މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ބޮޑުތަނުން އެއް ބުރުން ކާމިޔާބު ކުރައްވާނެ ކަމަށާއި އެ ވެރިކަން ދަމަހައްޓައި ވެސް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ވެލިދުއަށް ވަޑައިގެން އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، ގިނަ ފިކުރުތަކާއެކު ވެރިކަން ކުރެވޭނެ ބޭފުޅަކަށް އެމްޑީޕީގައި ހުރީ އެމަނިކުފާނު ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެކަން ސާބިތުކޮށްދެއްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީ މެންބަރުންގެ ހުރިހާ ވިސްނުމެއް ބަހައްޓަން ޖެހޭނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވާނެ ގޮތަކަށް ކަމަށާއި ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކުރައްވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ﷲގެ ރަހުމަތާއެކު އޮގަސްޓް މަހު ބާއްވާ ރިޔާސީ އިންތިހާބު އެއްބުރުން، އެއްބުރުން، އަޅުގަނޑުމެން ބޮޑުތަނުން ކާމިޔާބުކުރާނަން. އަދި އެ ވެރިކަން އިރާދަކުރެއްވިއްޔާ ދަމަހައްޓައިވެސް ދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެމަނިކުފާނަށް ޕްރައިމަރީން ކާމިޔާބީ ހޯއްދެވިގެން ކަމަށާއި ޕްރައިމަރީންވެސް ބޮޑުތަނުން ކުރި ހޯއްދަވާނެ ކަމަށެވެ،

ރައީސް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނިމުމުންވެސް ކުރިއަށްދާނީ އެއްކޮށް ކަމަށާއި އެމްޑީޕީއަކީ އެއްބައެއް ކަމަށެވެ،

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެއްކޮޅުން ރައީސް ސޯލިހު ވާދަކުރައްވާ އިރު، އަނެއްކޮޅުން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.