ރާއްޖޭގެ މިސްކިތްތަކުގައި ބަހައްޓާފައި ހުންނަ ފަންޑު ފޮށިތަކަށް ހަދިޔާ ކުރާ ފައިސާއިން މިސްކިތްތައް މަރާމާތުކުރުމަށް ބޭނުންވާ ވަރަށް ފައިސާ ނުލިބޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ރޯދަ މަހަށް މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވައި މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން "ޗާލު މިސްކިތް"ގެ ނަމުގައި ޓެލެތޯނެއް ވަނީ ފަށައިފައެވެ. މި ޓެލެތޯނަށް މަދު ވަގުތުކޮޅެއްގެ ތެރޭ 300،000 އަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.
މި ޓެލެތޯން ބާއްވަން ނިންމުމާއެކު މިސްކިތްތަކުގައި ބަހައްޓާ ފަންޑުފޮށިތަކުގައި ހުންނަ ފައިސާއިން މި ހަރަދުތައް ނުކުރެވެނީތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިސަރު އިސްމާއިލް އަފްރާހް "ވަން" އަށް މިއަދު ވިދާޅުވީ މިސްކިތްތަކުގައި ބަހައްޓާފައި ހުންނަ ފަންޑު ފޮށިތަކުގެ ފައިސާ ބޭނުން ކުރަނީ މިސްކިތްތަކުގެ މަރާމާތަށާއި މިސްކިތްތައް އިމާރާތް ކުރުމަށް ކަމަށެވެ.
އަފްރާހް ވިދާޅުވީ މި ފަންޑު ފޮށިތަކުން ލިބޭ ފައިސާއިން މިސްކިތްތައް މަރާމާތު ކުރުމަށް އެކަށިގެންވާ ވަރަށް ފައިސާ ނުލިބޭ ކަމަށެވެ.
"މިސާލަކަށް ބައެއް މިސްކިތްތަކުގެ މަރާމާތައް އެބައަރާ ފަސް ލައްކަވެސް ނުވަ ލައްކަވެސް. އަދި މިލިއަނެއްހާ ރުފިޔާވެސް އެބައަރާ ބައެއް މިސްކިތްތަކަށް. އެހެންވީމަ މި ފަންޑު ފޮށިތަކުން ލިބޭ ފައިސާއިން މިހާވަރަށް މިސްކިތްތަކަށް ނުދެވެނީ. އެއް މިސްކިތަށް ގިނައިން ދީފިނަމަ އަނެއް މިސްކިތް މަރާމާތު ކުރާ ވަރަށް ފައިސާ ނުހުރޭ،" އޭނާ ވިދާޅުވިއެވެ.
އަފްރާހް އިތުރަށް ވިދާޅުވީ 2020 ވަނަ އަހަރު މިސްކިތްތައް މަރާމާތު ކުރުމަށް އެއް މިލިއަން ރުފިޔާ ސިޓީ ކައުންސިލަށް ދީފައިވާ ކަމަށެވެ. އަދި މި އެއް މިލިއަން ރުފިޔާ މިސްކިތްތަކުގެ މަރާމަތަށް ބޭނުންކުރި ގޮތުގެ ރިޕޯޓު މިނިސްޓްރީއަށް ފޮނުވަން އެދުނު ނަމަވެސް މިހާތަނަށް އައި އިރު އެކަން ކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ. އަދި މި ފައިސާ ބޭނުން ނުކުރާ ކަމަށް ސިޓީ ކައުންސިލުން މިނިސްޓްރީ އަށް އެންގި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން މިދިޔަ އަހަރު ދެ މިލިއަން ރުފިޔާ މިސްކިތްތަކުގެ މަރާމާތަށް ބަޖެޓުކޮށް އެކަން ކައުންސިލަށް އަންގާފައިވާނޭ ކަމަށާއި އަދި ކައުންސިލުން މިސްކިތްތައް މަރާމާތުކުރުމަށްފަހު ބިލްތަކާއި ރިޕޯޓު ހުށަހެޅުމުން އެއަށް ހަރަދުވި ފައިސާ ދޭނެ ކަމަށް ކައުންސިލަށް އަންގާފައިވާނެ ކަމަށްވެސް އަފްރާހް ވިދާޅުވިއެވެ. އެހެން ނަމަވެސް މިކަންވެސް ސިޓީ ކައުންސިލުން ކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ވަން" އަށް މިއަދު ވިދާޅުވީ 2020 ވަނަ އަހަރު ދިން ފައިސާ އާ ގުޅޭ ގޮތުން ވާހަކަ ނުދައްކަވާނެ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ މޭޔަރު ކަމާ އޭނާ ހަވާލުވެ ވަޑައިގަތީ 2021 ވަނަ އަހަރު ކަމަށްވުމުން 2020 ވަނަ އަހަރުގެ ފައިސާ އަށް ވީ ގޮތް އަދި ހެދިގޮތް އެނގިވަޑައިނުގަންނަވާތީ ކަމަށެވެ.
އެހެން ނަމަވެސް 2021 ވަނަ އަހަރު އެއް މިލިއަން ރުފިޔާ މިނިސްޓްރީން ދިން ކަމަށާއި އަދި އެ ފައިސާއިން ނުވާނެ ކަމަށް ބުނެ އެ ކައުންސިލުން އިސްލާމިކް މިނިސްޓްރީ އާ ބައްދަލުކޮށް ވާހަކަދެއްކި ކަމަށެވެ. އަދި ވަގުފު ފަންޑުން އެހީތެރިކަން ދިނުމަށް އެދުމުން އެކަމަށް މިނިސްޓްރީން ދެކޮޅު ހެދި ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވަރަށް ގިނަ މީޓިންތައް އިސްލާމިކް މިނިސްޓްރީ އާއެކު ބޭއްވިން. އަޅުގަނޑުމެން ދެންނެވިން ނިސްބަތުން އެންމެ ގިނަ މިސްކިތްތައް ހުރީ މާލޭގައި ކަމަށްވުމުން މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ގިނައިން ފައިސާ ބޭނުންވާކަން. ދެން އެބޭފުޅުން ވިދާޅުވީ އެގޮތަށް ދެވެން ނެތް ކަމަށް. މިއީއޭ ދެވެން އޮތް ވަރަކީ. މައްސަލައެއް ނެތް. އެކަމަށް ވަރަށް ޝުކުރު އަދާކުރަން. އެއީދެން ސަރުކާރުން މިސްކިތްތަކަށް ދެވޭ ވަރު ކަމަށް ގަބޫލު މިކުރަނީ،" އޭނާ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މި ހުރިހާ ތަފުސީލުތައް އެނގިހުރެ މިއަހަރުވެސް އިސްލާމިކް މިނިސްޓްރީން މާލޭގެ މިސްކިތްތަކުގެ މަރާމާތަށް ބަޖެޓުކޮށްފައިވަނީ އެއް މިލިއަން ރުފިޔާ ކަމަށެވެ.
މާލޭ ސިޓީގެ މިސްކިތްތައް ބަލަހައްޓަމުން ދަނީ ސިޓީ ކައުންސިލުންނެވެ. ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން ބަލަހައްޓަމުންދާ 26 މިސްކިތެއްގެ މަރާމާތަށް 9.9 މިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ. އަދި ވޭތުވެ ދިޔަ 18 މަސް ދުވަސް ތެރޭ އެ ކައުންސިލުން 10 މިލިއަން ރުފިޔާ މިސްކިތްތަކުގެ މަރާމާތަށް ހަރަދުކޮށްފައިވާ ކަމަށްވެސް މާލެ ސިޓި ކައުންސިލުން މިއަދު އާންމުކުރި ރިޕޯޓުގައި ބުނެފައެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ހަ މިސްކިތަކަށް ބޮޑު ހޭދައެއް ކުރަންޖެހެއެވެ. އެގޮތުން މަސްޖިދު ލް ބިއްރި އަށް ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާ، މަސްޖިދުލް އިބްރާހިމް އަށް އަށް ލައްކަ އަށްވުރެ ގިނަ ރުފިޔާ، މަސްޖިދުލް އަމާނީ އަށް 837،565 ރުފިޔާ، މަސްޖިދު އަޒީޒާ މޫސާ އަށް 732،960 ރުފިޔާ، މަސްޖިދު ޖަލާލުއްދީނަށް 719،270 ރުފިޔާ އަދި މަސްޖިދުއް ޝައިހް ގާސިމް ބިން އަލްސާނީއަށް 1.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު