އެމްޑީޕީގެ ތެރެއިން އެ ޕާޓީގެ ފިކުރު ފަނޑުވެ، ޑީއާރުޕީގެ ކުލައާއި ގޮތް އެމްޑީޕީގެ ތެރެއަށް ފޭދެން ފަށާފައިވާ ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު އއ. ހިމަންދުއަށް ކުރެއްވި ދަތުރުފުޅުގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ، އިންތިހާބެއް ކައިރިވީމަ ސަރުކާރުގެ ވަޒީފާތަކުގައި ތިބޭ ފަރާތްތަކަށް ނުފޫޒު ފޯރުވާކަން މިހާރު ފެންނަމުންދާ ކަމަށެވެ. އަދި އެއީ އެމްޑީޕީގެ ފިކުރެއް ނޫން ކަމަށާއި އެ ޕާޓީން ވަކާލާތުކުރާ ގޮތެއްވެސް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ޑީއާރުޕީގެ ކުލަ، ޑީއާރުޕީގެ ގޮތް، އަޅުގަނޑުމެން ތެރެއަށް ފޭދެން ފަށައިފި. އިންތިހާބުތައް ދިމާވީމާ މަދަރުސާތަކުގެ ޕްރިންސިޕަލުން އެއްތަނުން އަނެއްތަނަށް ބަދަލުކޮށް، އިންޖީނުގޭގައި ހުންނަ މީހާ އެހެން ތަނަކަށް ފޮނުވާފައި، ހެލްތު ސެންޓަރުގައި ހުންނަ މީހާ ވެސް. މި ބާވަތުގެ ކަންކަން ހިންގަން ފަށައިފި،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންނަށް ވަޒީފާގެ ބިރު ނުދެއްކޭނެ ކަމަށާއި އެމްޑީޕީގެ މެމްބަރުން ގޮތުގައި ތިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރި ހިމަންދޫގެ ގިނަ ރައްޔިތުން އެމަނިކުފާނާ އެކުގައި ޖަލު ބަންދުގައި ތިބެން ޖެހުނު ކަމަށާއި އޭރުވެސް މައުމޫން ދެއްކެވި ބިރުތަކަށް ސިހިފައި ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނެއް ނުބުނަން އާދޭ ޒައިމޭ، ޒައިމޭ، ޒައިމޭ، ޒައީމޭ، ޒައިމޭ ޒިންދާބާދޭ. އަޅުގަނޑުމެން ބުނީ، އަޅުގަނޑުމެން ބޭނުމީ އަޅުގަނޑުމެންގެ ހައްގޭ. އަޅުގަނޑުމެން ބުނީ އަޅުގަނޑުމެން ބޭނުންވަނީ ފަހުރުވެރި ދިވެއްސަކަށްވުމޭ. ތައްޕާހަށް ދީލާލާކަށް ނޫނޭ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ވެރިންނަށް ގަދަރުކުރުމަކީ އެބޭފުޅުންނަށް ކުޑަކަކޫ ޖެއްސެވުން ނޫން ކަމަށާއި ރައްޔިތުން ވޯޓު ދޭނީ އެމީހުންނަށް ފެންނަ ގޮތަކަށް ކަމަށެވެ. އަދި އެއީ އަދާކުރާ ވަޒީފާގެ ގޮތަކުން ނޫން ކަމަށާއި ސަރުކާރު ކުންފުނިތަކަކީ ރައްޔިތުންގެ ފައިސާއިން އުފައްދާފައިވާ ރައްޔިތުންގެ ކުންފުނިތައް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ އެމްޑީޕީގެ ރައީސްގެ އިތުރުން ކުރީގެ ރައީސެއް ކަމަށާއި ދިވެހި ދިދަ ޖަހާފައި ހުންނަ ލޯންޗުތަކުގައި އެމަނިކުފާނަށް ވެސް ކެމްޕޭނަށް ރަށްރަށަށް ދަތުރު ކުރެވިދާނެ ކަމަށެވެ. ނަމަވެސް މިއީ އެމްޑީޕީގެ އެތެރޭގައި އިންތިހާބެއް ކަމަށާއި ކެމްޕޭނަށް އަންނަން ވާނީ ސާދާކޮށް ކަމަށެވެ. އަދި ސަރުކާރު ވަސީލަތްތައް ބޭނުންކޮށްގެން އިންތިހާބުތަކުގައި ކެމްޕޭނު ކުރުމަކީ އެމްޑީޕީ ދަންނަ ކަމެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހީފުޅުކުރައްވަނީ އެމަނިކުފާނު މޮޅުވާނެ ކަމަށާއި ނަަމަވެސް އެމްޑީޕީގެ ދަފުތަރުން 39،000 މެމްބަރުން ވަކިކޮށްފައިވާ ކަމަށެވެ. އަދި އެ 39،000 މެމްބަރުންގެ އާއިލާއާއި ގާތް މީހުންގެ ވޯޓު ހިމަނައިގެން އެމްޑީޕީއަށް އެ ގެއްލުނީ ރިޔާސީ އިންތިހާބުގައި ހޯދަންޖެހޭ 70،000 ވޯޓު ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ލިބިފައިވާ ހަމައެކަނި ބާރަކީ ވޯޓު ދިނުން ކަމަށާއި އެ ބާރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެދޭ ކަމަށެވެ. އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ މަސައްކަތެއް ކަމަށާއި އެހެން ފިކުރަކަށް ނުވަތަ އެހެން ޕާޓީއެއްގެ ފިކުރަކަށް ލެނބިފައިނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު