެނީ މައިކް މިނިއޯ އެވެ. ފްރާންސްގެ ބެންޗުގައި ވެސް ރަޔަން ޗާކީ އާއި ބްރޭޑްލީ ބާކޮލާ އަދި ތަޖުރިބާކާރު މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ފަދަ ކުޅުންތެރިން ހިމެނެއެވެ.
މެޗުގައި ސެނެގާލްގެ ޓީމުގެ ފުރަތަމަ 11 ގައި ސާޑިއޯ މާނޭ އާއި ނިކޮލަސް ޖެކްސަން އަދި އިސްމާއީލާ ސާ ހިމެނެއެވެ. އޭގެ އިތުރުން ގޯލްކީޕަރު އެޑުއާޑް މެންޑީ އަދި ތަޖުރިބާކާރު ޑިފެންޑަރު، ކެޕްޓަން ކަލިޑޫ ކުލިބާލީ ވެސް ހިމެނެއެވެ.
އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު އައި"ގެ މެޗުގައި ސެނެގާލްގެ މައްޗަށް ފްރާންސް ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.
ތަރިންގެ އެޓޭކަކާއެކު ކުޅެމުންދިޔަ ނަމަވެސް، ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ފްރާންސަށް މާބޮޑު ތަފާތެއް ދެއްކިފައެއް ނުވެއެވެ. ސެނެގާލުން ބޯޅަ ހިފަހައްޓައިގެން ނުރައްކާކުރުމަށް މަސައްކަތްކުރަމުންދިޔަ އިރު، ސެނެގާލްގެ އިސްމާއިލާ ސާގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އިސްމާއިލާ ސާ ފޮނުވާލި ހަމަލާ، އުޕަމެކާނޯ ވަނީ ބްލޮކްކޮށްފައެވެ.
ފްރާންސް ކެޕްޓަން އެމްބާޕޭއަށް ރަނގަޅު ދެ ބޯޅައެއް ލިބުނު ނަމަވެސް، ރަނގަޅަށް ކޮންޓްރޯލު ނުކުރެވުމުގެ ސަބަބުން ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ. އެޓޭކުގައި ބޯޅަ ނުހިފެހެއްޓުމާ ގުޅިގެން އެކަމުގެ ޕްރެޝަރާ ފްރާންސުން ކުރިމަތިލާން ޖެހިފައިވެއެވެ.
ދާދި ހަމަހަމަ ކުޅުމަކަށްފަހު މެޗުގެ 25 ވަނަ މިނެޓުގައި ސެނެގާލްގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ކައުންޓާ އެޓޭކެއްގައި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ނިކޮލަސް ޖެކްސަން ފޮނުވާލި ހަމަލާ އަމާޒުވީ ފްރާންސް ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އެ ބޯޅަ ބޭރަށް ގޮސްފަިއވަނީ ދަނޑީގައި ޖެހި، ފްރާންސްގެ ކީޕަރު މިނިއޯގެ ފައިގައި ޖެހިފައެވެ.
މެޗުގެ ކޮންޓްރޯލު ހޯދައިގެން، ބޯޅަ ހިފަހައްޓައިގެން ސެނެގާލުން ކުޅޭ ކުޅުން ހުއްޓުވުމަށް ފްރާންސަށް ވަނީ އުނދަގޫތަކަކާ ކުރިމަތިވެފައެވެ. މެޗުގެ ކޮންޓްރޯލު ނުހޯދި، ފްރާންސަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކުރެވިފައެއް ނުވެއެވެ.
މެޗުގެ 40 ވަނަ މިނެޓުގައި ވެސް ސެނެގާލްގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ސާޑިއޯ މާނޭ ފޮނުވާލި ހަމަލާ ދިޔައީ ފްރާންސް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ސެނެގާލަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. މާނޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އިސްމާއިލާ ސާ ފޮނުވާލި ހަމަލާ ދިޔައީ ފްރާންސް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗުގެ ފުރަަތަމަ ހާފު ނިމިގެންދިޔައީ ފްރާންސަށް ތަފާތު ނުދެއްކި، ސެނެގާލްގެ ރަނގަޅު ހާފެއްގެ ގޮތުގައެވެ. ހާފު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ ފުރަތަމަ ހަމަލާ އުފެއްދީ ފްރާންސުންނެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޑިސައިރޭ ޑޫއޭ ފޮނުވާލި ހަމަލާ، ސެނެގާލްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭގެ ފަހުން ސެނެގާލަށް ފުރުސަތެއް ލިބުނު ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އިސްމާއިލާ ސާ ހަމަލާއެއް ފޮނުވާލުމުގެ ކުރިން ފްރާންސް ޑިފެންޑަރު ވިލިއަމް ސަލީބާ ވަނީ ޓެކަލްކޮށް ބޯޅަ ހޯދައިފައެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ފްރާންސްގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ސެނެގާލް ކުޅުންތެރިންނަށް ހެދުނު ގޯހަކުން ކޫންޑޭ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އޮލިސޭ ފޮނުވާލި ހަމަލާ، ކުރިއަށް ނުކުމެ ސެނެގާލްގެ ކީޕަރު މެންޑީ ވަނީ ދިފާއުކޮށްފައެވެ.
