ޕޯޗުގަލްގެ ތަރި، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދާދި ފަހުން ސައުދީ އަރަބިއާގެ ފުރަތަމަ ޑިވިޝަންގެ ޓީމެއް ކަމަށްވާ އަލް ނަސްރާ ގުޅިފައެވެ. އުމުރުން 37 އަހަރުގެ ރޮނާލްޑޯ، އަލް ނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ދައްކާލައިފައިވާ އިރު، ރޮނާލްޑޯ ވެގެންދާނީ އޭޝިއާ ލީގެއްގައި ކުޅޭނެ އެ ފެންވަރުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. އަލް ނަސްރުން ބުނީ ރޮނާލްޑޯގެ ޓްރާންސްފާއަކީ މުޅި ސައުދީގެ ފުޓުބޯޅަ ކުރިމަގަށް ބަދަލުތަކެއް ގެނުވާނެ ޓްރާންސްފާއެއް ކަމަށެވެ.
އަލް ނަސްރާއެކު ރޮނާލްޑޯ ސޮއިކޮށްފައިވަނީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އަލް ނަސްރުގެ އެއްބަސްވުމާއެކު ރޮނާލްޑޯއަށް އަހަރަކު 177 މިލިއަން ޕައުންޑްގެ މުސާރައެއް ޖެހޭނެއެވެ.
ރޮނާލްޑޯ އިއުލާން ކުރުމަށް އަލް ނަސްރުން ބޮޑު އިވެންޓެއް ބާއްވާފައިވާ އިރު، އޭނާގެ އާއިލާއާއެކު ސްޓޭޑިއަަމްގައި ދައްކާލައިފައިވެއެވެ. ރޮނާލްޑޯގެ ލޯބިވެރިޔާ، ސުޕަ މޮޑެލް ޖޯޖީނާ ރޮޑްރީގޭޒްއާއެކު ރޮނާލްޑޯގެ ދަރިންވެސް އަލް ނަސްރުގެ ހާއްސަ އިވެންޓުގައި ވަނީ ބައިވެރިވެފައެވެ.
ރޮނާލްޑޯގެ ދަރިންނާއެކު މިހާރު ސައުދީގައި ދިރިއުޅެމުންދާ އިރު، މީޑިއާތަކުން ފެންމަތިކޮށްފައިވާ އެއް މައްސަލައަކީ ޖޯޖީނާއާއި ރޮނާލްޑޯ ކައިވެނި ނުކޮށް، ސައުދީގެ އެއް ގެއެއްގައި ދިރިއުޅެމުންދާ މައްސަލައެވެ.
ސައުދީ ގާނޫނު ބުނާ ގޮތުން، ހިލޭ އަންހެނަކާއި ފިރިހެނަކު ކައިވެނިން ބޭރުގައި އެކުގައި ދިރިއުޅުމަކީ އަދަބު ދެވެނޭ ކުށެކެވެ. އެހެންކަމުން ރޮނާލްޑޯއަށް އޮތީ ކޮންގޮތެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދާފައިވާ އިރު، ސައުދީގެ ބައެއް ގާނޫނީ ވަކީލުން ބުނެފައިވަނީ ރޮނާލްޑޯއަށް އެކަމުގައި އަދަބު ލިބޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.
"އެގޮތަށް ގާނޫނުގައި ލިޔެވިފައިވާ ނަމަވެސް އެކަން ހަރުކަށިކޮށް ބަލައި މިހާރު އަދަބު ދެނީ މަދުފަހަރަކު. އެއީވެސް އެކަމުގެ ސަބަބުން މައްސަލައެއް ޖެހި، ގޯހެއް ހިނގައިފި ހާލަތެއްގައި އެކަނި،" ވަކީލަކު ބުންޏެވެ.
އިތުރު ވަކީލަކު މީޑިއާއަށް ބުނެފައިވާ ގޮތުގައި، އެހެން ގައުމުތަކަށް ނިސްބަތްވާ މީހުން އެފަދަ ގޮތަކަށް ކައިވެނިނުކޮށް އެއް ގެއެއްގައި އުޅެމުންދިޔަ ނަމަވެސް ސަރުކާރުގެ އިދާރާތަކުން މާ ބޮޑު ސަމާލުކަމެއް ނުބަހައްޓައެވެ. ހާއްސަކޮށް ރޮނާލްޑޯއަކީ މާކެޓިން އިންފުލުއެންސާއަކަށްވާތީ، އެކަމުގައި ސަރުކާރުން އަދަބު ދޭން ނުވިސްނާނެ ކަމަށް ބެލެވޭ ކަމަށްވެސް ވަކީލު ބުނެފައިވެއެވެ.
ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯއަކީ ޔޫރަޕްގެ ރެކޯޑު ގޯލު ޖެހުންތެރިއެކެވެ. ރޮނާލްޑޯ ބޮޑު މުސާރައިގައި އަލް ނަސްރަށް ގޮސްފައިވާ އިރު، ކްލަބުގެ ރައީސް މުއައްމާރު ވިދާޅުވީ ރޮނާލްޑޯގެ މުސާރަ ބޮޑު ނަމަވެސް، އެ އެއްބަސްވުމަކީ ވިޔަފާރީގެ އެތައް ގޮތަކަށް ބަލައި އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމަށެވެ. އެގޮތުން ރޮނާލްޑޯ ގެންދިއުމުގެ ހަމައެކަނި ބޭނުމަކީ ފުޓްބޯޅަ ނޫން ކަމަށްވެސް އަލް ނަސްރުގެ ރައީސް މުއައްމާރު ވިދާޅުވިއެވެ.
ސައުދީން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް އެގައުމުގައި ބާއްވަން މަސައްކަތް ކުރަމުންދާ އިރު، އެކަމަށް ގްރީސް އާއި މިސްރު އެކުވެ ޖޮއިންޓް ބިޑެއް ކުރަން ވަނީ ތައްޔާރުވެފައެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