ނީލަން ފިހާރައިގައި މިއަދު ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ ބައެއް މުވައްޒަފުންގެ ލޭބަ ކުއާޓަރު އަނދައިގެން ދިއުމުން ހާލުގައި ޖެހުނު ބިދޭސީން ބައިތިއްބަން ވަގުތީ ހިޔާއެއްގެ ގޮތުގައި ފަރުކޮޅުފުށި ހަމަޖައްސައިފިއެވެ.
ނީލަން ފިހާރައިގައި އަލިފާނު ހާދިސާ ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ 05:43 ހާއިރެވެ. ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާމަނުންނާއި އެމްއޭސީއެލްގެ ފަޔާމަނުން ކުރި މަސައްކަތުން ނީލަން ފިހާރައިގެ އުތުރުގައި އިމާދުއްދީން ސްކޫލާއި ދިމާލުގައި ފެތުރެމުންދިޔަ އަލިފާން 07:35 ހާއިރު ކޮންޓްރޯލް ކުރެވުނުއިރު، ނީލަން ފިހާރައިގެ އިރުމަތިން ފެތުރެމުންދިޔަ އަލިފާން ކޮންޓްރޯލް ކުރެވުނީ ހެނދުނު 08:30 ހާއިރެވެ.
ނީލަން ފިހާރަ ސަރަހައްދުގައި ހުރި ސިޓީ ކައުންސިލްގެ ތިން އެކޮމޮޑޭޝަން ބުލޮކުގެ ތެރެއިން އަލިފާން ރޯވީ ދެ ތަނެއްގައެވެ. އެ ތަނުގައި 166 ބިދޭސީއަކު އުޅޭއިރު އެކޮމޮޑޭޝަން ބްލޮކް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. ލޭބާ ކުއާޓަރުގައި ބަންގްލަދޭޝްއަށް ނިސްބަތްވާ 165 މީހުންނާއި އިންޑިއާއަށް ނިސްބަތްވާ އެކަކު ދިރިއުޅެމުން ދިޔައެވެ. އެ އެންމެންނަކީވެސް މާލޭ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ އެ ކައުންސިލްގެ މުވައްޒަފުންނެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިރޭ ބުނީ، ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކް އަނދައި ހުލިވެ، ހާލުގައި ޖެހުނު ބިދޭސީންނަށް، ސަރުކާރާ ގުޅިގެން އެޗްޑީސީގެ ފަރާތުން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
"މިގޮތުން އެކޮމޮޑޭޝަންގެ ގޮތުގައި ހަމަޖައްސައިދީފައިވަނީ ހުޅުމާލޭގައި ކުރިން ބޭނުންކުރަމުން އައި ކޮވިޑް ފެސިލިޓީ،" އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އެތަނުގައި 166 ބިދޭސީއަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެތަނުން ފާހާނާކޮށް ފެންވެރޭނެ އިންތިޒާމުވެސް ހަމަޖައްސައިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެމްޓީސީސީން މިރޭ ވަނީ ހާލުގައި ޖެހުނު ބިދޭސީން މެޑިކަލް ފެސިލިޓީއަށް ގެންގޮސްފައެވެ. އެންޑީއެމްއޭ އަދި މޯލްޑިވްސް ރެޑްކްރެސެންޓުގެ ފަރާތުން މިރޭ ވަނީ ބިދޭސީންނަށް ބޭނުންވާ ބައެއް ޒަރޫރީ ތަކެތި ފޯރުކޮށްދީފައެވެ.
ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ފަހަކަށް އައިސް މާލެ އާއި އަތޮޅުތެރޭގައި ހިނގި އަލިފާނުގެ ހާދިސާތަކުގެ ބޮޑު ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށާއި އެކަމަށް އާންމުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.