އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި 4-0 އިން ބަލިވެ، ޗެލްސީ މުބާރާތުން ކަޓައިފިއެވެ.

ޗެލްސީން އެންމެފަހުން ސިޓީއާ ދެކޮޅަށް ކުޅުނު ފަސް މެޗުންވެސް ބަލިވެފައިވާ އިރު، ރޭގެ މެޗަށް ނުކުތީ އެންމެފަހުން ލީގުގައި ކުޅުނު މެޗުންވެސް ބަލިވެފައި އޮވެގެންނެވެ. ރޭގެ މެޗުން ބަލިވެ، އެފްއޭ ކަޕްގެ ތިންވަނަ ބުރުން ޗެލްސީ ކަޓާފައިވާ އިރު، މިއީ 1998 ވަނަ އަހަރުގެ ފަހުން، އެފްއޭ ކަޕްގެ ތިން ވަނަ ބުރުން އެ ޓީމު ކެޓި ފުރަތަމަ ފަަހަރެވެ.

ޗެލްސީއާ މި ސީޒަންގެ ތެރެއިން ހަވާލުވި ގްރަހަމް ޕޮޓާއަށް ބޮޑު ޕްރެޝަރަކާ ކުރިމަތިވެފައިވާ އިރު، ރޭގެ މެޗުގެ ތެރެއިން ސަޕޯޓަރުން ވަނީ ކުރީ ކޯޗު ތޯމަސް ޓުޗެލްއާއި ކުރީގެ ވެރިޔާ ރޯމަން އަބްރަމޮވިޗްގެ ނަންތަކުން ސްޓޭޑިއަމް ގުގުމާލައިފައެވެ. އެއީ މިހާރުގެ ވެރިޔާ ޓޮޑް ބޯލީ، ޓުޗެލް ފޮނުވާލުމުން އެކަމުގެ ހިތްހަމަނުޖެހުންތައް ފާޅުކުރުމުގެ ގޮތުންނެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 23 ވަނަ މިނެޓުގައި ސިޓީން ލީޑު ނެގީ ހިލޭ ޖެހުމަކުންނެވެ. އެ ހިލޭ ޖެހުމަކީ ރިޔާދު މާރޭޒްގެ ހިތްގައިމު ހިލޭ ޖެހުމެކެވެ. އޭގެ ހަތް މިނެޓު ފަހުން، ޕެނަލްޓީ އެއްގައި ޖޫލިއަން އަލްވަރޭޒް ވަނީ ސިޓީއަށް ލީޑުފުޅާކޮށްދީފައެވެ. އަނިޔާގެ ގިނަ މައްސަަލަތަކެއްގެ ތެރޭގައި އޮތް ޗެލްސީއަށް ހާލަތު އިތުރަށް ގޯސްވީ ހާފު ނިމުމުގެ ކުރިން ސިޓީގެ ތިންވަނަ ގޯލެއް ޖެހުމާ އެކުގައެވެ. އެ ގޯލު ޖަހައި ދިނީ ފިލް ފޮޑެންއެވެ.

ދެ ވަނަ ހާފުގައި ސިޓީން އިތުރު ގޯލެއް ޖެހި އިރު، މެޗުގެ 85 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ސިޓީއަށް ހަތަރުވަނަ ގޯލް ޖަހައިދިނީ ފުރަތަމަ ގޯލް ހިލޭ ޖެހުމުން ކާމިޔާބުކޮށް ދިން މަހަރޭޒެވެ. އެ ޕެނަލްޓީއަކީ އޭރިއާ ތެރެއިން ޗެލްސީގެ ޑިފެންޑަރު ކަލީދޫ ކުލިބާލީ ސިޓީގެ ފޮޑެންއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މި ފަހަރުގެ އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި އިނގިރޭސި ޕްރިމިއާ ލީގުގެ އަށް ޓީމެއް ވަނީ ކަޓައިފައެވެ. މުބާރާތުގެ ހަތަރު ވަނަ ބުރުގެ ގުރުއަތުލުން ނިމިފައިވާއިރު، ސިޓީން ދނެް ކުޅޭނީ އާސެނަލާއި އޮކްސްފޯޑް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ޓޮޓެންހަމުން ޕްރެސްޓަންއާ ބައްދަލުކުރަން ޖެހޭއިރު، މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާނީ ރެޑިންއާއެެވެ. ވުލްވްސް އާއި ލިވަޕޫލް ކުޅެގެން މޮޅުވާ ޓީމެއް ހަތަރު ވަނަ ބުރުގައި ރަށުންބޭރުގައި ކުޅޭނީ ބްރައިޓަންއާ ދެކޮޅަށެވެ.