ޓެކްސީ ޑްރައިވަރުންގެ ޓެކްސީތައް ސަރުކާރަށް ގަނެ، ޑްރައިވަރުންނަށް އެހެން ގޮތެއް ހަމަޖައްސައިދޭން ހުށަހަޅުއްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އއ. އަތޮޅު، އދ. އަތޮޅު، ފ. އަތޮޅު އަދި ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު މިއަދު ބޮޑުފެންވަޅުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އާންމު ދަތުރުފަތުރުގެ ނިޒާމަކީ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމް ކަމަށް އެ މަނިކުފާނު ދެކެވަޑައިގަންވާ ކަމަށެވެ. އެހެން ނަމަވެސް އާންމު ދަތުރުފަތުރުގެ ނިޒާމުގައި ޓެކްސީގެ ދައުރުވެސް އޮންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ތަފާތެއްގެ ގޮތުގައި ހުށަހަޅާ ސިޔާސަތަކީ ޓެކްސީ ސަރުކާރަށް ގަނެ އަދި ޓެކްސީ ޑްރައިވަރުން އެހެން ހުނަރެއް ހޯދައިދީ އެ ޑްރައިވަރަކަށް ބަސް ކުންފުނިން ވަޒީފާއެއް ދިނުން. ޓެކްސީ ގަންނާނެ އަދަދަކީ މާލޭގައި ޓެކްސީ ބޭނުންވާ އަދަދު އަންދާޒާކޮށް، ދިރާސާކޮށް، އެ އަދަދުގެ އިތުރަށް ހުރި ޓެކްސީއެއް ނަމަ ސަރުކާރުން ބައިޕައި ކިޔާނީ، އަނބުރާ ގަތުމުގެ ޕްލޭނެއް ކުރިއަށްގެންދާނީ. އާންމުކޮށް ޓެކްސީއެއްގެ ކެޕިޓަލްގެ ހަރަދެއްގެ ގޮތުގައި ފާހަގަވެފައޮތީ 300،000 ރުފިޔާއާއި 350،000 ރުފިޔާ. ދެން ޓެކްސީ ޑްރައިވަރެއްގެ އާމްދަނީ މި ހުންނާނީ ގާތްގަޑަކަށް އެކިފަހަރު އެކި ގޮތަށް،" ނަޝީދު ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޓެކްސީ ޑްރައިވަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވެފައިވަނީ މާލޭގައި 1،500 ޓެކްސީ ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. މާލޭގައި ދުއްވާ ޓެކްސީތަކުގެ އަދަދު ވަކި ވަރަކަށްވުރެ އިތުރުނުވާ ގޮތަށް އަދަދެއް ކަނޑައަޅަންޖެހޭ ކަމަށާއި މާލެއަށް 1،500 ޓެކްސީއަކީ މަދު އަދަދެއް ނޫން ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

"މިހާރު 1،500 ޓެކްސީ އެބަ ބޭނުންކުރާ، އެހެންވީމާ އެ އަދަދު ނިންމާފަ، ދެން މަދުވާ އަދަދު، ބާކީވާ އަދަދަށް ސަރުކާރުން ހުށަހެޅުމެއް ހުށަހަޅަން ޖެހޭނެ. މީގެ ތެރޭގައި ޓެކްސީ އަނބުރާ ގަތުމަށާއި ޓެކްސީ ޑްރައިވަރުން ދެ ގޮތެއް ހުށަހެޅޭ. އެއް ގޮތަކީ ބަސް ކުންފުނިން ޓެކްސީ ޑްރައިވަރަށް މަސައްކަތް ލިބުން، ވަޒީފާ ލިބުން. ދެވަނަ ގޮތަކީ ހަމަ ޓެކްސީ ޑްރައިވަރަށް ހުނަރު ޕްރޮގްރާމެއްގަ އެހެން މަސައްކަތްތަކެއް އޭނާއަށް ދިނުމަށް ސަރުކާރުން ޕްރޮގްރާމެއް ހިންގުން. ކޮންމެ ގޮތެއްވިޔަސް ޓެކްސީ ޑްރައިވަރުގެ ޓެކްސީ އޯނަރުކަން ކާރު ގަތުން މީގެ ތެރޭގައި ހިމެނެން ޖެހޭނެ،" ނަޝީދު ވިދާޅުވެފައިވެއެވެ.

މާލޭގައި ދުއްވާ ޓެކްސީތަކުގެ އަދަދު ސަރުކާރުން ބަލާފައިނުވާ ކަމަށާއި އެ މަނިކުފާނު 1989 ވަނަ އަހަރު ޓްރާންސްޕޯޓް މިނިސްޓްރީގައި ވަޒީފާ އަދާ ކުރެއްވި އިރު، ޓެކްސީގެ ހިދުމަތްތަކާ ބެހޭ ގޮތުން ސާވާއެއް ކުރައްވާފައިވާނެ ކަމަށެވެ. އެކަމަކު މިހާރު ހުރިހާ ކަމެއް ހައްދު ފަހަނަ އަޅައި ގޮސްފައި ހުރުމުން ޓްރެފިކް ސާވޭ އާއި މަގުތަކުގައި ވާގޮތެއް އަލުން ދެނެގަތުމަށްފަހު ޓެކްސީގެ އަދަދު ކަނޑައެޅުން މުހިންމު ކަމަށް ނަޝީދު ވިދާޅުވިއެވެ.