އޭގެ ތިން މިނެޓުފަހުން ވެސް ފްރާންސަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އޮލީސޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭ ފޮނުވާލި ހަމަލާ ވެސް ސެނެގާލްގެ ކީޕަރު މެންޑީ ވަނީ މަތަކޮށްފައެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި މާނޭ ކުރި ޓެކަލްގައި ޕެނަލްޓީއެއް ދޭން ޖެހޭތޯ ރެފްރީ ވަނީ ވީއޭއާާރްގެ އެހީ ހޯދައިފައެވެ. ނަމަވެސް ވީއޭއާރްއަށް ބެލުމަށްފަހު އެއީ ޕެނަލްޓީއެއް ނޫން ކަމަށް ރެފްރީ ވަނީ ނިންމައިފައެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ވެސް އެމްބާޕޭއަށް ފުރުސަތެއް ލިބިގެންދިޔައެވެ. އޮލީސޭ ދިން ރީތި ބޯޅަ، ސެނެގާލް ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭގެ ފައިގައި ބޯޅަ ރަނގަޅަށް ލައްވާލާ ގޮތް ވެފައެއް ނުވެއެވެ. އޭގެ ފަހުން ޑުއޭ ދިން ބޯޅައަކުން ތިއޯ ހެނާންޑޭޒް ފޮނުވާލި ހަމަލާ ވެސް ސެނެގާލްގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ފްރާންސުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. އޮލީސޭ ދިން ރީތި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ރީތިކޮށް ސެނެގާލް ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިގެން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ. އޭގެ ހަތް މިނެޓު ފަހުން ލީޑު ފުޅާކޮށްލުމަށް ވެސް ފްރާންސަށް ފުރުސަތެއް ލިބުނު ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރެއިން ޑޫއޭ ފޮނުވާލި ހަމަލާ ސެނެގާލްގެ ކީޕަރު މެންޑީ ވަނީ މަތަކޮށްފައެވެ.
މެޗުގެ 79 ވަނަ މިނެޓުގައި ސެނެގާލަށް ނަތީޖާ ހަމަހަމަކުރުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޑިއުފް ނަގައިދިން ނުރައްކާތެރި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖެކްސަން ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒުފައެއް ނުވެއެވެ.
މެޗުގެ 82 ވަނަ މިނެޓުގައި ފްރާންސުން ވަނީ ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ރަބިއޯ ދިން ބޯޅައަކުން ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއިން ސެނެގާލްގެ ކީޕަރު މެންޑީގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބްރޭޑްލީ ބާކޮލާއެވެ. އޭނާއަކީ ޑެމްބެލޭގެ ބަދަލުގައި ކުޅެން ނުކުތް ކުޅުންތެރިއެކެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ސެނެގާލާއި ފްރާންސުން ވެސް ގޯލެއް ކާމިޔާބުކުރިއެވެ. އިބްރާހިމް އެމްބާޔޭ ޕެނަލްޓީ އޭރިއާ ތެރެއިން އިބްރާހިމް އެމްބާޔޭ ސެނެގާލުގެ ގޯލު ކާމިޔާބުކޮށްދިން އިރު، މާގިނައިރުތަކެއް ނުވަނީސް ދުރުން ފޮނުވާލި ހިތްގައިމު ބޯޅައަކުން ފްރާންސްގެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން އެމްބާޕޭއެވެ.
އެ ގޯލާއެކު ފްރާންސަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ވެސް އެމްބާޕޭ ވަނީ މުގުރާލައިފައެވެ. ފްރާންސްގެ ޖާޒީގައި އެމްބާޕޭ ޖެހި ގޯލުގެ އަދަދު ވަނީ 58 އަށް އަރައިފައެވެ. މީގެ ކުރިން އެ ރެކޯޑު އޮތީ އޮލިވިއާ ޖިރޫގެ އަތުގައެވެ.
ފްރާންސާއި ސެނެގާލްގެ އިތުރުން މި ގްރޫޕުގައި ދެން ހިމެނެނީ އިރާގާއި ނޯވޭ އެވެ. އެ ދެ ޓީމު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން ދަންވަރު 3:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް