ދިވެހި ރައްޔިތުންނަށްޓަކައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ވެފައިވާ ވައުދުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުއްދަވައި ދެއްވާފައިވާ ކަމަށާއި އެކަމަށް އިތުރު މީހަކު ގެންނަ ވާހަކަ ދައްކާނެ ތަނެއް ނެތް ކަމަށް އެމްޑީޕީގެ ފުރަތަމަ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރައީސް ސޯލިހު ތާއީދު ހޯދެއްވުމަށް ރ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި މީދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މޫސަ ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް ނަޝީދު 2008ވަ ނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރުނު މެނިފެސްޓޯ ވެސް މި ވަގުތު ތަންފީޒު ކުރައްވަނީ ރައީސް ސޯލިހު ކަމަށެވެ.
ކޮންމެ މީހަކަށްވެސް ވެރިކަމުގެ ދެ ދައުރު އޮންނަކަން ފާހަގަ ކުރައްވައި މޫސަ ވިދާޅުވީ، ޑިމޮކްރަސީގައި އޮންނަނީ ދެ ދައުރު ކަމަށާއި އެހެންކަމުން ރައީސް ސޯލިހު ފައްޓަވާފައި ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ނުނިމި ހުރި ކަންކަން ނިންމުމަށް އެމަނިކުފާނަށް ވެރިކަމުގެ އިތުރު ދައުރެއް ދޭންޖެހޭ ކަމަށެވެ.
"ފުޓުބޯޅައިގައި މެދު ރޮނގު ހުރަސްކުރުމުން ދެމިލައިފި ކަމަށް ބުނާ ފަދައިން ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބުނި ކަންކަމުގައި ރައީސް ސޯލިހުވެސް ދެމިލައިފި،" މޫސަ ވިދާޅުވިއެވެ.
"ދަތުރުފަތުރުގެ ނިޒާމުން މަނިކުފާނު ދެމިލައިފި، ބޯހިޔާވަހިކަމުގެ ނިޒާމުން މަނިކުފާނު ދެމިލައިފި. މުސާރަ ބޮޑުކޮށްދިނުމުގެ ނިޒާމުން މަނިކުފާނު ދެމިލައިފި، ސިޔާސީ ޕާޓީތަކާ އެއްކޮށް ގުޅުން ގެންގުޅުމުގެ ނިޒާމުން ވެސް ދެމިލައިފި. ލާމަރުކަޒު ކުރުމުގެ ނިޒާމުން ވެސް މަނިކުފާނު ދެމިލައިފި. އަދި ބަނދަރު ހެދުމުގެ ގޮތުން ވެސް މަނިކުފާނު ދެމިލައިފި،" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ، ފެނާއި ނަރުދަމާގެ ގޮތުންނާއި މަގު ހެދުމާއި ބިން ހިއްކުމުން ވެސް ރައީސް ސޯލިހު ދެމިލައިފި ކަމަށެވެ.
ގިނަ އަހަރުތަކަކަށްފަހު އެމްޑީޕީއާ ގުޅިވަޑައިގަތް ސަބަބު އޮޅުންފިލުއްވައިދެއްވަމުން މޫސަ ވިދާޅުވީ، ރައީސް ސޯލިހާ އެކު އެމްޑީޕީއާ ދެވަނަ ފަހަރަށް ގުޅިވަޑައިގަތީ ހިކުމަތްތެރި މަސައްކަތްތަކަކާއި ހަގީގަތްތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި މި ސަރުކާރުން ރަށްރަށުގައި ވަރަށް ގިނަ ހިދުމަތްތައް ފުރިހަމަކޮށްދެމުންދާ މަންޒަރު ފެންނަ ކަމަށެވެ.