އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަނީ ވަކި ބަޔަކު ބާކީކުރަން ނޫން ކަމަށާއި ޕްރައިމަރީއަށްފަހުވެސް އެމްޑީޕީ ދާނީ އެކުގައި ކުރިއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ވެލިދުއަށް ވަޑައިގެން އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަވިގޮތަކީ އެމްޑީޕީ މެމްބަރުން ވިސްނަން ޖެހޭ ކަމެއް ކަމަށާއި 2013 ވަނަ އަހަރު ބޭއްވި އިންތިހާބުން އެންމެ 6،000 މީހުންގެ ވޯޓު ނުލިބިގެން އެމްޑީޕީ ބަލިވުމަކީވެސް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ. އަދި މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނީ އެކަންކަން ތަކުރާރުނުވާނެ ގޮތަކަށް ކަމަށް ވިދާޅުވިއެވެ.

ދެހާސް ތޭރަވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމެއް ގާއިމްކުރެވެންދެން އޮތީ އަނިޔާވެރި ވެރިކަމެއްކަން ސިފަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އެ އަނިޔާވެރި ކަމަށް އަނބުރާ ނުގޮސްވާން އޮތީ ތަފާތު ފިކުރުތަކާއެކު މަސައްކަތްކޮށް އެފަދަ ތާއީދެއް އޮތް ވެރިޔަކަށް ކަމަށާއި އެއީ އެމަނިކުފާނު ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، ވެރިކަން ކުރައްވާނީ އެއްވެސް ރައްޔިތަކު ބާކީ ނުކުރައްވައި ކަމަށާއި އެކަން އެގޮތަށް ކުރެއްވޭނެ ކަމުގެ ޔަގީންކަންވެސް އެބައޮތް ކަމަށެވެ.

"މިއީ ވަކި މީހަކާ އިދިކޮޅަށް އަޅުގަނޑުމެން ކުރާ ކަމެއް ނޫން. ވަކި ބަޔަކު ބާކީކުރަން އަޅުގަނޑުމެން ކުރާ ކަމެއްވެސް ނޫން. އަޅުގަނޑުމެން މި ޕްރައިމަރީ ނިމުމާ އެކު އަނެއްކާވެސް އެކުގައި ކުރިއަށްދާނީ ހަމަ އެމްޑީޕީން. އެމްޑީޕީއަކީ އެއްބައެއް،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، މިމަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީ އާއި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުވެސް ބޮޑުތަނުން ކާމިޔާބުކުރައްވާނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެއްކޮޅުން ރައީސް ސޯލިހު ވާދަކުރައްވާ އިރު، އަނެއްކޮޅުން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.