އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޅ. އަތޮޅަށް ވަޑައިގެންފިއެވެ.

ރައީސް ޅ. އަތޮޅަށް ކެމްޕޭނަށް ވަޑައިގެންނެވީ މިއަދުއެވެ. ދެ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ އޮޅުވެލިފުއްޓަށެވެ. އެ ރަށުގައި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ ކުރެންދުއަށް ވަޑައިގެންފައެވެ.

މިއަދު ހަވީރު ރައީސް ވަނީ ނައިފަރަށް ވަޑައިގެންފައެވެ. ރައީސް ވަނި ނައިފަރުގެ ގޭގެއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. ނައިފަރަށްފަހު ރައީސް ވަޑައިގަންނަވާނީ ހިންނަވަރަށެވެ.

ރައީސްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ރަސްމީކޮށް ފަށާފައިވަނީ އެމްޑީޕީގެ މައި ހަރުގެއިން މިދިޔަ ބުދަ ދުވަހުއެވެ. އެމަނިކުފާނު ކެމްޕޭނުގެ ސްލޯގަންއަކީ ""ކުރިއަށް އިބޫ 2023" އެވެ. އެ މަނިކުފާނު ވަނީ ކެމްޕޭނަށް، ރ. އަތޮޅު، ނ. އަތޮޅު ވެސް ވަޑައިގެންފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ނަޝީދު ވަނީ ޕްރައިމަރީގެ ކެމްޕޭނަށް، ފުވައްމުލަކު ސިޓީ، ގދ. އަތޮޅު އއ. އަތޮޅު، އދ. އަތޮޅު، ގއ. އަތޮޅު، އަދި ފ. އަތޮޅަށާއި ދ. އަތޮޅަށް ވަޑައިގެންފައެވެ. އަތޮޅަށް ވަޑައިގެންފައެވެ. ދެން އެ މަނިކުފާނު ކެމްޕޭނަށް ވަޑައިގަންނަވާނީ ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅުގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން ބާއްވާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.