އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެ މަނިކުފާނުގެ އުފަށް ރަށް ޅ. ހިންނަވަރަށް ވަޑައިގަތުމުން، އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރައީސް ސޯލިހު ހިންނަވަރަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު އެ ރަށު ރައްޔިތުން އެ މަނިކުފާނަށް ތަފާތު ގޮތަކަށް މަރުހަބާ ކިޔައެވެ. މިރޭ ރައީސް ހިންނަވަރަށް ވަޑައިގަތުމުން މިފަހަރުވެސް އެމަނިކުފާނަށް އެރަށު ރައްޔިތުން މަރުހަބާ ކިޔާފައިވަނީ ތަފާތު ގޮތަކަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެ ވަރުގަދަ ކެމްޕޭންތަކެއް ކުރަމުންދާ އިރު، ރައީސް ސޯލިހަށް އެކި ރަށްރަށުން ދަނީ ތަފާތު ގޮތްގޮތަށް މަރުހަބާ ކިޔަމުންނެވެ. މިފަހަރު ހިންނަވަރު ރައްޔިތުން ދައްކުވައިދިނީ ރައީސަށް އޮތް ލޯތްބެވެ. އެގޮތުން އެރަށުގެ ބަނދަރު ސަރަހައްދަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާވި އިރު، މަރުހަބާ ކިޔަން ދިޔަ ރައްޔިތުންގެ ފަރާތުން ތަފާތު ކަމަކަށް މިފަހަރު ފެނިގެންދިޔައީ މަރުހަބާ ކިޔަން ދިޔަ އެންމެގެ ބޮލުގައި އައްސާފައިވާ "އިބޫ 2023" ޖަހާފައިވާ ފޮތިކޮޅެއެވެ. ކުދިބޮޑު އެންމެންވެސް ތިބީ ބޮލުގައި ފޮތިކޮޅު އައްސައިގެންނެވެ.
ރައީސްއަށް މަރުހަބާ ކިޔުމަށް ދިޔަ މީހަކު "ވަން" އަށް ބުނީ، އެރަށުގެ ރައްޔިތުން ބޭނުންވީ ރައީސަށް އޮތް ތާއީދު ދައްކާލުމަށް ކަމަށެވެ. އެ މަގުސަދު ވަރަށް ރަނގަޅަށްވެސް ހާސިލުވެއްޖެ ކަމަށާއި ރައީސަށްވެސް އެކަން ފެނިވަޑައިގެންފި ކަމަށެވެ.
"ރައީސް މީގެ ކުރިން ވެސް ރަށަށް ވަޑައިގަތް، މަޖިލިސް އިންތިހާބު އަދި ރިޔާސީ އިންތިހާބު، ކައުންސިލް އިންތިހާބު. ކޮންމެ ފަހަރަކު ރައީސް އެދިވަޑައިގަންނަވާނެ ރަށު ރައްޔިތުން އެމްޑީޕީ އަށާއި ސަރުކާރަށް ތާއިދު ކޮށްދިނުމަށް. އެހެންވެ މިފަހަރު ރަށުގައި ތިބި ރައީސް އިބޫގެ ސަޕޯޓަރުން ބޭނުންވީ ރައީސް އެކަމަށް އެދިވަޑައިގަތުމުގެ ކުރިން، ރައީސަށް ތާއީދު އޮތްކަން ދައްކާލުމަށް. އެހެންވެ ސަޕޯޓަރުން ނިންމީ ރަންރީދޫ ކުލައިގެ ފޮތިކޮޅެއްގައި އިބޫ 2023 ޖަހައި ބޮލުގައި އައްސަން. މިހާރު ރައީސް ނުޖެހޭނެ އެ މަނިކުފާނަށް ތާއިދުކޮށްދިނުމަށް އެދިވަޑައިގަންނަވާކަށް. ސަޕޯޓަރުން އެ ވަނީ އަމިއްލަޔަށް ރައީސްއަށް އެކަން އަންގައިދީފަ. ވަރަށް އުފަލުން ރައީސް ހުންނެވީ،" އޭނާ ބުންޏެވެ.
ރައީސް ސޯލިހަކީ ހިންނަވަރު ދާއިރާގެ ރައްޔިތުން މަޖިލިސް މެމްބަރުކަން 25 އަހަރު ވަންދެން ކުރެއްވި ބޭފުޅެކެވެ. ރިޔާސީ އިންތިހާބުގައިވެސް އެ މަނިކުފާނަށް ވަނީ ހިންނަވަރުން ގިނަ ބައެއްގެ ވޯޓު ލިބިފައެވެ.
ރައީސަށް މަރުހަބާ ކިޔުމަށް ދިޔަ އިތުރު މީހަކު "ވަން" އަށް ބުނީ ރައްޔިތުން ތަފާތު ގޮތަކަށް މަރުހަބާ ކިޔުމުން ރައީސް ހުންނެވީ ވަރަށް އުފަލުން ކަމަށެވެ. އަދި ސަޕޯޓަރުންނާ ސަލާމް ކުރައްވަމުން ގެންދެވި އިރު، ރައީސް އެންމެނަށްވެސް ޝުކުރު އަދާކުރައްވަމުން ގެންދެވި ކަމަށް އޭނާ ބުންޏެވެ.
"މިއީ މުޅި އަތޮޅު ފަހުރުވެރިވާ ރައީސެއް، އިބޫއަކީ މިރަށަށް އުފަން ބޭފުޅަކަށްވުމުން ތަފާތު ގޮތަކަށް ރައީސްގެ ހަނދާނުންނުފިލާ ގޮތަކަށް އުފާވެރި މަރުހަބާއެއް މި ދެންނެވީ" އޭނާ ބުންޏެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް ރައީސް އުފަން ރަށަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ މިރޭ ވަނީ ބައްދަލުކުރައްވައިފައެވެ.