އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ނ. އަތޮޅު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެމަނިކުފާނު ނ. އަތޮޅުގެ ކެނދިކުޅުދޫ، މަނަދޫ އަދި ވެލިދުއަށް ވަޑައިގަންނަވާނެއެވެ. ކެނދިކުޅުދޫ އަދި މަނަދުއަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންނާ ރައީސް ބައްދަލުކުރައްވާނެއެވެ. އަދި ވެލިދުއަށް ވަޑައިގެން އެ ރަށުގައި ބާއްވާ ކެމްޕޭން ޖަލްސާއެއްގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ރައީސް މިވަގަތު ހުންނެވީ ކެމްޕޭނުގައި ރ. އަތޮޅުގައެވެ.

ރައީސްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ރަސްމީކޮށް ފަށާފައިވަނީ އެމްޑީޕީގެ މައި ހަރުގެއިން މިދިޔަ ބުދަ ދުވަހުއެވެ. އެމަނިކުފާނު ކެމްޕޭނުގެ ސްލޯގަންއަކީ ""ކުރިއަށް އިބޫ 2023" އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ނަޝީދު ވަނީ ޕްރައިމަރީގެ ކެމްޕޭނަށް، ފުވައްމުލަކު ސިޓީ، ގދ، އއ އަދި ގއ. އަތޮޅަށް ވަޑައިގެންފައެވެ. ނަޝީދު ވަނީ މިއަދު ކެމްޕޭނަށް އދ. އަތޮޅަށް ވަޑައިގެންފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން ބާއްވާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.