ކުޅިވަރު

ރޮނާލްޑޯގެ ކޮޓަރިއަށް އައްނަސްރުގެ ކޯޗު ބްރެކްފާސްޓްވެސް ގެންގޮސްދޭނެ: ޖޫނީނިއޯ

ސައޫދީ އަރަބިޔާގެ އައްނަސްރު ފުޓުބޯޅަ ކުލަބުގެ ކޯޗު ފްރާންސްގެ ރޫޑީ ހޯސޭ ގާސިޔާއަކީ ފުޓުބޯޅަ ކެރިއަރުގައި މިހާތަނަށް ދިމާވި އެންމެ ވިޔާނުދާ، ގޮތެއް ފޮތެއް ނެތް ކޯޗުކަމަށް ފްރާންސްގެ ލިއޯންގެ ސްޕޯޓިން ޑައިރެކްޓަރު ޖޫނީނިއޯ ބުނެފިއެވެ.

ބްރެޒިލްގެ ގައުމީ ޓީމަށާއި ފްރާންސްގެ މާސޭ އަދި ލިއޯނަށްވެސް ކުޅެފައިވާ ޖޫނީނިއޯ ބުނެފައިވަނީ ރޫޑީ ގާސިއާއަކީ ނުފޫޒާއި ބާރުހުރި މީހުން ނޫން ބަޔަކަށް އިހުތިރާމް ކުރާ މީހެއްވެސް ނޫންކަމުގައެވެ. މިހާރު އައްނަސްރަށް ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ދިޔައީމާ ގާސިއާ ހުންނާނީ ނިކަން އުފަލުން ފޮޅިފައި ކަމަށްވެސް ބުންޏެވެ.

ރޮނާލްޑޯ އާއި އޭނާގެ ކުރީގެ ކޯޗުންނާ މައްސަލަ ޖެހުނަސް ގާސިޔާއާ މައްސަލަ ނުޖެހޭނެ ކަމަށާއި ރޮނާލްޑޯއަށް ހެނދުނުގެ ނާސްތާ ގެންގޮސްދީ އޭނާއަށް ސަޖިދަކުރަންވެސް ގާސިއާ ފަހެއް ނުޖެހޭނެ ކަމަށް ޖޫނީނިއޯ ބުންޏެވެ. ގާސިޔާގެ މުޅި ހުވަފެނަކީވެސް ރޮނާލްޑޯ ކަހަލަ މީހުންނާ ރަހުމަތްތެރިވެ ގުޅުން ގާއިމް ކުރުން ކަމަށްވެސް ބުންޏެވެ.

ޖޫނީނިއޯ އާއި ގާސިއާ ވަނީ އެކުގައި ލިއޯނުގައި މަސައްކަތްކޮށްފައެވެ. ލިއޯނުގެ ކޯޗުކަމުން 2021 ގައި ގާސިއާ ވަކިކުރީވެސް ޖޫނީނިއޯއެވެ. އޭނާ ބުނެފައިވަނީ ގާސިއާ އަކީ އެއްވެސް ރޭވުމެއް ނުގެންގުޅޭ ބޮޑު އަނގައެއް ކަމަށާއި އޭނާ ދަންނަހާވެސް ކަމަކީ ކުލަބުގެ ވެރިންގެ ކައިރީގައި ފޮނި ވާހަކަ ދެއްކުން ކަމުގައެވެ. ކުޅުންތެރިންގެ ބަލިފައި ދަނެގެން ހިތްވަރުދީ ކަންކަން އިސްލާހުކުރުމަކީ ގާސިޔާގެ ކިބައިގައި ނެތް ސިފައެއް ކަމަށްވެސް ޖޫނީނިއޯ ބުނެފައިވެއެވެ.

އައްނަސްރަށް ރޮނާލްޑޯ ސޮއިކުރީ ދެ އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައެވެ. ސީޒަނެއްގައި ގާތްގަޑަކަށް 200 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބޭގޮތަށެވެ. ރޮނާލްޑޯއާމެދު ގާސިއާ ބުނެފައިވަނީ ރޮނާލްޑޯއަށް އޭނާ ކިޔައިދޭނެ، ދަސްކޮށްދޭނެ އާ އެއްޗެއް ނޯންނާނެ ކަމަށާއި ރޮނާލްޑޯގެ ފުށުން އައްނަސްރަށް އޮތީ ގިނަގުނަ ކާމިޔާބީތަކެއް ކަމުގައެވެ.